Roadha Mihaaru
ރޭޕްކުރި ކުއްޖާގެ މައްސަލާގައި އިހުމާލުގެ ތުހުމަތު

ރޭޕްކުރުމުން ބަލިވެއިން ކުއްޖާގެ މައްސަލާގައި އިދާރާތަކުން އަޅާނުލައި ކަމަށް މަންމަ ތުހުމަތުކޮށްފި

08 އޮކްޓޯބަރ 2023

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމުން ބަނޑުބޮޑުވި މައްސަލަ އެއް މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ހުށަހަޅާފައިވީ ނަމަވެސް، އެ ކަމުގައި ކަމާގުޅޭ އިދާރާތަކުން އެހީތެރިކަމެއް ނުލިބޭ ކަމަށް އެ ކުއްޖާގެ މަންމަ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމުން ބަނޑުބޮޑުވި މައްސަލަ އެއް މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ހުށަހަޅާފައިވީ ނަމަވެސް، އެ ކަމުގައި ކަމާގުޅޭ އިދާރާތަކުން އެހީތެރިކަމެއް ނުލިބޭ ކަމަށް އެ ކުއްޖާގެ މަންމަ ބުނެފި އެވެ.

އެ މައްސަލާގައި ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ ދަރިފުޅު ރޭޕްކޮށް ބަނޑުބޮޑު ކޮށްލީ އެ ރަށު ފިރިހެނުން ތަކެއް ކަމަށެވެ. އޭނާގެ ދަރިފުޅު ބަނޑުގައި އޮތް ދަރިފުޅު ބޭސް ދީގެން މަރާލަން މަސައްކަތް ކޮށް އެކަން ނުވުމުން އެކަން ކުރި މީހުން އޭނާ ކައިރީ އެ ވާހަކަތައް ކިޔައިދިން ކަމަށް ވެސް ކުއްޖާގެ މަންމަ ބުންޏެވެ.

"ވަގުތުން އަޅުގަނޑު ދިޔައީ ޕޮލިސް ސްޓޭޝަނަށް. ގޮސް ބަޔާން ދިނިން،" ކުއްޖާގެ މަންމަ ބުންޏެވެ.

މައްސަލަ ހުށަހަޅި ނަމަވެސް އެ މައްސަލައިގައި ފުލުހުންގެ މާ ބޮޑު އެއްބާރުލުމެއް ލިބެމުން ނުދާ ކަމަށް އޭނާ ބުންޏެވެ.

"އިއްޔެގެ ވަގުތެއްގައި އަޅުގަނޑާއި ދަރިފުޅު ޕޮލިސް ލޯންޗެއްގައި ގެންދިޔަ. ޖެޓީއަށް ބޭލިއިރު އެތާ ނެތް އެއްވެސް މީހަކު. ޖެންޑާ މީހުނެއްވެސް، ޕޮލިސް މީހުނެއް ވެސް ނެތް. އަޅުގަނޑުމެން ގެނައިކަން ރަށު ޕޮލިހުން ނެތް އަންގާފައެއް." ކުއްޖާގެ މަންމަ ބުންޏެވެ.

ޖެންޑާއަށް ވެސް މައްސަލަ ހުށަހަޅާފައިވީ ނަމަވެސް ޖެންޑާގެ ފަރާތުން ވެސް އެކަމުގައި އެހީތެރިކަން ލިބެމުން ނުދާ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެ މައްސަލަ ފުލުހުންނާއި އެހެން އިދާރާތަކުން އޮއްބާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުވެސް އެ ކުއްޖާގެ މަންމަ ކޮށްފައި ވެއެވެ.

އަދި އޭނާއާ މެދު އެފަދައިން އަމަލު ކުރަމުން ދަނީ ނިކަމެތި މީހަކަށް ވީމަތޯ ސުވާލު އުފައްދާފައި އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

"އަަޅުގަނޑަކީ ބޮޑު އާއިލާއެއްގެ މީހަކަށް ނުވީމަތީ މިގޮތަށް ކަންތައް މި ކުރަނީ. އަޅުގަނޑަކީ ވެސް އިންސާނެއް. މަންމައެއް. މިވަރުގެ ބޮޑު އަނިޔާއެއް އަޅުގަނޑަށް ދިނުމަށްފަހު ފިރިހެނުންތަކެއް ވެގެން މި ވަނީ އަޅުގަނޑުގެ މުޅި ދިރިއުޅުން ވިއްސި ވިހާލި ކޮށްލާފައި،" އެ ކުއްޖާގެ މަންމަ ބުންޏެވެ.

"މިކަން އޮއްބާލަން ވެގެން ވަރަށް މަސައްކަތް ރަށު ޕޮލިހުން ކުރަމުން ދަނީ. އަޅުގަނޑު ނިކަމެތި މީހަކަށް ވީމަތޯ، ވަކި ބަޔަކަށް ބާރު އޮންނަ ތަނެއްތޯ ދިވެހި ރާއްޖެއަކީ."

މިއަދު ހެނދުނު ކޮށްފައިވާ އެ ޕޯސްޓުގައި ކުއްޖާގެ މަންމަ ބުނީ ޖެންޑާއިން ކުއްޖާގެ ހާލު ނުބަލާއިރު ކުއްޖާގެ ބަޔާން ނަގަން ވެސް ނުގުޅާ ކަމަށެވެ.

ޖެންޑާއިން މިއަދު ހަވީރު ބުނީ އެ މައްސަލަ ހުށަހެޅިފައި ވުމުން ކުއްޖާގެ ރައްކާތެރިކަން ކަަށަވަރު ކުރުމުން ކުރަންހުރި އެންމެހާ ކަންކަން ކުރަމުންދާ ކަމަށެވެ.