Roadha Mihaaru
މޯލްޑިވިއަން އައިޑޮލްގެ ފަނޑިޔާރުންގެ ޕެނެލަށް ޒާރާ

މޯލްޑިވިއަން އައިޑޮލްގައި، ޒާރާއާ އެކު ހަތަރު ފަނޑިޔާރުން

27 އޮކްޓޯބަރ 2017

މުޅިން އަލަށް ޖަޖިން ޕެނަލަށް އައި ޒާރާ މުޖުތަބާގެ އިތުރުން އާ ހޯސްޓަކާ އެކު ޓީވީއެމްގެ މޯލްޑިވިން އައިޑޮލް ސީޒަން ތިނެއް ރޭ ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުޅިން އަލަށް ޖަޖިން ޕެނަލަށް އައި ޒާރާ މުޖުތަބާގެ އިތުރުން އާ ހޯސްޓަކާ އެކު ޓީވީއެމްގެ މޯލްޑިވިން އައިޑޮލް ސީޒަން ތިނެއް ރޭ ލޯންޗްކޮށްފި އެވެ.

ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިން އައިޑޮލް ތިނެއް ލޯންޗްކޮށް ދެއްވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާމަން އިބްރާހިމް ޢުމަރު މަނިކެވެ.

ޓީވީއެމުން 2015 އިން ފެށިގެން ކުރިއަށް ގެންދާ މޯލްޑިވިއަން އައިޑޮލްގެ އާ ސީޒަންގެ ޖަޖިން ޕެނަލަށް އަލަށް ގުޅުނު ޒާރާ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން ކުރެހުންތެރިއެއް ވެސް މެ އެވެ. އޭނާއާ އެކު ސީޒަން ތިނެއްގެ ޖަޖިން ޕެނަލުގައި ހިމެނެނީ ފުރަތަމަ ސީޒަނުން ފެށިގެން ޖަޖްކަން ކުރަމުން އަންނަ މަރިޔަމް އުނޫޝާ (ކިޑީ) އާއި ދެވަނަ ސީޒަންގައި ޖަޖަކަށް އިން އިސްމާއީލް އައްފާންގެ އިތުރުން ފުރަތަމަ ސީޒަންގެ ޖަޖިން ޕެނަލްގައި ހިމެނި، ގިނަ ބައެއްގެ ތަރުހީބު ލިބުނު، އަހުމަދު އިބްރާހީމް (އައްމަޑޭ) އެވެ.

މި ފަހަރު ޖަޖިން ޕެނަލުން އުނިވީ ފުރަތަމަ ދެ ސީޒަނުން ވެސް ފެނުނު އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އެވެ.

ޝޯގެ ދެ ސީޒަން ވެސް ހޯސްޓްކޮށް ދިން މޫސާ ވަސީމާ އެކު، ސީޒަން ތިނެއް ހޯސްޓް ކުރާނީ ރޭޑިއޯ ޕްރޮގްރާމްތައް ހުށަހަޅަމުން އަންނަ ޝާއިނާ ޝަރީފެވެ.

މޫސާ ވަސީމާ އެކު ފުރަތަމަ ސީޒަން ހޯސްޓްކުރީ މަރިޔަމް މައުރީން އެވެ. ދެވަނަ ސީޒަންގައި ފެނުނީ ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފެވެ.

"މޯލްޑިވިއަން އައިޑޮލް 3" ގެ ލޯންޗިން ހަފުލާގެ ތެރެއިން.

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް ލޯންޗްކުރި ނަމަވެސް، އޮޑިޝަން ބާއްވާ ރަށްރަށާއި ޝޯ ފަށާނެ ރަސްމީ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

މި ފަހަރު ވެސް އައިޑޮލްގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ.

މޯލްޑިވިއަން އައިޑޮލްއަކީ ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ރިއަލިޓީ ޝޯ އެވެ.

މި އަހަރުގެ މާޗްގައި ނިމުނު މޯލްޑިވިއަން އައިޑޮލް ދޭއް ކާމިޔާބުކުރީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.