Roadha Mihaaru
"މޯލްޑިވިއަން އައިޑޮލް 2" ލޯންޗްކޮށްފި

"މޯލްޑިވިއަން އައިޑޮލް 2" ލޯންޗްކޮށްފި، އޮޑިޝަންގެ ފުރަތަމަ ބުރު އައްޑޫގައި

02 އޮކްޓޯބަރ 2016

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަން ކާމިޔާބުކަމާ އެކު، މި އަހަރުގެ ކުރީކޮޅު ނިންމައިލުމަށް ފަހު، އެ ޝޯގެ ދެވަނަ ސީޒަން ރޭ ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަން ކާމިޔާބުކަމާ އެކު، މި އަހަރުގެ ކުރީކޮޅު ނިންމައިލުމަށް ފަހު، އެ ޝޯގެ ދެވަނަ ސީޒަން ރޭ ލޯންޗްކޮށްފި އެވެ.

ދަރުބާރު ގޭގައި ރޭ ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި "މޯލްޑިވިއަން އައިޑޮލް" ސީޒަން ދޭއް ލޯންޗްކޮށް ދެއްޕީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއާމަން އިބްރާހިމް އުމަރު މަނިކެވެ.

މުބާރާތުގެ ޓްރޮފީ މަނިކާ ހަވާލުކޮށް ދިނީ "މޯލްޑިވިއަން އައިޑޮލް" ސީޒަން އެކެއް ކާމިޔާބު ކުރި ލައިޝާ ޖުނައިދެވެ.

ރޭގެ ހަފުލާގައި އޮޑިޝަން ބާއްވާނެ ސަރަހައްދުތަކާއި ޖަޖުންނާއި މުބާރާތުގެ ޕްރެޒެންޓަރުން ވެސް ދައްކާލައި، އެ މީހުންނާ ވަނީ އެގްރިމަންޓް ހަވާލުކޮށްފަ އެވެ.

"މޯލްޑިވިއަން އައިޑޮލް 2" ގެ ޖަޖުންގެ ތެރޭގައި މި ފަހަރު ވެސް ކުރީ ސީޒަންގެ ދެ ޖަޖުން ހިމެނެ އެވެ. އެއީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އުނޫޝާ (ކިޑީ) އެވެ. ތިން ޖަޖުން ހިމެނޭ ޕެނަލުން އަހުމަދު އިބްރާހީމް (އައްމަޑޭ) ބާކީކޮށް، ޕެނަލާ މި ފަހަރު ގުޅުނީ އަރައަމުން ޒުވާން ލަވަ ކިޔުންތެރިޔާ އިސްމާއީލް އައްފާނެވެ.

"މޯލްޑިވިއަން އައިޑޮލް 2" ގެ ތިން ޖަޖުން.

"މޯލްޑިވިއަން އައިޑޮލް 2" ގެ ތިން ޖަޖުން.

ދިރާގުން މި ފަހަރު ވެސް ޓައިޓްލް ސްޕޮންސަރުކަން ނަގާފައިވާ "މޯލްޑިވިއަން އައިޑޮލް 2" ގެ ޕްރެޒެންޓަރުންނަކީ ކުރީ ސީޒަންގެ ވެސް ޕްރެޒެންޓަރު މޫސާ ވަސީމާއި މި ފަހަރު އަލަށް ގުޅުނު މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އެވެ.

ސީޒަން އެކެއްގައި ވަސީމާ އެކު ޕްރެޒެންޓް ކުރީ މަރިޔަމް މައުރީނެވެ.

ޕީއެސްއެމުން ބުމި ގޮތުގައި "މޯލްޑިވިއަން އައިޑޮލް 2" ގެ އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ވަނީ އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

"މޯލްޑިވިއަން އައިޑޮލް 2" ގެ ދެ ޕްރެޒެންޓަރުން.

"މޯލްޑިވިއަން އައިޑޮލް 2" ގެ ދެ ޕްރެޒެންޓަރުން.

މި ފަހަރު ވެސް އޮޑިޝަން ފަށާނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގަ އެވެ. އައްޑޫގައި މި މަހުގެ 8 ގައި އޮޑިޝަން ފަށާނެ އެވެ.

ދެން އޮޑިޝަންތައް ކުރިއަށް ދާނީ މާލެ އާއި ބ. އޭދަފުއްޓާއި ލ. ގަމާއި ހދ. ކުޅުދުއްފުށީގަ އެވެ.