Roadha Mihaaru
އާ ޕްރޮޖެކްޓްތައް ނުހިންގަން ކުންފުނިތަކަށް އަންގައިފި

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އާ ޕްރޮޖެކްޓްތައް ހުއްޓާލަން އަންގައިފި

04 އޮކްޓޯބަރ 2023

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ބައެއް ކަންކަން ކުރުން މަޑުޖައްސާލަން ސަރުކާރު ކުންފުނިތަކަށް ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އަންގައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ބައެއް ކަންކަން ކުރުން މަޑުޖައްސާލަން ސަރުކާރު ކުންފުނިތަކަށް ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އަންގައިފި އެވެ.

ޕީސީބީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިނގަމުންދާ އިންތިގާލީ މަރުހަލާގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ވިޔަފާރިކުރާ ކުންފުނިތަކުން އާންމުކޮށް ހިންގާ މުއާމަލާތްތައް ފިޔަވައި އިތުރު އެއްވެސް އާ ޕްރޮޖެކްޓެއް ހިންގައި ނުވަތަ ބޮޑު ހަރަދެއް ކޮށްގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އިތުރު ހަތަރު ކަމެއް ނުކުރަން ކުންފުނިތަކަށް އަންގާފައިވެ އެވެ. އެއީ

- ކުންފުނީގެ އާމްދަނީގެ އުސޫލުތަކާއި ގަވައިދުތަކާ ނިންމުންތަކަށް ބަދަލު ނުގެނައުން

- މުސާރައިގެ އުސޫލުތަކާއި ގަވައިދުތަކާއި ނިންމުންތަކަށް ބަދަލު ނުގެނައުން

- ކުންފުނީގެ މުވައްޒަފުންނާ ގުޅޭ އުސޫލުތަކަށް ބަދަލު ނުގެނައުން

- ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުން

ޕީސީބީން ވަނީ އިންތިގާލީ ކޮމިޓީއިން އެދޭ އަދި ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށް ދިނުމާއި ކޮމިޓީއަށް ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ކުންފުނިތަކަށް އަންގައިފަ އެވެ.