Roadha Mihaaru
އެފްރިކާގެ ޗެމްޕިއަންކަން ކެމަރޫން ހޯދައިފި

އެފްރިކާގެ ޗެމްޕިއަންކަން ކެމަރޫން ހޯދައިފި

06 ފެބުރުއަރީ 2017

ލިބްރެވިލް، ގެބޯން (ފެބްރުއަރީ 6) - ފަހު ވަގުތު ވިންސެންޓް އަބޫބަކުރު ޖެހި ލަނޑުން 2-1 އިން މިސްރު ބަލިކޮށް ކެމަރޫން 15 އަހަރަށް ފަހު އެފްރިކަން ކަޕް ކާމިޔާބު ކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިބްރެވިލް، ގެބޯން (ފެބްރުއަރީ 6) - ފަހު ވަގުތު ވިންސެންޓް އަބޫބަކުރު ޖެހި ލަނޑުން 2-1 އިން މިސްރު ބަލިކޮށް ކެމަރޫން 15 އަހަރަށް ފަހު އެފްރިކަން ކަޕް ކާމިޔާބު ކޮށްފި އެވެ.

ރޭގެ މެޗުގެ 22 ވަަނަ މިނިޓްގައި މިސްރަށް ލީޑު ނަގައިދިނީ އާސެނަލްގެ މިޑްފީލްޑަރު މުހައްމަދު އެލްނޭނީ އެވެ. ކެމަރޫނުން ދެ ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފްގަ އެވެ. އެ ޓީމަށް އެއްވަރުކޮށްދިން ލަނޑު ދެ ވަނަ ހާފް ފެށިގެން 14 މިނިޓް ތެރޭގައި ކާމިޔާބުކުރީ ނިކޮލަސް އެންކޫލޫ އެވެ.

މެޗުގެ ނަތީޖާ އެއްވަރުވާން ދަނިކޮށް ބެސިކްޓާސް އަށް ކުޅޭ ފޯވާޑް އަބޫބަކުރު ކެމަރޫން މޮޅުކޮށްދިން ލަނޑު ޖެހީ މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ.

މިއީ ކެމަރޫން އެފްރިކަން ކަޕް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. އެންމެ ފަހުން އެ ޓީމު މި މުބާރާތުގެ ތަށި އުފުލާލީ 2002 ވަނަ އަހަރުގަ އެވެ. އަދި މިއީ މި މުބާރާތުގެ ފައިނަލުގައި މިސްރު އަތުން ކެމަރޫން އަަށް ހޯދުނު ފުރަތަމަ މޮޅެވެ. އެންމެ ފަހުން މި ދެ ޓީމު ކުޅުނު ދެ ފައިނަލުން ކުރި ހޯދީ ވެސް މިސްރެވެ.

ހޫގޯ ބްރޫސްގެ ކޯޗުކަމުގައި ކެމަރޫން އަންނަނީ ބޮޑެތި ކުރިއެރުން ހޯދަމުންނެވެ. އެ ޓީމު ވަނީ މި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި އޮތް ގާނާ އާއި ސެނެގޯލް ވެސް ކަޓުވާލައިފަ އެވެ.

ބްރޫސް ބުނީ މިއީ ކެމަރޫން ފުޓްބޯޅައިގެ އާ ޖީލެއްގެ ފެށުން ކަމަށެވެ.

"މިއީ އަހަރެންގެ ބަސް އަހައިގެން ކުޅުންތެރިން ކުރި މަސައްކަތުގެ ނަތީޖާ. މި ޓީމުގައި އަހަރެން ޒުވާން ކުޅުންތެރިން ހިމެނީ މުސްތަގުބަލަށް ވެސް ވިސްނުމަށް ފަހު. މި ކާމިޔާބީން އެގުނު އެއްޗަކީ މި ޓީމުގެ އެބަހުރިކަން ކާމިޔާބު ހޯދުމުގެ ރޫހު. މިއީ ކެމަރޫން ފުޓްބޯޅަ އަށް އުފާވެރި ހަބަރެއް،" ބްރޫސް ބުންޏެވެ.

ފާއިތުވި ތިން ވަރަކަށް އަހަރު ކެމަރޫންގެ އެފްއޭ އާއި ގައުމީ ޓީމުގެ ކުޅުންތެރިންނާ ދެމެދު ގިނަ ހިޔާލު ތަފާތުވުންތަކެއް އުފެދި ބައެއް ކުޅުންތެރިން ވަނީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕް އާއި ޖާމަނީގެ ޝާލްކާ އަށް ކުޅޭ އެރިކް މެކްސިމް ޗޮޕޫ-މޯޓިން ހިމެނެ އެވެ.