Roadha Mihaaru
ޕިއާނޯގެ ފުރަތަމަ ރައުންޑްގައި ރީތި ހުށަހެޅުންތަކެއް

ޕިއާނޯގެ ފުރަތަމަ ރައުންޑްގައި ރީތި ހުށަހެޅުންތަކެއް

18 ފެބުރުއަރީ 2017

ޓީވީއެމުން ގެނެސްދޭ "މޯލްޑިވިއަން އައިޑޮލް" ސީޒަންގެ 2 ގައި 16 ބައިވެރިންނާ އެކު ރޭ ޕިއާނޯ ރައުންޑް ފަށައި، ފުރަތަމަ 8 ބައިވެރިންގެ ހިތްގައިމު ހުށަހެޅުންތަކުން ޖަޖުންގެ ހިތްތައް ފަތަހަކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓީވީއެމުން ގެނެސްދޭ "މޯލްޑިވިއަން އައިޑޮލް" ސީޒަންގެ 2 ގައި 16 ބައިވެރިންނާ އެކު ރޭ ޕިއާނޯ ރައުންޑް ފަށައި، ފުރަތަމަ 8 ބައިވެރިންގެ ހިތްގައިމު ހުށަހެޅުންތަކުން ޖަޖުންގެ ހިތްތައް ފަތަހަކޮށްފި އެވެ.

ރޭ އެންމެ ފުރަތަމަ ލަވަ ހުށަހަޅައި ދިނީ މުހައްމަދު ރައިހާނެވެ. އުމުރުން 18 އަހަރުގެ ޒުވާނާގެ ބަރު އަޑުން ހުށަހަޅައި ދިން ލަވަ ވެގެން ދިޔައީ ތިން ޖަޖުންނަށް ވެސް އެންމެ ބޮޑަަށް ކަމުދިޔަ ލަވައަށެވެ.

ރައިހާންގެ ލަވަ، ތިން ޖަޖުން ކަމަށްވާ އިސްމާއީލް އައްފާނާއި މަރިޔަމް އުނޫޝާ (ކިޑީ) ގެ އިތުރުން އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އަށް ވެސް ވަރަށް ކަމުދިޔަ އެވެ.

ރޭގެ ބައިވެރިންގެ ހުށަހެޅުންތަކުގައި އެހާރާއި މިހާރުގެ ވަރަށް ހިތްގައިމު ލަވަތަކެއް ހިމެނި އެވެ.

ރައިހާން ރޭ ލަވަ ކިޔަނީ.

އެގޮތުން ޝަޒާ އަބްދުﷲ ރަޝީދު ހުށަހަޅައިދިން "އޭމީ ލޯބި" އާއި އަބްދުﷲ ޝަމީލްވީލް ހުށަހަޅައި ދިން "މިރޭ ދެކޭ ހޫނާ" ވެގެން ދިޔައީ ޖަޖުންނަށް ވަރަށް ކަމުދިޔަ ލަވަތަކެވެ.

މީގެ އިތުރުން އެންމެ ފަހުން ލަވަ ހުށަހަޅައި ދިން މުހައްމަދު ތަސްނީމް ކީ "ހިނިތުން ވެލާށޭ ކަލާއަކީ" ވެސް ރޭގެ ޝޯ ނިންމާލަމުން ހުށަހަޅައި ދިން އެހާމެ ހިތްގައިމު ލަވައެކެވެ.

އެ ލަވަ އަށް ކޮމެންޓް ކުރަމުން ކުޑައިއްބެ ބުނީ ތަސްނީމްގެ އަޑު ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އުމަރު ޒާހިރުގެ އަޑާ ވަަރަށް ވައްތަރު ގޮތެއް އެބަ ހުރި ކަމަށެވެ.

ޝަޒާ ރޭ ލަވަ ކިޔަނީ.

ރޭ ލަވަ ހުށަހަޅައި ދިން ބައިވެރިންގެ ތެރެއިން ޝަނީޒާ ޝަރީފާއި، މުހައްމަދު ހަމްދާން އަދި އަހުމަދު ސައްޔާހުގެ ހުށަހެޅުންތަކަކީ ވެސް ޖަޖުންނާއި ބެލުންތެރިންގެ ހިތްތައް ހަމަޖައްސައި ދިން ލަވަތަކެވެ.

ރޭ ލަވަ ހުށަހަޅައި ދިން ބައިވެރިންނަށް ވޯޓް ލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން މިއަދު ހަވީރު 3:00 އާ ހަމައަށް ބެލުންތެރިންނަށް އެސްއެމްއެސް މެދުވެރިކޮށް ވޯޓް ދެވޭނެ އެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑޮލް" ގައި ބައިވެރިންނަށް ކުރިއަށް ދެވޭނީ ޖަޖުންގެ 50 ޕަސަންޓް ވޯޓާއި އާންމުންގެ 50 ޕަސަންޓް ވޯޓާ އެކުގަ އެވެ.

ޝޯގެ މާދަމާ ރޭގެ އެޕިސޯޑް ހާއްސަވެގެން ދާނީ އެލިމިނޭޝަނެވެ.

ތަސްނީމް ރޭ ލަވަ ކިޔަނީ.

މާނައަކީ ރޭ ލަވަ ހުށަހަޅައި ދިން ބައިވެރިންގެ ތެރެއިން ދެ ބައިވެރިން ކަޓައި، ގާލާ ރައުންޑަށް ދާ ފުރަތަމަ ހަ ބައިވެރިން މިރޭގެ އެޕިސޯޑުން ކަށަވަރުވެގެން ދާނެ އެވެ.

"މޯލްޑިވިއަން އައިޑޮލް" ގެ ގާލާ ރައުންޑް ފަށާނީ ޕިއާނޯގެ ދެވަނަ ރައުންޑުން ވެސް ހޮވޭ ހަ ބައިވެރިންނާ އެކުގަ އެވެ.

ގާލާ ރައުންޑަށް ދާނީ 12 ބައިވެރިންނެވެ.