ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ދައުރު ހަމަވާންދާ ސަރުކާރުން ހުށަހަޅާފައިވާ ގޮތުން ސިޔާސީ ނުފޫޒު ކުޑަނުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެމްޑީޕީ އަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
11 އޮކްޓޯބަރ 2023
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ދައުރު ހަމަވާންދާ ސަރުކާރުން ހުށަހަޅާފައިވާ ގޮތުން ސިޔާސީ ނުފޫޒު ކުޑަނުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެމްޑީޕީ އަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ދެ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ، ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކާއި އާއްމުންނާއި ޖަމިއްޔާތަކުގެ އިތުރުން ކަމާބެހޭ އެހެން ފަރާތްތަކާ ވެސް ބައްދަލުކޮށް ހިޔާލު ހޯދައިގެން، ތިން މެމްބަރަކު އުނިކޮށް ހަތް މެމްބަރުންނަށް ބަދަލުކުރާށެވެ.
ޖޭއެސްސީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ހަސަން ލަތީފް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް އައުމުގެ ކުރިން އެމްޑީޕީން ހުށަހެޅި މެނިފެސްޓޯގައި ރިޔާސީ ވައުދެއްގެ ގޮތުގައި ޖޭއެސްސީ އިސްލާހުކުރަން ހިމެނި އިރު، އެ ކޮމިޝަނަށް ފަނޑިޔާރުން އައްޔަނު ނުކުރަން ނިންމި ކަމަށެވެ.
އެކަމަކު ތިން މަރުހަލާގެ ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ބަންޑާރަ ނައިބާއި މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އަދިވެސް ތިއްބަވާ ގޮތަށް އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުގައި އޮތުމަކީ ރިޔާސީ ވައުދާ ހިލާފުވުމުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"...ހުށަހަޅާފައިވާ އިސްލާހާ، އަޅުގަނޑު މި ދެންނެވި މެނިފެސްޓޯގައިވާ ވާހަކަ އާ އުޑާ ބިމާ ހާ ތަފާތު. އެއްގޮތަކަށް ވެސް މިގައި އޮތް ދެ ވާހަކަ އަކީ ދިމާވާ ވާހަކައެއް ނޫން،" ހަސަން ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމިޓީއެއްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ
އޭނާ ވިދާޅުވި ގޮތުގައި، ފަނޑިޔާރު ގެތަކަށް ފާރަވެރިވާން އޮންނަ ޖޭއެސްސީގައި ފަނޑިޔާރުން ތިއްބަވައިގެން އެ ބޭފުޅުން ކުރައްވާ މަސައްކަތަށް ފާރަވެރިވެވޭނެ ކަމަށް ގަބޫލު ނުކުރެއްވެ އެވެ.
އަދި ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުން ޖޭއެސްސީގައި ތިއްބަވައިގެން ސިޔާސީ ނުފޫޒުން ޖުޑީޝަރީ މިނިވަން ނުވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
● އެޓާނީ ޖެނެރަލް. ● ތިން މަރުހަލާގެ ކޯޓުގެ ފަނޑިޔާރުން. ● ވަކީލުން އައްޔަންކުރާ ވަކީލެއް. ● އާއްމުންގެ ތެރެއިން މަޖިލީހުން ނަން ފާސްވެގެން އަންނަ މީހެއް. ● މަޖިލީހުން އައްޔަންކުރާ މެމްބަރެއް.
މާފަންނު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވިދާޅުވީ ފަސް އަހަރު ތެރޭގައި ޖޭއެސްސީ އިސްލާހުނުކޮށް ތިބެފައި، ފަހު ވަގުތު އެމްޑީޕީން އިސްލާހު ހުށަހެޅި އިރު ވެސް، މި ކަން މި އޮތީ ވައުދުވި ގޮތާ މުޅިން ހިލާފަށް ކަމަށެވެ.
"ސިޔާސީ މީހުން [ޖޭއެސްސީގެ] ކޮމްޕޮޒިޝަންގެ ތެރެއަށް ނުލާ ވާހަކަ އޭރު ދެއްކީ... އެކަމު އެގޮތަށްތޯ މިއަދު މިއޮތީ އިސްލާހު ލައިފަ ފަސް އަހަރު ނިންމާލުމަށް ފަހު ގާތްގަނޑަކަށް؟ އެހެންވީމަ އިހުލާސްތެރިކަމުގެ ކަންފުޅެއް ވެސް ނެތް،" އިންތި ވިދާޅުވި އެވެ.
ޑިމޮކްރެޓްސްއިން ބޭއްވި މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވާހަކަ ދައްކަވަނީ. --ފައިލް ފޮޓޯ: މިހާރު
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން މި އިސްލާހު ހުށަހަޅާފައި ވަނީ، ނިމުނު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމުގައި އަލުން ތިބެވޭނެ ކަމަށް ބަލައި، ސިޔާސީ ވަކި ބަޔަކު ޖޭއެސްސީގައި ތިބެވޭ ގޮތަށެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމުގެ ބޭނުމަކީ އެ ކޮމިޝަނު ސިޔާސީ ނުފޫޒުން އެއްކިބައި ކުރުން ކަމަށެވެ.
"އެކަމަކު މި އިސްލާހުގެ ބޭނުމަކީ ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބައި ކުރުމުގެ ބަދަލުގައި، ސިޔާސީ ކުލަވަރު ޖެއްސުން ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ،" އާޒިމް ވިދާޅުވި އެވެ.
އަދި މިހާރު އިސްލާހުކުރަން ހުށަހަޅާފައިވާ ގޮތުން، އޭނާ ވިދާޅުވި ގޮތުގައި ޖޭއެސްސީން ސިޔާސީ ކުލަ ނުފިލާނެ އެވެ.
އެ ބަހުސްގައި އެ އިސްލާހު ދިފާއު ކުރައްވައި، ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، ޖޭއެސްސީގެ އެކުލެވުން އެމްޑީޕީން ހުށަހެޅި ގޮތަށް ބަދަލުކުރުމުން އެ ކޮމިޝަނުގެ މެޖޯރިޓީ އޮންނާނީ ދައުލަތުގެ ވެރިޔާގެ ބަދަލުގައި، ސީދާ ފަނޑިޔާރުންގެ އަތްޕުޅުގައި ކަމަށެވެ.
އަލީ ނިޔާޒް ވިދާޅުވި ގޮތުގައި މަގާމުގެ ގޮތުން ޖޭއެސްސީއަސް އައްޔަނުކުރެވޭ ބޭފުޅަކަށް ކޮމިޝަނުގައި އިންނެވޭނީ ފަސް އަހަރުގެ އެއް ދައުރަށް ނޫނީ މަގާމުގައި ދެމިހުންނެވިހާ ދުވަހަކު އެވެ.
"އަޅުގަނޑުމެން ވަކި މީހަކަށް އަމާޒުކޮށް މި ގާނޫނު ފަރުމާކުރި ކަމަށް ބުނާ ބަހުގެ އެއްވެސް އަސާސެއް ނެތް ކަން ގާނޫނުއަސާސީގެ [އިސްލާހުކުރާ] މާއްދާއިން އެބަ އެނގޭ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވާހަކަ ދައްކަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ
މަޖިލީހުގެ މެމްބަރަކު ޖޭއެސްސީއަށް އިންތިހާބު ކުރާ ގޮތަށް މި އިސްލާހުތައް ފާސްކުރިޔަސް، އަލީ ނިޔާޒް ފާހަގަކުރެއްވި ގޮތުގައި އެ މެމްބަރަކަށް ވެސް އެ ކޮމިޝަނުގައި އިންނެވޭނީ ގިނަ ވެގެން ފަސް އަހަރުގެ މުއްދަތަކަށެވެ.
މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޖޭއެސްސީގެ އެކުލެވުން ބަދަލުކުރަން ބޭނުންނުވާ މެމްބަރުންތަކެއް މި އިސްލާހު ފާސްކުރުމަށް ހުރަސްއަޅަމުންދާ ކަމަށެވެ.
މި އިސްލާހު އެކުލަވާލާފައިވަނީ ޖޭއެސްސީއަށް މިހާރު ފޯރާފައި އޮންނަ ސިޔާސީ ނުފޫޒު އެންމެ ކުޑަވާނެ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އެކަމަކު މިހާރަށް ވުރެ ވެސް ސިޔާސީ ނުފޫޒު ކުޑަކުރުމަށްޓަކައި، އަޅުގަނޑަށް ފެންނަނީ މަޖިލީހުގެ މެމްބަރަކު ނީންނަވާ ގޮތަށް ހެދުން. އަޅުގަނޑު އުއްމީދުކުރަނީ ކޮމިޓީ މަރުހަލާގައި މި ބަދަލު ގެންނަވާނެ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ހުށަހެޅީ ސިޔާސީ ނުފޫޒު ކުޑަކުރެވޭނެ ގޮތްތަކަކަށް ކަމަށާއި މިއީ ޝަރުއީ ނިޒާމަށް އަނެއްކާވެސް ގެނެވޭނެ ހެޔޮބަދަލަކަށް ވެގެންދާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ރިފްއަތު ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރިޔަސް އެންމެ މުހިއްމީ އޭރެއްގައި އެ ތިއްބަވާ ބޭފުޅުންގެ އިހްލާސްތެރި ކަމެވެ.
ފިލްޒާ ލަފާ ދެއްވީ ފަނޑިޔާރުން މަދުކުރާ ބިލާ ދެކޮޅަށް
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!
ޝަރީއަތްތައް އަވަސްކުރަން ސުއޫދުގެ ހުށަހެޅުންތަކެއް
ޖޭއެސްސީގެ ރައީސް ކަމަށް މެމްބަރު ރިޒާ އިންތިހާބުކޮށްފި
ހިސާންގެ އިސްލާހުތައް ފޮނުވީ މަސައްކަތް ނިމުނު ފަހުން
ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މެޖިސްޓްރޭޓް ވަކިކޮށްފި
ޖޭއެސްސީ ބަދަލުކުރުން: ރަނގަޅު ފޯމިއުލާއެއް ނެތް!
ތިން ވަނަ ބާރު: އަޅާލުމެއް، ހިޔާވައްސެއް ނެތް!
ދެ މެޖިސްޓްރޭޓަކު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން މަސައްކަތް ފަށައިފި