Roadha Mihaaru
"ޕަތާން" ފަހަތަށް ޖައްސާލާފައި "ޖަވާން" ކުރިއަށް

"ޕަތާން" ފަހަތަށް ޖައްސާލާފައި "ޖަވާން" ކުރިއަށް

03 އޮކްޓޯބަރ 2023

ޝާހްރުކް ހާންގެ އާ ފިލްމު "ޖަވާން" ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދައި އޭނާގެ ކުރީގެ ފިލްމު "ޕަތާން"ގެ ރެކޯޑް މުގުރާލައިފި އެވެ.

ޝާހްރުކް ހާންގެ އާ ފިލްމު "ޖަވާން" ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދައި އޭނާގެ ކުރީގެ ފިލްމު "ޕަތާން"ގެ ރެކޯޑް މުގުރާލައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ މަހު ހަތެއްގައި ސިނަމާތަކުގައި ދައްކަން ފެށި "ޖަވާން" އަށް މިހާރު ވަނީ އިންޑިއާ އާއި ދުނިޔޭގެ ބޮކްސް އޮފީސް ވެސް ހިމެނޭ ގޮތަށް ޖުމްލަ 130.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި ޝާހުގެ "ޕަތާން" އަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 126 މިލިއަން ޑޮލަރެވެ.

"ޝާހު މި ވަނީ އޭނާގެ ރެކޯޑެއް އަމިއްލައަށް މުގުރާލައިފައި،" ރިޕޯޓްތަކުގައިވެ އެވެ.

"ޕަތާން" އަކީ 27 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އަދި "ޖަވާން"ގެ ބަޖެޓަކީ 36 މިލިއަން ޑޮލަރެވެ.

މި ކާމިޔާބީއާ އެކު، "ޖަވާން" އަކީ މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ފިލްމެވެ. "ޕަތާން" ދެވަނައިގައި އޮތް އިރު، 83 މިލިއަން ޑޮލަރު ހޯދައިގެން ސަނީ ޑިއޯލްގެ "ގަދަރު 2" އޮތީ ތިންވަނައިގަ އެވެ. އެ ލިސްޓުގެ ހަތަރު ވަނައިގައި 78.2 މިލިއަން ޑޮލަރާ އެކު ރަޖުނީކާންތުގެ "ޖެއިލާ" އޮތް އިރު، ފަސް ވަނައިގައި އޮތީ ކަރަން ޖޯހަރުގެ "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. ކަރަންގެ ފިލްމަށް ވަނީ 42.8 މިލިއަން ޑޮލަރު ލިބިފަ އެވެ.

ހުރިހާ އަހަރުތަކަކަށް ބަލާއިރު އިންޑިއާގެ ބޮކްސް އޮފީހުގައި "ޖަވާން" މިހާރު އޮތީ ފަސް ވަނައިގަ އެވެ. އަދި "ޕަތާން" އޮތީ ހަ ވަނައިގަ އެވެ. އެންމެ ބޮޑު އާމްދަނީއެއް ހޯދައިގެން އިންޑިއާގެ ބޮކްސް އޮފީހުގައި އަދިވެސް އެންމެ ކުރީގައި އޮތީ 2016 ވަނަ އަހަރު ގެނެސްދިން އާމިރު ހާންގެ "ދަންގަލް" އެވެ. އެއީ 224 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރުގެ މި ފިލްމުގައި ޝާހުއާ އެކު ލީޑު ރޯލުތައް ކުޅުނީ، ދެކުނު އިންޑިއާގައި މަޝްހޫރު ތަރިން ކަމަށްވާ ނަޔަންތާރާ އާއި ވިޖޭ ސެތޫޕަތީ އަދި ސަންޔާ މަލްހޯތުރާ އެވެ. އަދި ހާއްސަ ފެނިލުމަކުން ދީޕިކާ ޕަދުކޯން ވެސް ފެނެ އެވެ.