Roadha Mihaaru
"އައިޑޮލް 3" ގެ އޮޑިޝަން ޝޯތައް އަންނަ މަހު

މޯލްޑިވިއަން އައިޑޮލް ސީޒަން 3ގެ އޮޑިޝަން ޝޯތައް އަންނަ މަހު 2 ގައި ދައްކަން ފަށަނީ

18 ޖެނުއަރީ 2018

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3ގެ އޮޑިޝަން ޝޯތައް އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރެއިން ފެށިގެން ޓީވީއެމުން ދައްކަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3ގެ އޮޑިޝަން ޝޯތައް އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރެއިން ފެށިގެން ޓީވީއެމުން ދައްކަން ނިންމައިފި އެވެ.

ކާމިޔާބު ދެ ސީޒަނަށް ފަހު، ތިން ވަނަ ސީޒަން ދައްކަން ތައްޔާރުވަމުން އަންނަ އިރު، ރާއްޖޭގެ ތިން ސަރަހައްދެއްގައި ވަނީ އޮޑިޝަން ވެސް ބާއްވައިފަ އެވެ. އެއީ އައްޑު އާއި ރ. އުނގޫފާރާއި މާލޭގަ އެވެ.

ޓިވީއެމް ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރެއިން ފެށިގެން އޮޑިޝަން ޝޯތައް ދައްކާ އިރު، ފުރަތަމަ ދައްކާނީ މާލޭގެ އޮޑިޝަން ކަމަށެވެ.

މޯލްޑިވިއަން އައިޑިލް ސީޒަން ތިނެއްގައި ވާދަ ކުރަން ލަވަ ކީ ބައިވެރިންގެ އޮޑިޝަން ހުށަހެޅުންތަކަށް ފަހު، ގޯލްޑަން ޓިކެޓް ހޯދާ ބައިވެރިންނާ އެކު ތިއޭޓަ ރައުންޑްގެ ޝޯތައް ގެނެސް ދޭނެ އެވެ. އަދި ޕިއާނޯ ރައުންޑް ނިންމައި، ގަދަ 12 ބައިވެރިންނާ އެކު ގާލާ ރައުންޑްގެ ޝޯތައް ފަށާނެ އެވެ.

މޯލްޑިއަން އައިޑޮލްއަކީ ގާތްގަނޑަށް ތިން މަސް ދުވަހަށް ދެމިގެންދާ ޝޯއެކެވެ.

ކުރީ ދެ ސީޒަނާ ހިލާފަށް މި ފަހަރުގެ ސީޒަންގައި ވަނީ ހަތަރު ޖަޖުން ހިމަނައިފަ އެވެ. ޖަޖުންގެ ޕެނެލާ އަލަށް ގުޅުނު ފަންނާނަކީ ޒާރާ މުޖުތަބާ އެވެ. ދެން ހިމެނޭ ޖަޖުންނަކީ ކުރީ ސީޒަންތަކުގައި ވެސް ޖަޖްކަންކޮށްފައިވާ އަހުމަދު އިބްރާހީމް (އައްމަޑޭ) އާއި މަރިޔަމް އުނޫޝާ (ކިޑީ) ގެ އިތުރުން އިސްމާއީލް އައްފާނެވެ.

މިދިޔަ އަހަރު ބޭއްވި މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް ކާމިޔާބު ކުރީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.