Roadha Mihaaru
ދިރާސީ އަހަރު ބަދަލުކުރާތީ މިނިސްޓަރާ ސުވާލުކުރަނީ

ދިރާސީ އަހަރު ފެށުން އަނެއްކާވެސް ޖެނުއަރީއަށް ބަދަލުކުރާތީ މަޖިލީހުން މިނިސްޓަރާ ސުވާލުކުރަނީ

25 ނޮވެމްބަރ 2023

ދިރާސީ އާ އަހަރު ފެށުން 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވާތީ އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާ ގުޅިގެން ވިސްނާފައިވާ ގޮތްތައް ސާފުކުރުމަށް މިނިސްޓަރާ ސުވާލުކުރަން އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދިރާސީ އާ އަހަރު ފެށުން 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވާތީ އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާ ގުޅިގެން ވިސްނާފައިވާ ގޮތްތައް ސާފުކުރުމަށް މިނިސްޓަރާ ސުވާލުކުރަން އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވައިފި އެވެ.

މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ވަނީ 2025 ގައި އަނެއްކާ ވެސް ޖެނުއަރީ މަހަށް ދިރާސީ އާ އަހަރު ފެށުން ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަމުން ކުރިން އަޔަސް ކޮވިޑްގެ ހާލަތާއި ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ އެދުމުގެ މަތިން ދިރާސީ އާ އަހަރު ފެށުން އޮގަސްޓް މަހަށް ބަދަލުކުރީ 2021 ގަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގެނައި އެބަދަލާ އެކު އޭރު ވެސް ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

އަނެއްކާ ވެސް ދިރާސީ އާ އަހަރުގެ ފެށުން ބަދަލުކުރަން އުޅޭތީ އެމްޑީޕީގެ މެމްބަރު ރޮޒައިނާ، މިނިސްޓަރާ ސުވާލުކުރައްވަން ހުށަހެޅުއްވީ އެކަމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް އަސަރުކޮށް، އެ ކުދިންގެ އުމުރުން ބައެެއް އަނެއްކާ ވެސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ބެލެނިވެރިންނަށް އޮތް ކަމަށް ވިދާޅުވެ އެވެ.

އެހެންވެ، މިހާރު ހިނގަމުންދާ ދިރާސީ އަހަރު އަންނަ އަހަރުގެ ޖޫން މަހުގައި ނިމޭއިރު އެ ތާރީހާއި އަލަށް ފެށުމަށް ހަމަޖެހިފައިވާ ތާރީހާ ދެމެދު ހޭދަވާ މުއްދަތުގައި ދަރިވަރުންގެ ކިޔެވުމާ ގުޅިގެން މިނިސްޓްރީން ވިސްނާފައިވާ ގޮތްތައް އޮޅުންފިލުވުމަށް ބޭނުންވާ ކަމަށް ވެސް އެ ނޯޓިސްގައިވެ އެވެ.

އެކަމާ ގުޅިގެން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ކުރިން މިނިސްޓަރު ވިދާޅުވީ ކިޔެވުން ފެށުން އޮގަސްްޓް މަހަށް ބަދަލުކުރީ ހިޔާލު ހޯދުމުގެ ޕޯލްއަކުން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު ދިރާސާއެއް ނުކޮށް އެފަދަ ބޮޑު ނިންމުމެއް ނިންމިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.