Roadha Mihaaru
މަސްވެރިންނަށް ފައިސާ ދިނުމަށް ގޮވާލާ ގަރާރެއް!

މަސްވެރިންނަށް ފައިސާ ދިނުން އަވަސް ކުރަން ގޮވާލާ ގަރާރެއް!

19 ފެބުރުއަރީ 2024

ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވީއެންމެ އަވަހަކަށް ދިނުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވީއެންމެ އަވަހަކަށް ދިނުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެ ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ ޑިސެމްބަރު 18، 2023 އިން ފެށިގެން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ދީފައި ނުވާ ކަމަށާއި މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 298 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ.

މަސްވެރިންގެ އަގު ވަޒަންކޮށް ރަނގަޅު އާމްދަނީއެއް ހޯދައި ދިނުމަށް މަސްވެރިކަމުގެ ގާނޫނު ލާޒިމް ކުރާއިރު މަސް ކިރާ ވަގުތުން ފެށިގެން 48 ގަޑިއިރު ތެރޭގައި މަސްވެރިޔާ އަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"މަސްވެރިންނަކީ ރާއްޖޭގެ އިގްތިސާދު ބިނާ ކުރުމުގައި ބުރަ އަދި މުހިންމު މަސައްކަތެއް ކުރަމުން އަންނަ ބަޔަކަށް ވާއިރު، މަސްވެރިން ކުރާ މަސައްކަތުގެ އަގު މަސްވެރިންނަށް ލިބުމަކީ މަސްވެރިންގެ ހައްގެއް،" ރޮޒެއިނާ ވިދާޅުވި އެވެ.

މަހަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ލިބޭތާ ދެ މަސް ވެފައިވާ ކަމަށާއި މިފްކޯ އަށް މަސް ކިރުމަށް ފަހު މިހާތަނަށް ވެސް އެހާ ގިނަ ދުވަސްވެ ދިގުލައިގެން ގޮސްފައި ނުވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

އޭގެ ސަބަބުން މަސްވެރިންނަށް ދިރިއުޅުމަށް ބޭނުންވާ ބައެއް އަސާސީ ކަންކަން ހަމަޖެއްސުމަށް ވެސް ފައިސާ ނުލިބި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅުއްވައި، ބާނާ މަހަށް ވީއެންމެ އަވަހަށް އެ ފަރާތްތަކާ ފައިސާ ހަވާލު ކުރުމަށް ސަރުކާރަށް ގޮވާލަން،" ރޮޒެއިނާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އިއްޔެ ވިދާޅުވެފައި ވަނީ މަސްވެރިންނަށް ނުދީ 300 މިލިއަނެއްހާ ރުފިޔާ އެބައޮތް ކަމަށެވެ. އެ ބެކްލޮގް ފިލުވަމުން އަންނަ ކަމަށާއި އަންނަ މަހުގެ 5 އިން ފެށިގެން މަސްވެރިން މުޒާހަރާކުރަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އިއްޔެ ހެނދުނުން ފެށިގެން ކޫއްޑޫގައި މަސްވެރިން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވަނީ ށ. އަތޮޅުގައި ހުންނެވުމަށް ފަހު، ކޫއްޑޫ އަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އަދި ރޯދައިގެ ކުރިން 100 މިލިއަން ރުފިޔާ ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް ދެއްވި އެވެ.