Roadha Mihaaru
ބަރުލަމާނީގެ ގޯހަކީ އެއްޖީބެއް ފުރުން: ގާސިމް

ބަރުލަމާނީ ނިޒާމު ގެންނަން ހެޔޮ ނުވާނެ، ހުރިހާ އެއްޗެއް އަޅާލާނީ އެއް ޖީބަކަށް: ގާސިމް

25 އޯގަސްޓް 2021

ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ހެޔޮ ނުވާނެ ކަމަށާއި އެ ހާލަތުގައި "ހުރިހާ އެއްޗެއް އަޅާލާނީ އެއް ޖީބަށް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ހެޔޮ ނުވާނެ ކަމަށާއި އެ ހާލަތުގައި "ހުރިހާ އެއްޗެއް އަޅާލާނީ އެއް ޖީބަށް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ޖޭޕީން އާންމުކުރި ވީޑިއޯ އިންޓަވިއުއެއްގައި ބަރުލަމާނީ ނިޒާމުގެ ދެކޮޅު ނުޖެހެ ކަންކަމާ ގުޅޭ ގޮތުން ގާސިިމް ވިދާޅުވީ، އެ ނިޒާމުގައި ގައުމުގެ ހިންގުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށާއި ރަމްޒީ މަގާމެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށެވެ. ގާސިމް ދެކެވަޑައިގަންނަވާ ގޮތުގައި މިހާ ކުޑަކުޑަ ގައުމަކުން އެއީ ކުރާނެ ބޭކާރު ހަރަދެކެވެ.

އޭނާ ވިދާޅުވިގޮތުގައި، ބަރުލަމާނީ ނިޒާމު ގެންނަން އުޅުއްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "އަވައިގައި" ޖެހިގެން އުޅޭ ބައެކެވެ.

ގާސިމް ވިދާޅުވީ، ރާއްޖޭގެ އެންމެ ކުޑަ ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް ހޮވޭ މެމްބަރަކަށް ވެސް ސަރުކާރުގެ ވެރިއަކަށް ވެވޭނެ ކަމަށާއި އެ ހިސާބުން ރައްޔިތުންނާ ހަމައަށް އެ ބޭފުޅަކު ބަރުލަމާނީ ނިޒާމުގެ ވެރިކަމެއްގައި ވަޑައިގަންނަވަން ނުޖެހޭ ކަމަށެވެ.

"ރައްޔިތުންނާ ހަމައަށް ދާން ނުޖެހުނީމާ އެ ލިބޭ ނިކަމެތިކަން ދެން ވިސްނާލަބަލަ. ވެރިއަކަށް ގައުމުގައި ހުންނަ މީހާ 1،000 މީހުން 2،000 މީހުން ތިބޭ ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް ހޮވުނީމާ އޭނާގެ ކަންތައް އެ ނިމުނީ. އޭނާ އެ ހުރީ ގައުމުގެ ރައީސަކަށް. އެ ހިސާބުން ރައްޔިތުންގެ ކުރިމަތީގައި އޭނާ ވާން ޖެހޭ ވައުދެއް ވެސް ނެތް. ކުރަން ޖެހޭނެ ކަމެއް ވެސް ނެތް. އޭނާ ދޭން ޖެހޭ ކޮމިޓްމަންޓެއް ވެސް ނެތް،" މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ނަޝީދުގެ ނަން ވިދާޅުނުވި ނަމަވެސް ގާސިމް ވިދާޅުވީ، "މިއީ ވަކި މީހަކަށް ވެރިކަން ނުލިބިގެން، ބާރުވެރިކަން ނުލިބިގެން" ކުރަން އުޅޭ ކަމެއް ކަމަށެވެ. އަދި އޭގެ ބޭނުމަކީ އެ ބޭފުޅަކު ބޮޑުވަޒީރަކަށް ވުމަށް ކުރަން އުޅުއްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ރިޔާސީ ނިޒާމެއްގައި ރައީސަކަށް ބޭފުޅަކު ވަޑައިގަންނަވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވަޑައިގެން، އެތައް ބައެއްގެ ތާއީދާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

"[ބަރުލަމާނީ ނިޒާމެއްގައި] ދައުލަތުގެ ވެރިއަކަށް ހުންނަ މީހާ އެއީ ފިގާ ހެޑެއްގެ ގޮތުގައި ހަރަދު ކުރަން ޖެހޭ މީހެއް. އެ ނޫން އެއްވެސް ކަމެއް ނެތް. އަޅުގަނޑުގެ އާދޭހަކީ ބަރުލަމާނީ ނިޒާމަށް އެއްވެސް ބޭފުޅަކު ތާއީދު ނުކުރާށޭ. އެއީ ގައުމަށް ހެޔޮ އެދިގެން ވެރިކަން ކުރަން އުޅޭ މީހެއް ނޫނޭ،" ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެމްބަރުން ތިބެނީ ކެބިނެޓްގައި. ކެބިނެޓްގައި ތިބޭ ހުރިހާ މެމްބަރުންނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. ރައްޔިތުންގެ މަޖިލީހުން ވެސް މުސާރަ ނަގާފައި އަނެއްކާ މިނިސްޓަރުކަމުގެ މުސާރަ ނަގާފައި ހުރިހާ އެއްޗެއް އެއް ޖީބަށް މި އަޅާލަނީ. ދެން އެ މީހުން ކޮރަޕްޝަން ހިންގީމާ އެ މީހުންގެ މައްސަލަ ބަލަން އަނެއްކާ އަންނަންވީ ރައްޔިތުންގެ މަޖިލީހަށް. [އެ މައްސަލަ] ބެލެނޭނެތަ."

ގާސިމް ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ނަމަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭއިރު، ދައުލަތުގެ އެހެން ވަޒީފާއެއް ވެސް އަދައެއް ނުކުރެވޭނެ އެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ނުލިބިދާނެ ކަަމަށް ވިސްނާ މީހުން ބޭނުންވާނީ ބަރުލަމާނީ ނިޒާމެއް ގެނެސް މަދު އާބާދީގެ ވޯޓަކުން ނަމަވެސް މަޖިލީހަށް އިންތިހާބުވެ، ފުރުސަތު ހޯދަން ކަމަށް ގާސިމް ވިދާޅުވި އެވެ.

"600 މީހުން ތިބޭ ދާއިރާއަކުން ހޮވިލައިގެން އައިސް ޕާޓީގެ ވެރިއަކަށް ވީމާ އެ އޮތީ [ސަރުކާރުގެ ވެރިއަކަށް] ވެފައި. އޭނާގެ ޕާޓީގައި ތިބޭ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންކޮޅު އޭނާ ބަލަހައްޓަން ޖެހޭނީ. އެ ނިމުނީ އެކަން. މިހާ ފަސޭހަކޮށް އޮތް ކަމެއް ކަމަކީ،" ގާސިމް ވިދާޅުވި އެވެ.

މަޖިލިހުގެ އިދާރާގައި ކުރިން އޮތް ރަސްމިއްޔާތުގައި މަޖިލީހުގެ އޭރުގެ ރައީސް ގާސިމާއި މިހާރުގެ ރައީސް ނަޝީދު ސަލާމް ކުރައްވަނީ.---ފައިލް ފޮޓޯ: މިހާރު

މަޖިލިހުގެ އިދާރާގައި ކުރިން އޮތް ރަސްމިއްޔާތުގައި މަޖިލީހުގެ އޭރުގެ ރައީސް ގާސިމާއި މިހާރުގެ ރައީސް ނަޝީދު ސަލާމް ކުރައްވަނީ.---ފައިލް ފޮޓޯ: މިހާރު

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އިސްވެ މަސައްކަތްޕުޅު ކުރައްވަނީ ނަޝީދު ކަމަށް ވާއިރު، އެމްޑީޕީގެ ތެރެއިން ބަޔަކު ވަނީ އެ ނިޒާމަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބާރުއެޅުމަށް ޕެޓިޝަނަކަށް ސޮއި ވެސް ހޯދަން ފަށައިފަ އެވެ. ނަޝީދު ވެސް ވަނީ ވީހާ ވެސް ގިނަ ބަޔަކު އެ ޕެޓިޝަންގައި ސޮއިކުރުމަށް އެދިވަޑައިގެންފަ އެވެ.

ނަޝީދުގެ ނަން ވިދާޅުނުވި ނަމަވެސް ގާސިމް ވިދާޅުވީ، "މިއީ ވަކި މީހަކަށް ވެރިކަން ނުލިބިގެން، ބާރުވެރިކަން ނުލިބިގެން" ކުރަން އުޅޭ ކަމެއް ކަމަށެވެ. އަދި އޭގެ ބޭނުމަކީ އެ ބޭފުޅަކު ބޮޑުވަޒީރަކަށް ވުމަށް ކުރަން އުޅުއްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދު މީގެ ކުރިން ވަނީ ފާޅުކުރައްވައިފަ އެވެ.

ގާސިމް ވިދާޅުވީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމްގެ ކޯލިޝަންގެ ވެރިކަން 2018 ގައި ގާއިމުކުރިއިރު ވެސް ބަރުލަމާނީ ނިޒާމެއްގެ ވާހަކަ އެ ޕާޓީތކުން އެއްބަސްވި މެނިފެސްޓޯގައި ހިމަނަން ބޭނުން ނުވާ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވި ކަމަށެވެ. އަދި އެކަން މިއަދު ވެސް އޮތީ އެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މެނިފެސްޓޯގައި ނޯންނާނެ އެ ވާހަކައެއް ބައެއް ބޭފުޅުން ދޮގު ހަދައިގެން ވާހަކަ ދެއްކިޔަކަސް،" ދައުރުގެ ވަކި ހިސާބަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކަ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި އޮންނަ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅިގެން ގާސިމް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަ ވާހަކަ 2018 ގައި އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ނަމަވެސް ފަހުން ކޯލިޝަން ޕާޓީތަކުން އެއްބަސްވެ، ސަރުކާރުން މިހާރު އަމަލުކުރާ މެނިފެސްޓޯގައި އެ ވާހަކަ ހިމަނައިފައެއް ނެތެވެ.