Roadha Mihaaru
ހުޅުމާލެ ބިންތަކާ ގުޅޭ މުއާމަލާތް ކުރާތީ ކަންބޮޑުވުން!

ހުޅުމާލެ ބިންތައް ވިއްކުމާ ގުޅޭ ބޮޑެތި ނިންމުންތަކެއް ނިންމަން އުޅޭ ކަމުގެ ތުހުމަތު

29 އޮކްޓޯބަރ 2023

އާބަންކޯ އިން ހުޅުމާލެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތް ކުރަމުންދާ ކަމަށް ބުނެ އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އާބަންކޯ އިން ހުޅުމާލެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތް ކުރަމުންދާ ކަމަށް ބުނެ އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ބިންތަކާ ގުޅޭ ވިޔަފާރި މުއާމަލާތްތަކެއް ނިންމުމަށް އެކަމާ ގުޅޭ 40 އައިޓަމެއް އާބަންކޯ އިން ދެން އެންމެ އަވަހަށް ބާއްވާ ބޯޑް ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހުޅުމާލެ ބިންތަކަކީ ދިވެހި ދައުލަތުގައި ހިމެނޭ އެންމެ ބޮޑު އެއް އެސެޓުތައް ކަމަށާއި ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ހިނގާ މި ދަނޑިވަޅުގައި އަވަސް އަރުވާލައިގެން އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ ކަންބޮޑުވުމެއް ކަމަށް އެ އޮފީހުން ބުންޏެވެ.

"...ވަކީން ހާއްސަކޮށް މި މުއާމަލާތްތަކުގެ ތެރޭގައި ބޭރު ފަރާތްތަކަށް ބިން ލީޒް ކުރުމުގެ މުއާމަލާތްތަކެއް ހިމެނޭ ކަމާ މެދު އިތުރަށް ކަންބޮޑުވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެފަދަ ނިންމުންތަކުގެ ސަބަބުން އަލަށް ފަށާ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްތަކެއް އެޅޭނެ ކަމަށާއި މުޅި ދައުލަތަށް ވެސް ގެއްލުން ލިބުމުގެ ފުރުސަތު އޮތް ކަމަށް އެ އޮފީހުން ބުންޏެވެ.

މި މަރުހަލާގައި އެފަދަ ހުރިހާ މުއާމަލާތްތަކެއް މަޑުޖައްސާލުމަށާއި ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ވެސް އިންތިގާލީ މަރުހަލާގެ ރޫހާ އެއްގޮތަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އިންތިހާބީ ރައީސްގެ އޮފީހުން ބުންޏެވެ.

އާބަންކޯ އިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހުޅުމާލެއިން 60 ބިމެއް ވިއްކަން ނިންމާފަ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހުޅުވައިލީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބިން ބީލަމުގެ އުސޫލުން ވިއްކުމަށެވެ. ބިމުގެ އަގު ފެށޭ އަގަކީ އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން އަކަފޫޓަކަށް 3500ރ. އެވެ. އެހެންވެ ކޮންމެ ބިމަކަށް އެންމެ މަދުވެގެން ވެސް 5.6 މިލިއަން ރުފިޔާ އަރާނެ އެވެ.