Roadha Mihaaru
ޔާމީންގެ ދައުވާތައް އަނބުރާ ގެންދަން ގޮވާލައިފި

ޔާމީންގެ ދައުވާތައް އަނބުރާ ގެންދަން ގާނޫނީ ޓީމުން ގޮވާލައިފި

30 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގައި ރައްޔިތުން ނުކުމެ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފައިވާތީ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް އެއްވެސް ޝަރުތަކާ ނުލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދިއުމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ގޮވާލައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރިޔާސީ އިންތިހާބުގައި ރައްޔިތުން ނުކުމެ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފައިވާތީ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް އެއްވެސް ޝަރުތަކާ ނުލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދިއުމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ގޮވާލައްވައިފި އެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ރައީސް ކަމުގެ މަގާމު، މާލޭގެ މޭޔަރު މުއިއްޒު ކަށަވަރު ކުރެއްވުމާ ގުޅިގެން ޔާމީންގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އެ މަނިކުފާނުގެ މައްޗަށް ސަރުކާރުން ކޮށްފައިވާ "ސިޔާސީ ދައުވާތަކާއި ނުހައްގު ހުކުމްތަކާ" ދެކޮޅަށް ރައްޔިތުން އިހުތިޖާޖު ކުރަމުންދާތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

"މިއަދުގެ ވޯޓުން ރައްޔިތުން ނިންމި ގޮތަށް، އިތުރު އެއްވެސް ޝަރުތެއް ނެތި، ވަގުތުން ވަގުތަށް ރައީސް ޔާމީން މިނިވަންކޮށް، އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވާ އެންމެހައި ދައުވާތައް އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން، މުއިއްޒުގެ ވެރިކަމެއްގެ ފުރަތަމަ ދުވަހު ގޭ ބަންދަށް ބަދަލުކުރެއްވުމަކީ އެ މަނިކުފާނު ރިޔާސީ ވައުދެކެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، މުއިއްޒު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުމުގައި އެމަނިކުފާނު ވަނީ ޔާމީން ވަގުތުން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވައިފަ އެވެ.

މިއަދު ބޭއްވި އިންތިހާބުގެ ދެވަނަ ބުރު މުއިއްޒު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، މުއިއްޒު އަށް ލިބިވަޑައިގަތީ 126،612 ވޯޓެވެ. ރައީސަށް ލިބިވަޑައިގަތީ 108،180 ވޯޓެވެ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.