Roadha Mihaaru
ތިން ރައީސުން ތިއްބެވި އުތީމުގެ "ރިޔާސީ ގަނޑުވަރު"

ތިން ރައީސުން ތިއްބެވި އުތީމުގެ "ރިޔާސީ ގަނޑުވަރު"

12 ފެބުރުއަރީ 2017

ފޮޓޯ އިން ފެންނަ މި ގެއަކީ، އެހާ ޚާއްސަ ތަނެއްހެން ހީވޭ ހެއްޔެވެ؟ މި ރަށުގެ އުތުރު ފަރާތު އަތިރިމައްޗަށް ވާ ގޮތަށް ހުރި ގެއެކެވެ. މިއީ އުތީމުގެ "ރިޔާސީ ގަނޑުވަރެ"ވެ. ރާއްޖޭގެ ތިން ރައީސަކު މިގޭގައި ތިއްބަވައިފި އެވެ. ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދެވެ. މި ގެ، ބައެއް މީހުންނަށް، ޚާއްސަ ވަނީ މި ސަބަބާ ހެދި އެވެ.

ފަޒީނާ އަހުމަދު ހއ. އުތީމުން ފަޒީނާ އަހުމަދު

ފޮޓޯ އިން ފެންނަ މި ގެއަކީ، އެހާ ޚާއްސަ ތަނެއްހެން ހީވޭ ހެއްޔެވެ؟ މި ރަށުގެ އުތުރު ފަރާތު އަތިރިމައްޗަށް ވާ ގޮތަށް ހުރި ގެއެކެވެ. މިއީ އުތީމުގެ "ރިޔާސީ ގަނޑުވަރެ"ވެ. ރާއްޖޭގެ ތިން ރައީސަކު މިގޭގައި ތިއްބަވައިފި އެވެ. ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދެވެ. މި ގެ، ބައެއް މީހުންނަށް، ޚާއްސަ ވަނީ މި ސަބަބާ ހެދި އެވެ.

ރައީސުން އެކަންޏެއް ވެސް ނޫނެވެ؛ އުތީމަށް ވަޑައިގަންނަވާ ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ސިޔާސީ ބޭފުޅުން ވެސް މަޑުކުރައްވަނީ "ނޫރާނީހިޔާ" ގަ އެވެ. އުތީމު ގަނޑުވަރާއި މި ރަށުގެ ހިތްގައިމުކަން ދެކިލަން އައި އެތައް ބަޔަކު ވެސް މި ގޭގައި ނިދައިފި އެވެ. މިގެ، އެހާ ޑިމާންޑް ބޮޑުވުމުގެ ސިއްރަކީ ހިތްގައިމު ސަރަހައްދެއްގައި ހުރުމުގެ އިތުރުން މެހެމާންދާރީ އެވެ. ގޭގެ ވެރި، އަބްދުލްވާހިދު އަބްދުއްރަހުމާންގެ ދެމަފިރިންނަކީ މެހްމާންދާރީގައި ނަމޫނާ ބައެކެވެ.

ހއ. އަތޮޅަށް ކުރި ދަތުރުގައި މި ރަށުގައި މަޑުކުރި "މިހާރު"ގެ ޓީމަށް ވެސް ވަނީ މިކަން ތަޖުރިބާކުރެވިފަ އެވެ. ހުރިހާ އިންތިޒާމުތަކެއް ވެސް ވަރަށް ފުރިހަމަ އެވެ.

ކޮންމެ ބޭފުޅަކު ވެސް ވެރިކަމާ ހަވާލުވެވަޑައިގެން، މި ރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި މަޑުކުރެއްވީ. އެއީ ހަގީގަތުގައި ވަރަށް ބޮޑު ހިތްހަމަޖެހުމެއް. --ވާހިދު
ވާހިދު، "މިހާރު" އަށް އިންޓަވިއުދެނީ

ވާހިދު، "މިހާރު" އަށް އިންޓަވިއުދެނީ

ރަސްމީ ދަތުރުފުޅެއްގައި މި ރަށަށް ވަޑައިގެން، އެންމެ ފުރަތަމަ މިގޭގައި މަޑުކުރެއްވީ ރައީސް ނަޝީދެވެ. އޭގެ ފަހުން، ވަޑައިގަތީ ރައީސް ވަހީދެވެ. ރައީސް ޔާމީން ވަޑައިގަތީ މަގާމާ ހަވާލުވެވަޑައިގެން އުތީމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގަ އެވެ.

މާ ގިނަ ވަގުތުތަކެއް ތިން ރައީސުން ހޭދަ ނުކުރެއްވިއަސް، ގޭގައި ތިއްބެވުން ވެސް އެއީ، ވާހިދަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

"އަޅުގަނޑު ވަރަށް އުފާވޭ. ކޮންމެ ބޭފުޅަކު ވެސް ވެރިކަމާ ހަވާލުވެވަޑައިގެން މި ރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި މަޑުކުރެއްވީ. އެއީ ހަގީގަތުގައި ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ވާހިދު، 63، ބުންޏެވެ.

ރައީސުން މި ގޭގައި މަޑުކުރައްވާ ދުވަސްތަކުގައި ދެމަފިރިން ވެސް ޖެހެނީ އެހެން ގެއަކަށް ބަދަލުވާށެވެ. ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ. އެއީ، އެ ދެމަފިރިންނަށް މައްސަލައެއް ނޫނެވެ؛ އެކަން އޮންނަން ޖެހޭނީ ވެސް އެގޮތަށް ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

ވާހިދު ބުނި ގޮތުގައި، ވެރިކަމުގެ ދުވަސްވަރުގައި ރައީސުން މި ގޭގައި ތިއްބެވިއިރު، ނަޝީދު ފިޔަވައި އެހެން ބޭފުޅަކާ ބައްދަލުވެ ވާހަކައެއް ނުދެއްކެ އެވެ. ނަޝީދު ވަޑައިގެން އުޅުއްވިއިރު، ފެނުމުން ހާލު އޮޅުންފިލުވައި ވާހަކަ ދެއްކެވި އެވެ. އަދި، އާއިލާގެ ބޭފުޅުން ކޮފީ ބައްލަވަން ބޭނުންފުޅުވެގެން އެ އިންތިޒާމް ގޭގައި ހަމަޖައްސައިދިން ކަމަށް ވެސް ވާހިދު ބުންޏެވެ.

"ރައީސް ޔާމީނާ ބައްދަލު ނުވީ، އެމަނިކުފާނު ވަރަށް ކުޑަ ވަގުތުކޮޅަކަށް ވަޑައިގަތުމުން. މި ރަށަށް ވަޑައިގެން ހެދުންކޮޅު ބަދަލުކުރައްވާފައި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ގެއަށް އެނބުރިވަޑައިގެން ވަގުތުން އެހެން ރަށަކަށް ފުރާވަޑައިގަތީ. ރައީސް ވަހީދާ ބައްދަލުވެ ވާހަކަ ދެއްކުނީ ވަރަށް ފަހުން އިހަކަށް ދުވަހު މި ރަށަށް ވަޑައިގެން މި ގޭގައި ހުންނެވިއިރު،" ވާހިދު ބުންޏެވެ.

އާއިލާއާ އެކު މިދިޔަ މަހު ހަނިމާދު އަށް ވަޑައިގެން އުޅުއްވިއިރު އުތީމަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރައީސް ވަހީދު ހުންނެވީ މި ގޭގަ އެވެ. މިފަހަރު، ރައީސް ވަހީދު ވަޑައިގެންނެވީ ދެމަފިރިންގެ މެހްމާންދާރީ އަށް ޝުކުރު އަދާކުރައްވާފައި ކަމަށް ވާހިދު ބުންޏެވެ.

އުތީމު ނޫރާނީހިޔާ: މި ރަށަށް އަންނަ އެތައް ބަޔަކު މި ގޭގައި މަޑުކުރޭ. --ފޮޓޯ: އަބްދުﷲ އައުރާފް/ މިހާރު

އުތީމު ނޫރާނީހިޔާ: މި ރަށަށް އަންނަ އެތައް ބަޔަކު މި ގޭގައި މަޑުކުރޭ. --ފޮޓޯ: އަބްދުﷲ އައުރާފް/ މިހާރު

އޭނާ ބުނި ގޮތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ދެތިން ހަތަރު ފަހަރަކު މި ގޭގައި ހުންނަވައިފި އެވެ. އެންމެ ފަހުން މި ރަށަށް ވަޑައިގަތް ދަތުރުފުޅުގައި، އެހެން ގެއެއްގައި ހުންނެވުމަށް ފަހު ވެސް ފަހުން މި ގެއަށް ބަދަލުވެވަޑައިގަތީ އެވެ.

ވިޔަފާރިއެއް ނޫން، ދެމަފިރިންގެ ހިތްހަމަޖެހުން

މީގެ އަށް އަހަރު ކުރިން، 100،000ރ. ގެ ލޯނަކާއި ދެމަފިރިންގެ އާމްދަނީ އާއި ދަރިންގެ އެހީއާ ވެސް އެކު އެ ގެ ރަނގަޅު ފެންވަރަކަށް ހެދީ ދަރިން ދިރިއުޅޭށެވެ. އެކަމަކު ފަސް ދަރިންގެ ވެސް ކިޔެވުމާއި ވަޒީފާގެ ކަންކަން މާލެ އިން ހަމަޖެހުމުން، ހުރިހާ ދަރިން ވެސް ދިރިއުޅެނީ މާލޭގަ އެވެ. ގެ ކުއްޔަށް ދޫކުރުމުގެ ވިސްނުން އައީ އެ ހިސާބުންނެވެ.

"މި ގެ ހުސްކޮށް ހުންނާތީވެ، އެހެން ބަޔަކަށް ވެސް ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ގޭގައި މީހުން ބައިތިއްބަން ފެށީ. ކޮންމެހެން ފައިސާ ހޯދާކަށެއް ނޫން. އޭގެ ފަހުން މި ގެއިން މީހުން ހުސްވާއިރެއް ނާދޭ. އެކި ރަށްރަށުން އަންނަ މީހުންނާއި ޓޫރިސްޓުންނާއި އެހެން ގޮސް ވަރަށް ގިނަ ބަޔަކު މަޑުކުރޭ،" އޭނާ ބުންޏެވެ.

ވާހިދުގެ ވަޒީފާ އަކީ އެ ރަށުގެ މިސްކިތް ބެލެހެއްޓުމެވެ. އަންހެނުންނަކީ، ހެލްތު ވޯކަރަކަށް ވާތީ ދެމަފިރިންނަށް ވެސް ރަނގަޅު އާމްދަނީއެއް ލިބެ އެވެ.

ހއ. އުތީމަށް ވަޑައިގަންނަވާ ވެރިން ތިއްބަވާ ގޭގެ ވެރިޔާ ވާހިދު

ހއ. އުތީމަށް ވަޑައިގަންނަވާ ވެރިން ތިއްބަވާ ގޭގެ ވެރިޔާ ވާހިދު

ވާހިދުގެ ދެމަފިރިން އެންމެ ބޮޑު އިސްކަމެއް ދެނީ، މި ގެއަށް އަންނަ މީހުންގެ ހިތްހަމަޖެހުމަށެވެ. ޝަކުވާ ކުރާނެ އެއްވެސް ފުރުސަތެއް ނުދެ އެވެ. ފަސް ކޮޓަރި ހުންނައިރު ހުރިހާ ކޮޓަރިއަކަށް ވެސް މީހުން ވައްދަނީ ބޭނުންވާނެ ހުރިހާ ސާމާނާ އެކުގަ އެވެ. ގޭތެރެ އާއި ކޮޓަރިތައް ވެސް ވަރަށް ސާފުތާހިރެވެ.

"ގެއަށް ކޮންމެ މީހަކު އަޔަސް އެއްވެސް ކަމެއް ދަތިވާ ނަމަ ބުނާށޭ އަޅުގަނޑުމެން ބުނަން. އެގޮތަށް އެދެފި ނަމަ އަޅުގަނޑުގެ އެހީ ލިބޭނެ،" ވާހިދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ގެ ކުއްޔަށް ދީގެން އޭނާގެ އާއިލާ އަށް ބޮޑު އާމްދަނީއެއް ވެސް ލިބެން އޮތެވެ. އެ ހުށަހެޅުން ލިބުނީ މި ރަށަށް ޒިރާތްކުރި ޓޫރިސްޓުންތަކެއްގެ ފަރާތުންނެވެ. އެ މީހުން ހުށަހެޅި އަގަކީ މަހަަކަށް 12،000 ޑޮލަރު (185،000ރ) އެވެ.

"އަޅުގަނޑު އެއްބަހެއް ނުވިން، އަޅުގަނޑު ދެންނެވިން މިއީ އަޅުގަނޑުގެ ދަރިންގެ ގެއޭ،" ވާހިދު ބުންޏެވެ.

އުތީމު ނޫރާނީހިޔާ: މިގެ ކުއްޔަށް ދޫކުރަން ފެށީ މީގެ އަށް އަހަރު ކުރިން --ފޮޓޯ/އަބްދުﷲ އައުރާފް/މިހާރު

އުތީމު ނޫރާނީހިޔާ: މިގެ ކުއްޔަށް ދޫކުރަން ފެށީ މީގެ އަށް އަހަރު ކުރިން --ފޮޓޯ/އަބްދުﷲ އައުރާފް/މިހާރު

ގެ ހަދަން ނެގި ލޯނު ދައްކައި ނިމުމުން، ހުޅުމާލެ އިން ގޯއްޗެއް ވެސް ދަރިންގެ އެހީތެރިކަމާ އެކު ވާހިދު ގަތެވެ. އެކަމަކު ހަގު ފިރިހެން ދަރިފުޅު ރާއްޖެ އިން ބޭރަށް ކިޔަވަން ދާން ފައިސާ ބޭނުންވުމުން ވާހިދު އެ ގޯތި ވިއްކާލީ އެވެ. ގޯއްޗަށް ވުރެ، އޭނާ އަށް މުހިއްމުވީ ދަރިފުޅުގެ ކިޔެވުމެވެ.

އެ ނިންމުމުގެ ނަތީޖާ ވެސް ފޮންޏެވެ؛ އެ ދަރިފުޅު، ކިޔަވާ ނިމިގެން މިހާރު ހުރީ ސަރުކާރުގެ ރަނގަޅު ވަޒީފާއެއްގަ އެވެ.

ދެމަފިރިންނަށް ލިބޭ އުފަލަކީ މިއެވެ؛

ދޭތެރެ ދޭތެރެ އިން މާލެ ދިޔައަސް މާލޭގައި ދިރިއުޅުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ. އެއީ، މާލެ އަށް ވުރެ އަމިއްލަ ގޭގައި ތިބެ، އެހެން މީހުންނަށް ކޮށްދޭ ހިދުމަތުން މާ ބޮޑު ހިތްހަމަޖެހުމެއް ލިބޭތީ ކަމަށް ވާހިދު ބުންޏެވެ.

"ދެ މީހުންނަށް ވެސް މުސާރަ ލިބޭ. ރަށުގައި މާ ހިތްފަސޭހަކޮށް، އަރާމުގައި އުޅެލެވޭ. އެހެންވެ މާލެ ބަދަލުނުވެ މިތިބީ ވެސް،" ވާހިދު ބުންޏެވެ.

އުތީމުން "މިހާރު" ޓީމު ފުރަން ތައްޔާރުވިއިރު، ވާހިދު ހުރީ، މި ގެއަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަޑައިގަންނަވާތީ އޭނާ ހުންނެވުމުގެ ކަންކަން ހަމަޖައްސާށެވެ.

މެހެމާނުން ހުސްވުމެއް ނެތެވެ.