Roadha Mihaaru
ބަހުސްގެ ނަމުގައި ބިލުތައް ދިގުދަންމާތީ ކަންބޮޑުވުން!

ބަހުސް ކުރާނެ މެންބަރަކު ނެތި، ބިލުތައް ނުނިމި ދިގުލައިގެންދާތީ ކަންބޮޑުވުން!

19 އޮކްޓޯބަރ 2023

މަޖިލީހުގައި ބިލްތަކަށް ބަހުސް ކުރާނެ މެންބަރުން ނެތި، ބަހުސް ކުރަން އޮންނަ ވަގުތު ހަމަ ނުވެގެން ބިލުތައް ނިންމުން ލަސްވާތީ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މަޖިލީހުގައި ބިލްތަކަށް ބަހުސް ކުރާނެ މެންބަރުން ނެތި، ބަހުސް ކުރަން އޮންނަ ވަގުތު ހަމަ ނުވެގެން ބިލުތައް ނިންމުން ލަސްވާތީ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހައުސިން މިނިސްޓްރީގެ ހިންގުމަށް ގެނެވޭ ބަދަލަކާ ގުޅޭ ކޮމިޓީ ރިޕޯޓަކަށް ބަހުސް ކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އެ ރިޕޯޓަކީ އޭޕްރިލް މަހުގެ 18 ގައި ފާސްކުރި ރިޕޯޓެއް ކަމަށާއި އެފަދަ އެތައް ބިލެއް ކުރިއަށް ނުގޮސް މަޖިލީހުގައި ތާށިވެފައިވާ ކަމަށެވެ.

"ބަހުސްކުރާނެ ބޭފުޅަކު މިތާގައި ނެތް ކަމުގައި ވިޔަސް، ބަހުސްކުރާން ބޭނުންނުވި ކަމުގައި ވިޔަސް، މިތާނގައި ތިން ގަޑިއިރު، ހަތަރު ގަޑިއިރު، އެ ބަހުސަކަށް ކަނޑައެޅި ވަގުތު ނިމެންދެން އެ ބިލެއް މިތާނގައި ދަންމައިގެން އެޖެންޑާގައި ބާއްވައިގެން ގެންދަމުން ގެންދަމުން ގޮސް މިގޮތަށް ހުރި މުހިންމު ރިޕޯޓުތަކާ އެއްޗެހި އެޖެންޑާނުކުރެވި، ނައިސް، މިހާހިސާބަށް މި ދަނީ،" ރޮޒައިނާ ވިދާޅުވި އެވެ.

"ދެން މީހަކު ބަހުސްކުރަން ބޭނުންނުވިޔަސް، އެކަކަށް ފުރުސަތު ދީ، ދީ، ދީ، ދީ ވެސް ހަތަރު ގަޑިއިރު އެބަ ހަމަކުރަންޖެހޭ."

މަޖިލީހުގައި ބަހުސް ކުރާނެ މެންބަރެއް ނެތި، ގޭގައި ތިބި މެންބަރުން ދަމާފައި ގެނެސް ވާހަކަ ދައްކުވަން މަސައްކަތް ކުރަން ނުޖެހޭނެ ކަމަށާއި މަސައްކަތްތައް ހިނގަންޖެހޭނީ އެއަށް ވުރެ އެފިޝިއެންޓް ކޮށް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މަޖިލީހުގެ ޖަލްސާއެއްގައި--  ފޮޓޯ: މަޖިލީހުގެ އިދާރާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މަޖިލީހުގެ ޖަލްސާއެއްގައި-- ފޮޓޯ: މަޖިލީހުގެ އިދާރާ

އޭނާ ވިދާޅުވީ، ބަހުސަކީ މެންބަރުން ތަޅުމުގައި ދައްކާ ވާހަކަތަކެއް ކަމަށާއި ބިލުގެ އަސްލު މަސައްކަތް ފެށެނީ ކޮމިޓީއާ ހަމައިން ކަމަށެވެ. އޭނާ ވިދާޅުވީ، މި ކަންކަން ބަދަލު ކުރުމަށް މަޖިލީހުގެ ސެކްރޭޓްރީއޭޓުން ބަލަން ޖެހޭ ކަމަށެވެ.

ރޮޒައިނާގެ ވާހަކައަށް ރައްދު ދެއްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރާނެ ވަގުތާއި ކޮމިޓީ ރިޕޯޓު ނިމުމުން އަމަލު ކުރާނެ ގޮތް ގަވައިދުގައި ބަޔާން ކޮށްފައިވާއިރު، ބަހުސް ކުރަންވީ ސަބަބެއް ނެތް ގޮތަށް ވާހަކަ ދެއްކުން ބަލައިނުގަނެވޭ ކަމަށެވެ.

އެންމެ ގިނައިން ތަކުރާރުކޮށް ބިލްތަކަށް ވާހަކަދައްކަވާ ބޮންޑޭ ވިދާޅުވީ، އެންމެ ބޮޑު މައްސަލައަކީ ރައްޔިތުން ހޮވާފައި ތިބޭ މެންބަރުން މަސްއޫލިއްޔަތު އަދާނުކޮށް މަޖިލީހަށް ހާޒިރުނުވުން ކަމަށެވެ.

"މަޖިލީހުގެ މެޖޯރިޓީ މި ދިނީ ސަރުކާރަށް. އެހެންވީމާ، މިހާރު ވާހަކަ މި ދެއްކެނީ. ކީއްކުރަންހޭ ދެން މަޖިލީހުގައި ބިލަކަށް ބަހުސް ވެސް ކުރަންވީ، މީހަކު ނެތިއްޔާ ނިންމައިލާފައި ހަމަ ދާންވީނޫންހޭ. އެހެނެއް ނޫން ރައްޔިތުންގެ މަޖިލިސްތައް ހިނގަނީކީ. އެއީ މަޖިލިސް ހިނގާ ގޮތެއް ނޫން،" ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާއަކީ ބަހުސް ކުރާނެ މެންބަރެއް ނެތުމުން ތަކުރާރުކޮށް އެ މައްސަލައަްކަށް ވާހަކަދައްކަވާ މެންބަރެއް -- ފޮޓޯ: މަޖިލިސް

ބޮންޑެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާއަކީ ބަހުސް ކުރާނެ މެންބަރެއް ނެތުމުން ތަކުރާރުކޮށް އެ މައްސަލައަްކަށް ވާހަކަދައްކަވާ މެންބަރެއް -- ފޮޓޯ: މަޖިލިސް

އެ ވާހަކައަށް ރައްދު ދެއްވަމުން އެހެން ކޮމިޓީ ރިޕޯޓެއްގެ ބަހުސް ވަގުތުގައި ރޮޒައިނާ ވިދާޅުވީ، މަޖިލީހުގައި މެންބަރުން ތިބެން ދެކޮޅު ހައްދަވަނީ ތަޅުމަކީ ގަވައިދާ ހިލާފަށް ހިންގަމުން އަންނަ، މެންބަރުންނަށް ފުރައްސާރަ ކުރާ ތަނަކަށް ބަދަލުވެފައިވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލަ ފުރަތަމަ ހުށަހެޅުމުން މުޅި މަޖިލިސް ހުއްޓުވައިގެން އުޅުނީ ގަވައިދާ ހިލާފަށް ކަމަށާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސް އަމަލު ކުރައްވަނީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.

އިއްޔެ ފާސްކުރި ދަރިމައިވުމާ ގުޅޭ ގަރާރު: މި ގަރާރު ފާސްކުރުން ލަސްވެ ގިނަ ބައެއްގެ ހައްގަށް އިހުމާލުވި ކަމަށް ހުށަހެޅި މެންބަރު ވަނީ ވިދާޅުވެފައި --

"މި މަޖިލިސް ހިނގަނީ ހަމަ ތި ތަނުގައި އިންނަވާ ބޭފުޅަކު މޮޑޭ ފުށްގަނޑެއްހެން، އެ ދުވަހު ބޭނުން ވަރަކަށް ލޮނު އަޅައިގެން ބޭނުން ވަރަކަށް ފުއް އަޅައިގެން ބޭނުން ވަރަކަށް ފެން އަޅައިގެން،" ރޮޒައިނާ ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން މަޖިލީހަށް ހުށަހަޅާ ބިލްތަކާއި މުހިންމު ގަރާރުތަކުގެ މައްސަލަތައް ތާށިވެ، ދައުރު ނިމޭއިރު ވެސް ނަތީޖާ ނުނެރެވި ލަސްވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލީޙުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން މަޖުބޫރުވީ އެފަދަ އެތައް ކަމެއް ތަކުރާރު ވާތީ ކަމުގައި ރޮޒައިނާ ވިދާޅުވި އެވެ.