Roadha Mihaaru

ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ދަށްވެ، ވިލާ އަތުން އެ ތަން އަތުލަން ގޮވާލައިފި

ރާއްޖޭގެ ވައިގެ ދަތުރުފަތުރު ހިދުމަތުގެ ތަސައްވަރު ކިލަނބުވާ ދަރަޖައަށް ގދ. ކާޑެއްދޫ އެއާޕޯޓް ފެންވަރު ދަށްވެފައިވާ ކަމަށް ވިދާޅުވެ، ވިލާ އެއާ އަތުން އެއާޕޯޓު އަތުލަން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފަ އެވެ.

ކާޑެއްދޫ އެއާޕޯޓުގެ ހާލަތާ މެދު ކޮމިޓީގެ ކަންބޮޑުވުން

ރާއްޖޭގެ ވައިގެ ދަތުރުފަތުރު ހިދުމަތުގެ ތަސައްވަރު ކިލަނބުވާ ދަރަޖައަށް ގދ. ކާޑެއްދޫ އެއާޕޯޓް ފެންވަރު ދަށްވެފައިވާ ކަމަށް ވިދާޅުވެ، ވިލާ އެއާ އަތުން އެއާޕޯޓު އަތުލަން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފަ އެވެ.

ވިލާ އެއާއާ ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ.

އެކަމަކު، އެ އެއާޕޯޓް ވިލާ އަށް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ގައި ހުކުމްކުރި އެވެ. މި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

އެއާ އެކު، އެ އެއާޕޯޓު ވިލާ އެއާއާ އަލުން ހަވާލުކޮށްފައިވަނީ މާޗު 2022 އިގަ އެވެ.

އެސެސްމަންޓެއް ހަދައިފިއްޔާ، އެތަން ހިންގަން ހުއްދަ ނުދޭ ހިސާބުގަ މިހާރު އެއާޕޯޓު އެ އޮތީ،"--- މެމްބަރު ސައުދުﷲ

ނަމަވެސް، އޭގެ ފަހުން އެއާޕޯޓުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، އެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅައި، އިގުތިސާދީ ކޮމިޓީން ބަލަން ފަށައިފަ އެވެ.

އެ މައްސަލައިގައި މިއަދު ކޮމިޓީގެ ބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓުގެ ފެންވަރުގެ އެސެސްމަންޓެއް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހަދާފައި ނުވާ ކަމަށް ބުނުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

"އެސެސްމަންޓެއް ހަދައިފިއްޔާ، އެތަން ހިންގަން ހުއްދަ ނުދޭ ހިސާބުގަ މިހާރު އެއާޕޯޓު އެ އޮތީ،" ރަންވޭ މައްޗަށް ވެސް ބޭނުން މީހަކަށް އެރޭ ގޮތަށް ސަލާމަތީ ކަންކަން ވެސް ނުބެލެހެއްޓޭ ކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ ވިސްނުމެއް ވިލާ އެއާ އިން ގެންގުޅޭ ކަމަކަށް ގަބޫލު ނުކުރެއްވެ އެވެ.

އެހެންކަމުން، ދައުލަތުގެ އަގު ބޮޑު މުދަލެއް ބޭނުންހާ ގޮތަކަށް ހިންގަން ދޫކޮށް ނުލައި އެ ތަން ވިލާ އެއާގެ އަތުލުމަށް ކަމަށް ސައުދުﷲ ގޮވާލެއްވި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، ކޮމިޓީއަށް މިކަމާ މެދު ގޮތެއް ނިންމޭނީ ކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބިގެން ކަމަށެވެ.

އެއާ އެކު، އޭނާ ވަނީ ސިވިލް އޭވިއޭޝަނާއި ވިލާ އެއާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތަކުގެ އިތުރުން އެއާޕޯޓު ތަރައްގީ ކުރަން އެ އެއާލައިނުން ގެންގުޅޭ ޕްލޭނެއް ހޯދަން ހުށަހަޅުއްވައިފަ އެވެ.

ވެލިދޫ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އައްބާސް ވަނީ، ވިލާ އެއާގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީ ވެސް ކޮމިޓީއަށް ހާޒިރުކޮށް، ކަމާ ގުޅޭ މައުލޫމާތުތައް ހޯދުމަށް ހުށަހަޅުއްވައިފަ އެވެ.

އެ ދެ ހުށަހެޅުން ވެސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

އެއާ އެކު، ވިލާ އެއާ އާއި ސިވިލް އޭވިއޭޝަންގެ އިސް ބޭފުޅުން، އަންނަ އަންގާރަ ދުވަހު އޮންނަ ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.

ވިލާ އެއާ އިން 2022 ގައި ކާޑެއްދޫ އެއާޕޯޓު ހިންގުމާ ހަވާލުވުމަށް ފަހު، ހަތް އަހަރު ދުވަހުގެ ތެރޭގައި އެތަން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ފެންވަރަށް ތަރައްގީކުރަން އޮތީ ނިންމައިފަ އެވެ.