Roadha Mihaaru
އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނޯންނާނެ:މުއިއްޒު

ކޮރަޕްޝަން ހިންގާ މީހަކު ފާހަގަވެއްޖެ ނަމަ އިސްވެ، ފިޔަވަޅު އަޅާނީ އަޅުގަނޑު: މުއިއްޒު

26 ސެޕްޓެމްބަރ 2023

އޭނާގެ ސަރުކާރެއްގައި ރައްޔިތުންނަށް ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަނީ ސާފު ސަރުކާރެއް ގާއިމުކުރަން ކަމަށް އިިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ ލ. ގަމުން އައިޝަތު ނުޒުހާ

އޭނާގެ ސަރުކާރެއްގައި ރައްޔިތުންނަށް ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަނީ ސާފު ސަރުކާރެއް ގާއިމުކުރަން ކަމަށް އިިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ލ. އާއި ގއ. އާއި ގދ. އާއި ފުވައްމުލައް އަދި އައްޑު އަށް ފެއްޓެވި ކެމްޕެއިން ދަތުރުގައި ލ. ގަމުގެ ސަޕޯޓަރުންނާ އެކު ބޭއްވި ފޯރިގަދަ ޖަލްސާގައި މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނެ ކަމަށެވެ. ވިދާޅުވީ، ރައްޔިތުންނަށާއި ނޫސްވެރިންނަށް ސަރުކާރުގެ ކަންކަން ނޭނގިގެން އުޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ. ރައްޔިތުންނަށް ހިދުމަތް ކުރަން ވެރިކަމަށް އަންނަ ބަޔަކު ފޮރުވަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށެވެ. ގައުމުގެ ހަމަޖެހުން ގާއިމު ނުވަނީ ވެސް މުއިއްޒު ވިދާޅުވި ގޮތުގައި ކަންކަން ސިއްރުން ކުރާތީ އެވެ.

"ރައްޔިތުންނަށް ކަމެއް ފޮރުވައިގެން އުޅެން ޖެހިއްޖިއްޔާ ގައުމަށް ހަމަޖެހުމެއް ނާންނާނެ. މިހާރު މި އުޅެނީ ބްރިޖު އަޅަން ވިޔަސް، އެ ބްރިޖުގެ އެގްރީމެންޓު ހާމަކޮށްފިއްޔާ ގައުމަށް ހަނޑޫ ހަކުރު ފުށެއް ނުލިބޭނެޔޭ ބުނާ އަޑު އިވެނީ. ނަގާ ލޯނުގެ އިންޓްރެސްޓު ރޭޓު ހާމަކޮށްލަން ވެއްޖިއްޔާ ސުޕްރީމް ކޯޓާ ހަމައަށް ދާން އެބަޖެހޭ،" މި ސަރުކާރަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވި އެވެ.

ގަމުގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިނު ޖަލްސާ އަށް ދިޔަ ބައެއް މީހުން: ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ޖަލްސާ އަށް ދިޔަ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގަމުގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިނު ޖަލްސާ އަށް ދިޔަ ބައެއް މީހުން: ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ޖަލްސާ އަށް ދިޔަ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުއިއޒު ވިދާޅުވީ، ވެރިކަމަށް ވަޑައިގަންނަވަނީ އެކަންކަން ބަދަލު ކުރައްވަން ކަމަށާއި ވާނީ "ފަސްބައި ސާފު، ހިދުމަތްކުރުމުގައި ދެ ފުށް ފެންނަ" ބަޔަކަށް ކަމަށެވެ. އަދި، ހުދު އޭނާ ވެސް ޖަވާބުދާރީ ވާން ނުޖެހޭނެ ވަރުގެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގާއިމް ކުރާ ސަރުކާރެއްގައި ފޮރުވާނެ އެއްކަމެއް ވެސް ނޯންނާނެ. ރައްޔިތުންނަށް ފެންނާނެ، ދެފުށް ފެންނާނެ. ޖަވާބުދާރީ ވާން ނޭނގޭ ޖަވާބުދާރީ ނުވެވޭ އެއް ކަމެއް ވެސް ނުކުރާނެ. އަޅުގަނޑު ވެސް ނުހުންނާނެ ޖަވާބުދާރީ ނުވެވޭ ކަމެއް، ކުރާނެ އެއްވެސް ކަމެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

"ޗެކް އެންޑް ބެލެންސް ފުރިހަމަ ގޮތުގައި ގާއިމް ކުރާނަން."

ގަމުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒާއި އަނބިކަނބަލުން ސާޖިދާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގަމުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒާއި އަނބިކަނބަލުން ސާޖިދާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާގެ ވެރިކަމެއްގައި މިނިވަން މުވައްސަސާތައް ވެސް ވާނީ ހަގީގީ އަދި އަމަލީ ސިފައިން މިނިވަން ތަންތަނަށް ކަމަށާއި ޖުޑީޝަރީއަކީ ވެސް ނުފޫޒުން އެއްކިބާ ވެފައިވާ މިނިވަން ތަނަކަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވަނީ އޭނާގެ ސަރުކާރުގެ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ކުރުމަށް ޖާގަ ނުދޭނެ ކަމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އޭނާ އިސްވެ އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ، ގައުމު ދެކެން ބޭނުންވާ ދުވަހަކީ ގައުމަށް ހަމަޖެހުން އަންނަ ދުވަސް ކަމަށާއި މި މޭރުމުން އެ ހަމަޖެހުން ގެނެސްދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މި ކެމްޕެއިންގައި މިހާތަނަށް ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންފައިވާ ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަނީ އެ ކަންތައްތައް އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކޮށްދޭން ކަމަށެވެ.

"އިންޝާﷲ ފުރަތަމަ ދުވަހު ފަށާ އެއް މަސައްކަތަކަށް ވާނީ މި ގައުމުގެ މިނިވަންކަން ޔަގީން ކުރުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރަން ފަށައި ޑިޕްލޮމެސީގެ ރިވެތި އުސޫލުން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ފޮލޯ ކޮށްގެން އަޅުގަނޑުމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ އިސްތިގުލާލް އިރާދަކުރެއްވިއްޔާ ރައްޔިތުން ދެއްވާ ތާއީދާއި ބާރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި އެންމެ ރިވެތި ގޮތުގައި ކޮށްގެން މިނިވަންކަން ޔަގީންކަމާ އެކު ހިމާޔަތް ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.