Roadha Mihaaru
މަޖިލީހުގެ މައްސަލާގައި އާޒިމާ ފާޑުވިދާޅުވީ އޭޖީއަށް

އާޒިމާ ވިދާޅުވީ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފްވި އިރު ބަންޑާރަ ނައިބު އަޅާނުލި ކަމަށް

06 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފުވަމުންދިޔައިރު ބަންޑާރަ ނައިބު އެކަމުގައި އެއްޗެއް ވިދާޅުނުވެ، ހިމޭނުން ހުންނެވުމަކީ ގޯހެއް ކަމެއް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ސުޕްރީމް ކޯޓުގައި މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފުވަމުންދިޔައިރު ބަންޑާރަ ނައިބު އެކަމުގައި އެއްޗެއް ވިދާޅުނުވެ، ހިމޭނުން ހުންނެވުމަކީ ގޯހެއް ކަމެއް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ސުޕްރީމް ކޯޓުގައި މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އާޒިމާ މިހެން ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ ނެތް ކަމުގެ މައްސަލައިގެ ގަރާރު ހުށަހެޅުމުގެ ޖަލްސާ އެތައް ފަހަރަކު އެޖެންޑާކުރި ނަމަވެސް، ކުރިއަށް ގެންދެވޭ ގޮތް ނުވުމުން އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލައަށް ތަދައްހުލްވި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވަކާލާތު ކުރައްވަމުންނެވެ.

މަޖިލިސް ކުރިއަށް ނުގެންދެވި ހުއްޓުމަކަށް އައީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ރިޔާސަތުގައި އިންނަވަން ޖެހޭނީ ނައިބު ރައީސް ކަމަށާއި އެހެން ބޭފުޅަކަށް ރިޔާސަތުގައި އިންނެވޭނެ ގޮތެއް ނެތް ކަމަށް އަމީންއާންމު ނިންމެވުމާ ގުޅިގެންނެވެ.

އެމްޑީޕީން ކޯޓަށް މައްސަލަ ހުށަހެޅީ އެއީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެވެ. އެކަމަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މަޖިލިސް ތަމްސީލްކުރި ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަނީ މަޖިލީހުގެ ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލް ފާތިމަތު ހަލީމް ވިދާޅުވި ގޮތުގައި، މަޖިލީހުގެ މަސައްކަތްތައް ހުއްޓި، ދުސްތޫރީ ހުސްކަމަކަށްދާ ގޮތަކަށް ގަވައިދު މާނައެއް ނުކުރޭނެ އެވެ. އެކަމަކު، މަޖިލީހުން ވަނީ އެ މާނަކުރުން ގަބޫލުނުކޮށް، އަމީންއާންމުގެ ނިންމުން ދިފާއުކޮށްފަ އެވެ.

އެކަމާ މެދު ސުވާލު އުފައްދަވައި ވަކީލް އާޒިމާ ފުރަތަމަ ނެންގެވީ އިޖުރާއީ އިއުތިރާޒެކެވެ. އޭނާ ވިދާޅުވީ މަޖިލިސް ތަމްސީލްކުރާ ބަންޑާރަ ނައިބާއި މަޖިލީހުގެ ވިސްނުން ތަފާތުކޮށް އޮތުމުން ދައުލަތުގެ ސްޑޭންޑަކީ ކޮބައިކަން ސާފުނުވާ ކަމަށެވެ. އެ އިއުތިރާޒު، ބެންޗުން ބަލައެއް ނުގަނެ އެވެ.

މައްސަލައަށް ތަދައްހުލްވި ފަރާތުގެ ހައިސިއްޔަތުން އާޒިމާ ވިދާޅުވީ ޖޫން މަހުން ފެށިގެން ރައްޔިތުންގެ މަޖިލިސް އޮތީ ހުއްޓިފައި ކަމަށާއި ރިއާސީ އިންތިހާބެއް ވެސް ނިމިގެން ދިޔައީ މަޖިލިސް ހުއްޓިފައި އޮވެގެން ކަމަށެވެ. އެއީ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފަށް ނެރޭ މާނަކުރުންތަކެއްގެ ސަބަބުން ކަމަށް ބަންޑާރަ ނައިބު ވެސް ގަބޫލުކުރައްވާ ކަމަށާއި އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅައި އޮވެ، މިހާރު ކޯޓަށް ވަޑައިގެން އެ ވާހަކަ ދެއްކުމުން ކޯޓުން އެކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ބަންޑާރަ ނައިބަކީ މުޅި ދައުލަތުގެ ބަންޑާރަ ނައިބު ކަމަށް ވާއިރު ދައުލަތުގެ ހުރިހާ މުއައްސަސާއެއް ވެސް ހިނގަނީ ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިންކަން ކަށަވަރު ކުރުމަކީ ބަންޑާރަ ނައިބުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް، ގާނޫނުއަސާސީއާ ހިލާފަށް ބަންޑާރަ ނައިބަށް ވެސް އެއްވެސް ލަފައެއް ނުދެވޭނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ބަންޑާރަ ނައިބުގެ ވަކީލުން މިއަދު ޝަރީއަތުގެ މަޖިލިހަށް ހާޒިރުވެ ކޯޓަށް ވަދެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބަންޑާރަ ނައިބުގެ ވަކީލުން މިއަދު ޝަރީއަތުގެ މަޖިލިހަށް ހާޒިރުވެ ކޯޓަށް ވަދެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

އާޒިމާ އިޝާރާތް ކުރެއްވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް ޖަލްސާ އަށް ހާޒިރުނުވުމަށް ބަންޑާރަ ނައިބު ރިފްއަތު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ދެއްވި ލަފަޔަށެވެ. އާޒިމާ ވިދާޅުވި ގޮތުގައި އެއީ ގާނޫނުއަސާސީއާ ހިލާފު ލަފައެކެވެ. އަދި މިނިސްޓަރު އަމީރު ވެސް ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓަކީ ގާނޫނުގެ ވަކި ހަމަތަކެއްގެ މަތިން ހުށަހަޅަން މިނިސްޓަރުގެ މައްޗަށް ލާޒިމްކޮށްފައި އެއްޗަކަށް ވާއިރު އެ އުސޫލުގެ ތެރެއިން މަޖިލީހުން އެކަން ކުރުމަށް އެންގުމުން އެއާ ހިލާފު ނުވެވޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ ފަރާތުން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނިކޮށް، އެކަމާ މެދު ގޮތެއް ނުނިންމާ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ އެވެ. މިއަދު ކޯޓުގައި ވެސް ބަންޑާރަ ނައިބުގެ ފަރާތުން ވަނީ އެ ސްޓޭންޑް ދަމަހައްޓައިފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމުގައި އޮތް އެންމެ ބޮޑު ހިޔާލު ތަފާތުވުމަކީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ) ވަރަށް ބޮޑަށް ހަނިކޮށް، މަޖިލީހުން މާނަކުރުމެވެ. މާއްދާގައި ބުނަނީ މަޖިލީހުގެ ރައީސް އެ މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގައި، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެނެއް ނުވާނެ ކަމަށް އެކަންޏެވެ.

ނަމަވެސް، މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނަނީ މަޖިލީހުގެ ރައީސްގެ މަގާމުންްްް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ ނައިބު ރައީސް ކަމެވެ. އެ މާއްދާ އެހެން އޮތުމުން، ނައިބު ރައީސް ނޫން އެހެން ބޭފުޅަކު ރިޔާސަތު ބެހެލެއްޓުމަށް ފުރުސަތު ނެތް ކަމަށް އަމީންއާންމު ގަބޫލުކުރައްވަ އެވެ.

މިކަމަށް ބަންޑާރަ ނައިބު ވެސް އަދި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވެސް ވަނީ ތާއިދުކޮށްފަ އެވެ. އާޒިމާ ވިދާޅުވި ގޮތުގައި ދުސްތޫރީ އޮނިގަނޑަކީ ދުސްތޫރީ ނިޒާމް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުން ކަމަށާއި އެ ނިޒާމް ހުއްޓުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށެވެ. އެހެންކަމުން އޮނިގަނޑުގައި ނެތް ގައިދު ކުރުމެއް ގެނެސް، މުޅި އޮނިގަނޑު ހުއްޓާލެވޭ ގޮތަށް މަޖިލީހަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށެވެ.