Roadha Mihaaru
ނޭވާލާ ނިޒާމުގެ ރޯގާތައް ކޮންޓްރޯލްނުވެ، އިތުރުވަނީ

ނޭވާލާ ނިޒާމުގެ ރޯގާތައް ކޮންޓްރޯލް ނުވެ، ބަލިތައް އިތުރުވަނީ!

24 އޮކްޓޯބަރ 2023

ނޭވާލާ ނިޒާމުގެ ރޯގާތައް ކޮންޓްރޯލް ނުވެ، އެ ބަލިތައް އިތުރުވާތީ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޭވާލާ ނިޒާމުގެ ރޯގާތައް ކޮންޓްރޯލް ނުވެ، އެ ބަލިތައް އިތުރުވާތީ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުއްޕާމޭގެ ބަލިތަކުގެ ޑޮކްޓަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން މުޅި ރާއްޖޭގައި ރޯގާ އާއްމުވެ، ފެތުރެމުންދާ ކަމަށެވެ.

އެ ހާލަތަށް ބަދަލު ނައިސް ދިގުލައިގެން ދިއުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރޯގާ ކޮންޓްރޯލް ވާން ދެ އަހަރު ވެސް ނަގާފާނެ ކަމަށް ބެލެވެނީ،" އެ ޑޮކްޓަރު ވިދާޅުވި އެވެ.

ސްކޫލަށް ދާ އުމުރުގެ ކުދިންނާ ހިސާބުން ފެށިގެން އުމުރުން ދުވަސްވީ މީހުން ވެސް ރޯގާ ޖެހި، ރަނގަޅު ނުވެ، ފަރުވާ ހޯދާ ކަމަށް އެ ޑޮކްޓަރު ވިދާޅުވި އެވެ. އެކަމަކު، ސްކޫލްތަކުގެ ބޮޑު ބަންދަށް ފަހު، މިދިޔަ އޮގަސްޓްމަހު އަލުން ކިޔަވައިދޭން ފެށިއިރު އެ ބަލިތައް، ހާއްސަކޮށް ދަރިވަރުންގެ ރޯގާ ގޯސްވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަހުން ސްކޫލުތައް ހުޅުވި ދުވަސްވަރު މި ޕެޓާން ފެނިފައި ވަނީ،" ފުއްޕާމޭގެ ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރޯގާ އިތުރުވަމުންދާއިރު ކޮވިޑުގެ ފަހުން ފުއްޕާމޭ އިންފެކްޓް ވެގެން އަދި ވެސް މީހުން ފަރުވާ ހޯދަ އެވެ. އޭގެ ތެރޭގައި ގިނައީ ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ. އެކަމަކު، އެ ބަލި ނުޖެހޭ މީހުން ވެސް ފަރުވާ ހޯދަ އެވެ.