Roadha Mihaaru
މަޖިލިސް ހަމަނުޖެހުމުގައި ޖިނާއީ ކުށް ބަލަން ގޮވާލައިފި

މަޖިލީހުގެ ހަމަނުޖެހުމުގައި ޖިނާއީ ކުށެއް އެކުލެވޭ ނަމަ އެކަން ބަލަން ޑިމޮކްރެޓްސް އިން ގޮވާލައިފި

29 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިނގި ހަމަނުޖެހުންތަކުގައި ޖިނާއީ ކުށެއް އެކުލެވޭ ނަމަ އެކަން ބަލައިދިނުމަށް ޑިމޮކްރެޓްސް އިން މިއަދު ގޮވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިނގި ހަމަނުޖެހުންތަކުގައި ޖިނާއީ ކުށެއް އެކުލެވޭ ނަމަ އެކަން ބަލައިދިނުމަށް ޑިމޮކްރެޓްސް އިން މިއަދު ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާއްވަން ތާވަލްކުރި ޖަލްސާ މިއަދު ނުބޭއްވޭނެކަން އަމީންއާއްމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވުމާ އެކު، އެމްޑީޕީގެ މެންބަރުން ވަނީ މަޖިލިސް ރިޔާސަތު ހުންނަ މޭޒު ކުރިމައްޗަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެ ހިތްހަމަނުޖެހުންތަކުގައި، ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ޑެސްކްޓޮޕް ވައްޓާލައި މޮބައިލް ފޯނާއި އަތްދަބަހަށް ފެން ޖަހައި އެ ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށް، ޑިމޮކްރެޓްސް އިން ބުނެ އެވެ.

އެ މައްސަލަތަކުގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުނީ، ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރާ ގުޅޭ މައްސަލައިގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ.

ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަވްދުﷲ ޑެންގޫ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ސަލާމް ވިދާޅުވެފައިވާކަން، މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ އިއްވެވުމުން މަޖިލިސް ހޫނުވެގެން ދިޔަ އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ރިޔާސަތުގެ ސަރަހައްދަށް ވަންނަވައި ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީންނަވައި ގަވާއިދާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ދިމާކޮށް އެ ބޭފުޅުންގެ ތަކެއްޗަށް ގެއްލުންދިނުމާއި މަޖިލީހުގެ ރިޔާސަތުގެ ސަރަހައްދަށް ވަދެ ރިޔާސަތުގެ ގޮނޑިކޮޅުގައި ގަވާއިދާ ހިލާފަށް އިށީންނުން ފަދަ ނާތަހުޒީބީ އަމަލުކުރަން ނުހިންގުމަށް މި ޕާޓީން ގޮވާލަމެވެ. އަދި އެ އަމަލުތަކުގައި ޖިނާއީ ކުށެއް އެކުލެވޭ ނަމަ އެކަން ބައްލަވައިދެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.