Roadha Mihaaru
އޭޝިއާ ކޮލިފައިންއަށް ގައުމީ ފުޓްސަލް ޓީމު ހޮވައިފި

ގައުމީ ފުޓްސަލް ޓީމަށް މިފަހަރު ވެސް ސައްޓު، ހާއްޕެ، ހުޒޭ އަދި ޝާއްޕެ ނަގައިފި

21 ސެޕްޓެމްބަރ 2023

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ 14 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ 14 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކޮށްފި އެވެ.

ސްކޮޑް ފައިނަލު ކުރުމުގެ މަރުހަލާގައި 47 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވައިލި އެވެ. އޭގެ ތެރެއިން 20 ކުޅުންތެރިންނާ އެކު ރަސްމީ ފަރިތަކުރުންތައް ފެށީ މިމަހު އެވެ.

މިދިޔަ އަހަރުގެ ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިން މިއަހަރުގެ ޓީމުގައި ވެސް ހިމެނެ އެވެ. ގައުމީ ސްކޮޑު އިއުލާން ކުރީ ފަސް ބަދަލަކާ އެކު އެވެ. މުޅިން އަލަށް ގައުމީ ޓީމުން ފުރުސަތު ހޯދީ އިސްމާއިލް ވަޖީހު، އަލީ ޝިޔާހު، އަލީ މާއިސް، ޔާމީން މުހައްމަދު އަދި ގޯލްކީޕަރު ފައްޔާޒް ފަޔާޒް އެވެ.

ކޮލިފައިން އަށް ދާ ގައުމީ ފުޓްސަލް ޓީމް:

● ގޯލްކީޕަރުން: ޒައިދާން އަހުމަދު (އަސޫ)، ފައްޔާޒް ފަޔާޒް (ފައިއްޓެ)

● އައުޓްފީލްޑް ކުޅުންތެރިން: މުހައްމަދު އިމްރާން (އިންމި)، ސާމިން މުހައްމަދު ނަސީރު، އަލީ ހާފިޒް (ހާއްޕެ)، ހުޒައިފަތު ރަޝީދު (ހުޒޭ)، ހުސެއިން ޝަރީފް (އޮންލީ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އިޝާން އިބްރާހިމް (ސައްޓު)، ހުސެއިން ސުހައިލް (ސޮކޭ)، އިސްމާއިލް ވަޖީހު (ވައްޖެ)، އަލީ ޝިޔާހު (ޝިޔާ)، އަލީ މާއިސް (މައްޓު)، ޔާމީން މުހައްމަދު (ޔާންޓެ)

މިއަހަރު ވެސް ގައުމީ ޓީމުގެ ކޯޗަކީ އަބްދުﷲ ނަސީރު (އަބޯ) އެވެ. އެސިސްޓެންޓް ކޯޗުންނަކީ އަހުމަދު ވިޝާލް (އަންދު) އާއި އަހުމަދު ތޯހާ އެވެ. ގޯލްކީޕަރު ޓްރޭނަރަކަށް އިބްރާހިމް އަހުމަދު ހަމަޖައްސާފައި ވާއިރު ޝަހުމް އަހުމަދު ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ހިމަނައިފައި ވެއެވެ. އަދި ޓީމުގެ މެނޭޖަރަކީ އަލީ ނަދީމް (ކޮކޯ) އެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ ލެބަނަން އާއި ކިރިގިސްތާން އަދި ދުނިޔޭގެ ފުޓްސަލްގެ ގަދަ ބާރެއް ކަމަށްވާ އިރާނާ އެއް ގުރޫޕެއްގަ އެވެ.

ކިރިގިސްތާނުގައި ހޯސްޓު ކުރާ މި ގުރޫޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތްވަނަ ދުވަހު އިރާނާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވާއިރު، ނުވަވަނަ ދުވަހު ލެބަނަންއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ފަހު މެޗު ކިރިގިސްތާނާ ދެކޮޅަށް ކުޅޭނީ އޮކްޓޫބަރު 11 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވެސް ރާއްޖެ ލައްވާލީ އިރާނާއި ކިރިގިސްތާނާ އެއް ގުރޫޕެއްގަ އެވެ. އޭޕްރީލް މަހު އޮތް ކޮލިފައިންގައި އިރާނާއި ކިރިގިސްތާން އަދި ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅުމުގެ އެއް މަސް ކުރިން ރާއްޖޭން ވަނީ ތަޖުރިބާ ހޯދުމުގެ ގޮތުން ތައިލެންޑުގައި އޮތް އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕްގައި ތައިލެންޑާއި އޮމާން އަދި މޮންގޯލިއާއާ ދެކޮޅަށް ކުޅެފަ އެވެ.