Roadha Mihaaru
ބަރުލަމާނީ ނިޒާމަކީ ދަންތުރައެއް: ގާސިމް

ބަރުލަމާނީ ނިޒާމަކީ ދަންތުރައެއް، އޭގައި ޖެހޭކަށް ނުވާނެ: ގާސިމް

31 އޯގަސްޓް 2021

ބަރުލަމާނީ ނިޒާމަކީ ދަންތުރައެއް ކަމަށާއި އެ ބަދަލު ގެންނަން ހެޔޮނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބަރުލަމާނީ ނިޒާމަކީ ދަންތުރައެއް ކަމަށާއި އެ ބަދަލު ގެންނަން ހެޔޮނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

އެ ޕާޓީއަށް އަލަށް ގުޅުނު މެންބަރުންގެ ފޯމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ވިދާޅުނުވެ، އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަނީ ވަކި މީހަކު ވެރިކަމަށް ގެންނަން ކަމަށެވެ. އަދި އެއީ، ގައުމަށް ހެޔޮ އެދިގެން ބަޔަކު ކުރާ ކަމެއް ނޫން ކަމަށް ވެސް، ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.

މަޖިލީހުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު (ކ-2) އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖިލީހުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު (ކ-2) އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ދިވެހިރާއްޖޭގެ ރައްޔިތުން ހެޔޮ ވެސް ނުވާނެ ބަޔަކު ނުކުމެގެން މި ފަތުރާ ދަންތުރައިގައި ޖެހެން. ބަރުލަމާނީއޭ ކިޔައިގެން މިހެން ހަދައިގެން މި ދައްކާ އެއްޗެއްގައި ޖެހެން ހެޔޮނުވާނެ. މިއީ، ހެޔޮވާ ވަރުގެ ކަމެއް ނޫން. އެއީ ގައުމަށް ހެޔޮ އެދިގެން ކުރާ ބައެކޭ އަޅުގަނޑު ނުދަންނަވާނަން. އަމިއްލަ އެދުމުން ފޯވެގެން ނޫންގޮތަކަށް،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިން މީގެ ކުރިން ވަނީ ވޯޓުން ވެރިކަމުގެ ނިޒާމު ކަނޑައަޅައިފަ އެވެ. ގިނަ ބައެއްގެ ތާއީދާއެކު ރިޔާސީ ނިޒާމު ކަނޑައަޅާފައިވާއިރު، އަނެއްކާ ވެސް ވެރިކަމުގެ ނިޒާމުގެ ބަހުސް ފަށައިގެން އުޅޭ ސަބަބާ މެދު ގާސިމް ސުވާލު އުފެއްދެވި އެވެ. އެހެންވެ، ރިޔާސީ ނިޒާމު ފިޔަވައި އެހެން ނިޒާމެއް ބަދަލުކުރަން ނުވިސްނުމަށް އޭނާ އެދިވަޑައިގަތެވެ.

"ވެރިކަމުގެ ނިޒާމެއް ބަދަލުކުރަން ދިވެހި ރައްޔިތުން ނުވިސްނާށޭ އަޅުގަނޑު ހަމަ އާދޭހާއެކު ދަންނަވާލާނީ. ރިޔާސީ ނިޒާމު ފިޔަވައި އެހެން ނިޒާމަކަށް ދާން ނުވިސްނައްޗޭ. އެއީ ވަރަށް ބޮޑު ހެއްލުމަކާ ގެއްލުމެކޭ. އެއީ ގައިމު ވެސް ދިވެހި ރައްޔިތުންނަށް ކުރާނެ މަންފާއެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

"ވަކި މީހަކު ބޭނުންވީމަ އޭނާ ވެރިކަމަށް ގެންނަން ވެގެން ގާނޫނު އަސާސީ ބަދަލުކުރަން، ވަކި ބަޔަކު ބޭނުންވީމަ އަޅުގަނޑުމެންގެ ދީން ބަދަލުކޮށްގެން ވެސް ވެރިކަން ކުރަން އެއަށް އަންބާ ކިޔާފައި އަތްތިލަބަޑި ޖަހާނީ ބުއްދި ސަލާމަތުން ހުރި މީހެއްތޯ ނޫނީ މޮޔައެއްތޯ،"

ޖޭޕީގެ މައި ޖަގަހަ، ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖޭޕީގެ މައި ޖަގަހަ، ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމަކަށް ވާނީ ރިޔާސީ ނިޒާމު ކަމަށާއި އެކަމަކު ކޮންމެ ނިޒާމަކަށް ވިޔަސް ވެރިކަމަށް އަންނަ ބޭފުޅެއްގެ އިހުލާސްތެރިކަމާއި ތަޖުރިބާ ހުރިނަމަ ކަންކަން ހާސިލްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގާބިލްކަން ނެތިއްޔާ ދާނީ ފެއިލްވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާ އަވަށްޓެރި ބައެއް ގައުމުތަކުގެ ތަޖުރިބާގައި ގާސިމް ވިދާޅުވީ ފަސް އަހަރުގެ ދައުރެއްގައި 4-5 ފަހަރަށް ވެރިކަން ބަދަލުވެ، އޭގެ ހުރިހާ އުނދަގުލެއް ރައްޔިތުން ތަހައްމަލުކުރަން ޖެހޭ ކަމަށެވެ. އެ ހަމަނުޖެހުންތަކަކީ ދިވެހިން ތަޖުރިބާ ނުކުރާ ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ރޭގެ ބައްދަލުވުމުގައި އެ ޕާޓީގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޖޭޕީގެ ރޭގެ ބައްދަލުވުމުގައި އެ ޕާޓީގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ތުހުމަތުކުރައްވާ ގޮތުގައި ބަރުލަމާނީ ނިޒާމަކީ އިނގިރޭސިންގެ ނުފޫޒުން އިންދާފައިވާ "އޮށެއް" ކަމަށެވެ. އޭގެ ބޭނުމަކީ އެ މީހުންގެ ފިކުރުން މުޅި ގައުމު ފަސާދަކުރުން ކަމަށް ވިދާޅުވި އެވެ.

ނަޝީދަށް ތާއިދުކުރައްވާ ފެކްޝަނުން އަންނަނީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އޭގައިވާ ގޮތުން ބަރުލަމާނީ ނިޒާމު ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އަދި 2020 ގެ ކުރިން އެކަން ކުރަން ޖެހޭ ކަމަށާއި އެކަން ތަންފީޒުކޮށް ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށް އެ ޕެޓިޝަންގައި ވެ އެވެ. އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީ އާއި އެހެން ޕާޓީތައް ވެސް މެނިފެސްޓޯއެއް ތައްޔާރު ކުރި ކަމަށެވެ. ނަމަވެސް ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ ހުރިހާ ޕާޓީއެއް ގުޅިގެން މަސައްކަތް ކުރުމަށް ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއަކަށް އެއްބަސްވެފައިވާ ކަމަށާއި އޭގައި ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ވާހަކައެއް ނޯންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.