Roadha Mihaaru
ފަހުން ދިން ތާރީހަށް ވެސް ބްރިޖު ފެނުންމައްޗަށް ނޭރި

ފަހުން ދިން ތާރީހަށް ވެސް ބްރިޖު ފެނުންމައްޗަށް ނޭރި

12 އޮކްޓޯބަރ 2023

ތިލަމާލެ ބްރިޖުގެ ތަނބުތައް މިދިޔަ ސެޕްޓެމްބަރު މަހު ނިންމައި، ޕްރީ ކާސްޓް ސެގްމެންޓްތައް އެތުރުމުގެ މަސައްކަތް ފަށާނެ ކަމަށް ކުރިން ބުނެފައި ވިޔަސް އެ މަސައްކަތް އަދިވެސް ނުފަށަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތިލަމާލެ ބްރިޖުގެ ތަނބުތައް މިދިޔަ ސެޕްޓެމްބަރު މަހު ނިންމައި، ޕްރީ ކާސްޓް ސެގްމެންޓްތައް އެތުރުމުގެ މަސައްކަތް ފަށާނެ ކަމަށް ކުރިން ބުނެފައި ވިޔަސް އެ މަސައްކަތް އަދިވެސް ނުފަށަ އެވެ.

ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް އިން މިދިޔަ އޮގަސްޓް މަހު މީޑިއާތައް ސައިޓްތަކަށް ގެންގޮސް މަސައްކަތް ކުރިއަށްދާ ގޮތް ދެއްކި އިރު ބުނީ މާލެއިން ފެށިގެން ގިރާވަރު ފަޅާ ހިސާބަށް ގުޅާލައި ބްރިޖުގެ ވިލިމާލެ އާއި މާލެއާ ދެމެދުގެ ޕްރީ ކާސްޓް ސެގްމެންޓް އެތުރުމުގެ މަސައްކަތް ސެޕްޓެމްބަރު މަހު ފަށާނެ ކަމަށެވެ. އޭރުން ބްރިޖުގެ ފެނުން މަތީ ބައިތައް ފެންނަން ފަށާނެ ކަމަށް އޭރު ބުންޏެވެ.

އެފްކޮންސްގެ އޮފިޝަލުން އޭރު ބުނި ގޮތުގައި އެ ދޭތެރޭގައި ޖަހަންޖެހޭ ތަނބުތަކުގެ ތެރެއިން އޭރު ނުނިމި ހުރީ ހަތަރު ތަނބެއްގެ މަސައްކަތެވެ.

ވިލިމާލެ އާއި މާލެއާ ދެމެދުގެ ބްރިޖުގެ މަސައްކަތް ނިމޭނެ ކަމަށް ސަރުކާރުން އެންމެ ފުރަތަމަ ދިން ތާރީހަކީ މިދިޔަ އޮގަސްޓް މަހެވެ. ޕްރޮޖެކްޓުގެ މަސައްކަތް ކަނޑައެޅި ތާރީހުތަކަށް ކުރިއަށް ނުގެންދެވުނީ އެ ސަރަހައްދުގެ އޮއިވަރަށް އަންނަ ބަދަލުތަކާ ގުޅިގެން، ކަނޑުއަޑީގެ މަސައްކަތްތައް ކަނޑައެޅި ޓައިމްލައިނާ އެއްގޮތަށް ނުދިއުމުން ކަމަށް އެފްކޮންސްއިން ކުރިން ބުނެފައިވެ އެވެ.

ބްރިޖުގެ ޕައިލިން މަސައްކަތް ކުރިޔަށްދަނީ-- ފޮޓޯ: އެފްކޮންސް

ބްރިޖުގެ ޕައިލިން މަސައްކަތް ކުރިޔަށްދަނީ-- ފޮޓޯ: އެފްކޮންސް

މަސައްކަތް އިތުރަށް ލަސްވީ، ކީއްވެގެންތޯ އޮޅުންފިލުވަން ކުރި މަސައްކަތް، ކަމާބެހޭ އެއްވެސް އޮފިޝަލަކު ފޯނަށް ޖަވާބު ނުދެއްވާތީ ސާފުވާ ގޮތެއް ނުވެ އެވެ.

މުޅި ބްރިޖަށް 260 ތަނބު ބޭނުންވާއިރު އޭގެ ތެރެއިން 80 އަށް ވުރެ ތަނބުގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ. ހުރިހާ ޕައިލްތަކެއް ނިމުމުން ޕައިލް ކެޕިން މަސައްކަތް ނިންމައި، ތަނބުތަކާއި ސުޕަސްޓްރަކްޗާ އަޅަން ފަށާނެ އެވެ.

ރާއްޖޭގައި މި ވަގުތު ހިންގާ އެންމެ ބިޔަ މި މަޝްރޫއުގެ އެންމެ މުހިއްމު އެއް ބަޔަކީ ވިލިމާލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖުގެ ބައެވެ.

ވިލިމާލެ އާއި މާލެއާ ދެމެދުގެ ބްރިޖުގެ މަސައްކަތްތައް ލަސްވިޔަސް، އެ ބްރިޖު ނިންމަން ކަނޑައެޅި ދެ އަހަރާއި އަށް މަހުގެ ތެރޭގައި މުޅި ބްރިޖުގެ މަސައްކަތް ނިމޭނެ ކަމަށް އެ މަސައްކަތް ކުރާ އެފްކޮންސް އިން ގަބޫލުކުރެ އެވެ.

ބްރިޖުގެ ޕައިލީ މަސައްކަތްތައް ކުރަން ހަދާފައިވާ ޕްލެޓްފޯމުތައް-- ފޮޓޯ: އެފްކޮންސް

ބްރިޖުގެ ޕައިލީ މަސައްކަތްތައް ކުރަން ހަދާފައިވާ ޕްލެޓްފޯމުތައް-- ފޮޓޯ: އެފްކޮންސް

މާލެ އިން ތިލަފުއްޓަށް ގުޅާލާ "ގްރޭޓާ މާލެ ޕްރޮޖެކްޓް"ގެ އަމަލީ މަސައްކަތް ފެށީ ސެޕްޓެމްބަރު 2021 ގަ އެވެ. ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ މި ބްރިޖުގެ މަސައްކަތް ލަސް ކަމަށް ސަރުކާރުން ވެސް އެއްބަސްވެ އެވެ. އަދި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އެމަނިކުފާނަށް ވޯޓު މަދުވި އެއް ސަބަބަކީ، ބްރިޖުގެ މަސައްކަތް ލަފާކުރި ސްޕީޑުގައި ކުރިއަށް ނުދިއުން ކަމަށް ވެސް ވިދާޅުވެފަ އެވެ.