Roadha Mihaaru
ލީގެއް ނެތް ޕާކިސްތާނު ވޯލްޑްކަޕް ކޮލިފައިންްއަށް

ފުޓްބޯޅަ ލީގެއް ނެތް ޕާކިސްތާނު ވެސް ވޯލްޑް ކަޕް ކޮލިފައިންއިން ޖާގަ ހޯދައިފި

18 އޮކްޓޯބަރ 2023

ކެމްބޯޑިއާ އާ ދެކޮޅަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ރަސްމީ ފުޓްބޯޅަ ލީގެއް ނެތް ޕާކިސްތާނު ގޮވައިގެން، ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗު ސްޓެފަން ކޮންސްޓަންޓީން ވޯލްޑް ކަޕް ކޮލިފައިންގެ ޖާގައެއް ހޯދައިފި އެވެ.

ކެމްބޯޑިއާ އާ ދެކޮޅަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ރަސްމީ ފުޓްބޯޅަ ލީގެއް ނެތް ޕާކިސްތާނު ގޮވައިގެން، ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗު ސްޓެފަން ކޮންސްޓަންޓީން ވޯލްޑް ކަޕް ކޮލިފައިންގެ ޖާގައެއް ހޯދައިފި އެވެ.

އޭނާގެ ކޯޗު ކަމުގެ ދަށުން ޕާކިސްތާނުން މިއަދު ހޯދި މޮޅަކީ ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި އެ ގައުމުން ހޯދި ފުރަތަމަ މޮޅެވެ.

އިންޑިއާގެ ފުޓްބޯޅަ މަތީ ހަރުފަތަކަށް ގެންދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެ ގައުމުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ކޮންސްޓަންޓީން ޕާކިސްތާނުގެ ގައުމީ ޓީމާ ހަވާލުވީ، ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރު ފެށެން 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށެވެ.

ދެކުނު އޭޝިއާއިން އޭނާ ކޯޗުކޮށްދޭ ތިންވަނަ ގައުމީ ޓީމަކީ ޕާކިސްތާނެވެ. ނޭޕާލްގެ ގައުމީ ޓީމަށް 1999 ގައި ކޯޗުކޮށް ދިން ކޮންސްޓަންޓީން ޕާކިސްތާނާ ހަވާލުވެ އޭނާ ފުރަތަމަ ފާހަގަ ކުރަން ޖެހުނީ ކަންބޮޑުވުންތަކެވެ މައްސަލައަކީ ޕާކިސްތާނުގައި ރަސްމީ ލީގެއް ނެތިމެވެ. އަދި ފުޓްބޯޅައިގެ ވަސީލަތްތަކުގެ ފެންވަރު ދަށް ކަން އޭނާ ފާހަގަ ކުރި އެވެ.

އޭއެފްސީން ބަލައިގަންނަ އެއް ވެސް މުބާރާތެއް ޕާކިސްތާނުގައި ނެތެވެ. އޭއެފްސީ ކްލަބް މުބާރާތެއްގެ ކޮލިފައި މަރުހަލާގައި ވާދަކޮށްލާނެ ކްލަބެއް ވެސް ޕާކިސްތާނުގައި ނެތެވެ. މެޗު ކުޅުނު ޖިނާހް ސްޓޭޑިއަމްގައި ފީފާގެ ސްޓޭންޑަޑަށް ފެތޭ ލައިޓިން ސިސްޓަމެއް ނެތުމުން މެޗު ކުޅެން ޖެހުނީ މެންދުރު ފަހު 3 ޖަހާއިރު އެވެ.

ކްރިކެޓްގައި ދުނިޔޭގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ޕާކިސްތާނުގެ ފުޓްބޯޅަ އަށް ސިޔާސީ ނުފޫޒު ވަދެ މިދިޔަ ހަތަރު އަހަރުތެރޭ ފީފާއިން އެ ގައުމު ދެ ފަހަރެއްގެ މަތިން ސަސްޕެންޑް ކުރި އެވެ.

މިއަދު ކުޅުނު މެޗުގައި ވެސް ރަނގަޅު ފުޓްބޯޅައެއް އެ ޓީމަކަށް ނުކުޅެވުނެވެ. އެކަމަކު އެ ޓީމުގެ ހާރޫން ހަމީދު ވައްދާލި ލަނޑުން، އިސްލާމް އާބާދުގެ ޖިނާހް ސްޓޭޑިއަމަށް ވަދެ ތިބި މަދު އަދަދެއްގެ ސަޕޯޓަރުން ވެސް ވަނީ އާދަޔާހިލާފަށް އުފާފާޅުކޮށްފަ އެވެ.

މި ދެ ޓީމު ކެމްބޯޑިއާގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިއަދު އިސްލާމްއާބާދުގައި ކުޅުނު މެޗަކީ 2015 ގައި ފަހުން އަމިއްލަ ދަނޑުގައި އެ ޓީމުން ކުޅުނު ފުރަތަމަ އިންޓަނޭޝަނަލް މެޗެވެ. ކޮލިފައިންގައި ޕާކިސްތާނު ލައްވާލީ ސައުދީ އަރަބިއާ އާއި އުރުދުން އަދި ތަޖިކިސްތާން ހިމެނޭ ގުރޫޕް ޖީ އަށެވެ.