Roadha Mihaaru
ބްރިޖާ ގުޅިގެން ވަހީދަށް މައުމޫން ފަޅީގެ ފާޑުކިއުން!

ބްރިޖާ ގުޅިގެން ޑރ. ވަހީދަށް މައުމޫން ފަޅީގެ ފާޑުކިއުން!

30 އޯގަސްޓް 2018

މާލެ އާއި ހުޅުލެއާ ދެމެދު ހަދާފައިވާާ ބްރިޖް މިރޭ ހުޅުވާއިރު އެ މަސައްކަތަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ތައުރީފް ހަމައެކަނި ރައީސް އަަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރެއްވުމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަފާތެރިންގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލެ އާއި ހުޅުލެއާ ދެމެދު ހަދާފައިވާާ ބްރިޖް މިރޭ ހުޅުވާއިރު އެ މަސައްކަތަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ތައުރީފް ހަމައެކަނި ރައީސް އަަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރެއްވުމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަފާތެރިންގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ދިއްލާފައިވާ ބޮކިތަކުން ޖަރީ ކޮށްފައިވާ ބްރިޖްގެ ފޮޓޯއަކާ އެކު، ފޭސްބުކްގައި ވަހީދު ލިޔުއްވާފައިވަނީ އެ މަޝްރޫއުގެ އަސްލު ތަސައްވުރަކީ ނަޝީދު ކަމަށެވެ. އަދި އެ އަގުހުރި މަޝްރޫއު ފުރިހަމަކޮށްދިނުމުން، އޭގެ ހުރިހާ ވެސް ތައުރީފެއް ހައްގު ވަނީ ރައީސް ޔާމީނަށް ކަމަށް ވިދާޅުވި އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު މާދަމާރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު މާދަމާރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަށްޓަކައި ވަހީދު ވަނީ އެ ދެ ރައީސުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އޭނާގެ ދެ އަހަރުގެ ވެރިކަމުގައި، މާލޭ/ހުޅުލޭ ބްރިޖް ހެދުމާ ބެހޭ ގޮތުން ޗައިނާގެ ބޮޑުވަޒީރު ވެން ޖިއާބޯއާ އެކު މަޝްވަރާ ކުރެއްވި ކަމަށް، ބްރިޖް މަޝްރޫއުގެ ކޮންމެވެސް ވަރެއްގެ ކްރެޑިޓެއް އަމިއްލަފުޅަށް ނަންގަވަން، ވަހީދު ލިއުއްވި އެވެ.

އެކަމަކު މިހާރު ޖަލަށް ލާފައިވާ މައުމޫންގެ ނަންފުޅުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅުންގެ ނަޒަރުގައި ހުޅުލެ އާއި މާލެއާ ގުޅުވައިދޭ ބްރިޖެއްގެ ފުރަތަމަ ކުރެހުން ވެސް ތައްޔާރުކުރީ މައުމޫންގެ ސަރުކާރުގަ އެވެ. އޭގެ ފަހުން 2003 ގެ ރިޔާސީ އިންތިހާބުގައި، ހެންވޭރު ޕާކް ކައިރީގައި ބެހެއްޓި ބިލްބޯޑެއްގައި ވެސް، މާލެ އާއި ހުޅުލެ ގުޅާލާނެ ބްރިޖެއްގެ ކުރެހުން ހިމެނި އެވެ. އެކަމަކު 2008 ގެ އިންތިހާބާ ކުރިމަތިވި އިރު އޭގެ އެއްވެސް މަސައްކަަތެއް ނުފެށެ އެވެ.

އާ ގާނޫނުއަސާސީގެ ދަށުން 2008 ގައި ބޭއްވި އިންތިހާބުގެ ކެމްޕޭން ވައުދެއްގެ ގޮތުން ހުޅުމާލޭގައި "މޫން ބޭ މެރީނާ" ގެ ނަމުގައި މަޝްރޫއުއެއް ހިންގުމުގެ ޕްލޭނެއް އެކުލަވާލައި، އޭގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ތައްޔާރުކުރި އެވެ. އެ ވީޑިއޯގައި މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖެއް އަަޅަން ޑިޒައިންކޮށްފައިވެ އެވެ.

މައުމޫން ފަޅިން އިސްކޮށް މަސައްކަތްކުރައްވަމުން އަންނަ އައިމިނަތު ނާދިރާގެ ޓްވީޓްގައި ވަނީ މައުމޫންގެ ވެރިކަމުގައި މާލޭ ސަރަހައްދުގެ އެކި ރަށްރަށް ބްރިޖްތަކުން ގުޅާލަން ކުރި ޕްލޭންތަކުގެ އާދައިގެ ކުރެހުމެއް ވެސް ހިމަނުއްވައިފަ އެވެ.

ކުރީގެ ރައީސް ނަޝީދު (ކ) އާއި މައުމޫން -- ފޮޓޯ: ވީ ނިއުސް

ކުރީގެ ރައީސް ނަޝީދު (ކ) އާއި މައުމޫން -- ފޮޓޯ: ވީ ނިއުސް

އޭނާ ލިއުއްވި ގޮތުގައި މައުމޫނާއި އެމަނިކުފާނުގެ ޓީމުގައި ހިމެނުނީ ދުރު ރާސްތާގެ ވިސްނުންތެރިންނެވެ. އެހެންކަމުން އޭނާ، ވަހީދުގެ އަރިހުން އެދިވަޑައިގަތީ، ފެކްޓް ރަނގަޅުކުރެއްވުމަށެވެ.

މާލޭ/ހުޅުލޭ ބްރިޖަކުން ގުޅާލަން ޑިސެމްބަރު 2011 ގައި ނަޝީދުގެ ކެބިނެޓްގައި މަޝްވަރާކުރި އެވެ. އޭރު ނަޝީދުގެ ސަރުކާރުން ބުނެފައިވާ ގޮތުން، އެ ޕްރޮޖެކްޓަށް ޚަރަދުވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރަނީ 70-100 މިލިއަން ޑޮލަރެވެ. އެކަމަކު، އޭރު އެއީ ކޮން ކުންފުންޏަކުން ހިންގަން ނިންމާފައި އޮތް ޕްރޮޖެކްޓެއް ކަމެއް ނޭނގެ އެވެ.

ޗައިނާ ސަރުކާރުގެ އެހީތެރިކަމާ އެކު، ރައީސް ޔާމީންގެ ވެރިކަމުގައި ތިން އަހަރުން ހަދައި ނިންމި ބްރިޖް މިރޭ ކުލަގަދަ ހަރަކާތްތަކަކާ އެކު ހުޅުވާނެ އެވެ.

ބްރިޖު ހުޅުވުމަށް ފަހު ހަފުތާއަކަށް ދެމިގެންދާ ގޮތަށް ތަފާތު އިވެންޓުތައް ބާއްވަ އެވެ. އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި ކިޔަވާ ކުދިންނާއި ކުޅިވަރު ކުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުން ފަދަ އެކި ދާއިރާތަކުގެ މީހުން ބްރިޖަށް އަރައި އެތަނުގައި ފޮޓޯ ނެގުމާއި ހިނގުމުގެ ފުރުސަތު ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

ދަތުރުތަކަށް ބްރިޖް ހުޅުވާލަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ހަތެއްގަ އެވެ.