Roadha Mihaaru
ޔާމީންގެ ހައްގުގައި މުއިއްޒަށް ވޯޓު ދީ: ފާތުން

ފާތުންގެ މެސެޖް: ޔާމީންގެ ހައްގުގައި މުއިއްޒަށް ވޯޓު ދީ

28 ސެޕްޓެމްބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްގުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދިނުމަށް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެދިވަޑައިގެންފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްގުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދިނުމަށް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެދިވަޑައިގެންފި އެވެ.

މެޑަމް ފާތުން މިރޭ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ޔާމީން އަބަދުވެސް މަސައްކަތް ކުރެއްވީ ދިވެހިންގެ ހައްގުގައި ކަމަށެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިހާބަކީ ޔާމީން މިނިވަން ކުރުމުގެ މަސައްކަތާ ގުޅިފައިވާ ވޯޓެއް ކަމަށާއި އެހެންވެ، އެމަނިކުފާނުގެ ހައްގުގައި މުއިއްޒަށް ވޯޓު ދޭން އެކަމަނާ އެދިވަޑައިގަތެވެ.

"ރައީސް ޔާމީންގެ މިނިވަންކަމާ މި ވޯޓު ވަނީ ގުޅިފައި. ތިޔަ ބޭފުޅުން ޑރ. މުއިއްޒަށް ދެއްވާ ވޯޓަކީ ރައީސް ޔާމީނަށް އިންސާފުވެރި، އަވަސް ޝަރީއަތެއް ލިބި އަދި އެމަނިކުފާނަށް ލިބިގެންދާ އަނިޔާއިން ސަލާމަތް ކުރެވެން އޮތް އެންމެ ފަހި މަގު." މެޑަމް ފާތުން ވިދާޅުވި އެވެ.

ފާތުން ވިދާޅުވީ ރާއްޖެ އާއި ދިވެހިންގެ ހައްގުގައި ޔާމީން މަސައްކަތް ނުކުރެއްވި ނަމަ އެމަނިކުފާނު މިއަދު ޖަލުގައި ހުންނަވަން ޖެހިވަޑައިނުގަތީސް ކަމަށެވެ. އެކަމަކު އެ މަސައްކަތުގައި އެމަނިކުފާނު ނިކުމެވަޑައިގަތީ ދިވެހިންގެ ހައްގުގައި ކަމަށް ވެސް ފާތުން ވިދާޅުވި އެވެ. އަދި ޔާމީން ޖަލަށްލި ފަހުން އެމަނިކުފާނު މިނިވަން ކުރަން ޕީޕީއެމްގެ އިސް ބޭފުޅުންނާއި އެމަނިކުފާނުގެ ސަޕޯޓަރުން ކުރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މެޑަމް ފާތުން ވިދާޅުވި އެވެ.

ސިޔާސީ ހަރަކާތްތަކުގައި މެޑަމް ފާތުން އާންމުކޮށް ބައިވެރިވެ ވަޑައިނުގަތް ނަމަވެސް މުއިއްޒުގެ ކެމްޕެއިންގެ ބައެއް ހަރަކާތްތަކުގައި ކުރިން ވެސް އެކަމަނާ ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ބަންދުވެފަ އެވެ.