Roadha Mihaaru
ކުއްޖަކާ އެކު ފިލަން އުޅުނު މީހަކު އަލުން ހައްޔަރު

ދައުލަތުން ބަލަހައްޓާ ކުއްޖަކު ގޮވައިގެން ފިލަން އުޅުނު މީހަކު ދެ ވަނަ ފަހަރަށް ހައްޔަރުކޮށްފި

18 މެއި 2022

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުއްޖަކު ގޮވައިގެން ފިލަން މަސައްކަތް ކުރި މީހަކު ދެވަނަަ ފަހަރަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުއްޖަކު ގޮވައިގެން ފިލަން މަސައްކަތް ކުރި މީހަކު ދެވަނަަ ފަހަރަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ.

އޭނާ ފުރަތަމަ ހައްޔަރުކުރީ މިދިޔަ މަހު އެވެ. ނަމަވެސް އޭނާގެ މައްޗަށް ތުުހުމަތުކުރެވޭ ކުށްކުރި ކަމަށް ބާރު ލިބިދޭ ހެކި ހުށަހަޅާފައި ނެތުމާއި ދިފާއުގައި ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް ޝަރުތުތަކާ އެކު މިދިޔަ މަހުގެ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން އިތުރު ހެއްކާ އެކު ދެ ވަނަ ފަހަރަށް ހައްޔަރުކޮށް މި މަހުގެ ދެވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ދިނެވެ. އަދި އިއްޔެ ވަނީ އޭނާގެ ބަންދާ މެދު އިތުރު ގޮތެއް ނިންމަން އިއްޔެ އެ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް އިތުރު 15 ދުވަސް ދީފަ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ކުޑަކުއްޖާ ގޮވައިގެން ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވިކަން، ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކުން އެނގެ އެވެ. އަދި އޭނާ އެ ކުއްޖާއާ ހާއްސަ ގުޅުމެއް ބާއްވާ ކަމަށާއި އެ ކުއްޖާ ގޮވައިގެން މާލެއަށް އައިކަން ސީީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުން އެ ކުއްޖާއާ އަންނައުނު ހަވާލުކުރަން މި މީހާ ވަނީ ޖެންޑާ މިނިސްޓްރީ އަށް ފޯމު ވެސް ހުށަހަޅައިފަ އެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން ކުއްޖާ "ފޮރުވައިގެން" ގެންގުޅުނު މީހާ އަކީ ކުށުގެ ރެކޯޑް ގިނަ މީހެކެވެ.