Roadha Mihaaru
ނަޝީދު ވަކިކުރާ ގަރާރު ގޯސްކަމަށް ބުނެ ބޭރުކޮށްލައިފި

ނަޝީދު ވަކިކުރާ ގަރާރު ގޯސް ކަމަށް ނިންމައި އަލުން ހުށަހަޅަން އަންގައިފި

12 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފު ކަމަށް ކަނޑައަޅައި އެ މައްސަލަ ބޭރު ކޮށްލަން މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ނިންމަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފު ކަމަށް ކަނޑައަޅައި އެ މައްސަލަ ބޭރު ކޮށްލަން މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ނިންމަވައިފި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ނަޝީދު ވަކި ކުރުމުގެ މައްސަލަ މިއަދު އަފީފް ރިޔާސަތުގައި އިންނަވައިގެން ކުރިޔަށް ގެންދަން ނިންމުމާ އެކު މެދު ހެންވޭރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދު ވަކި ކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގައި ސަބަބު ބަޔާންކޮށް ދީބާޖާ ނުހިމަނަ އެވެ. އެހެންވެ އެ މައްސަލާގައި ގަރާރެއްގެ ސިފައެއް ނެތް ކަމަށާއި އެއީ ބާތިލް ވާނެ އެއްޗެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ އެ ވާހަކައާއެކު މަޖިލިސް ހޫނުވެ މެންބަރުންގެ މެދުގައި ޒުވާބު ކުރަން ފެށި އެވެ. އެ ވާހަކަ އަށް ޑިމޮކްރެޓްސްގެ އެހެން މެންބަރުން ވެސް ތާއީދު ކުރި އެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ މަޖިލީހުގައި ކަން ހިނގާ ގޮތަށް ބަލާއިރު ސުޕްރީމް ކޯޓުން މި ނިންމި ނިންމުމުން ވެސް ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މީގެ ކުރިން 265 ވަނަ މާއްދާގައި ލިޔެފައި މި އޮންނަނީ މި ހުށަހެޅިފައި އޮތް ކަންތަކުގައި ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސްއޭ. އެހެން ނަމަވެސް އެގޮތަކަށް ނޫން ކޯޓުން ނިންމީ އެ ދެމިގެންދާ ގޮތަށް މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ އެހެން ހުރިހާ ކަމެއް ވެސް އޮންނާނީ ދެމިގެންދާ ގޮތަށް ގަވައިދުގެ އެހެން މާއްދާތަކާ ވެސް ގުޅިގެންދާ ގޮތަށް ކަމަށް އަފީފް ވިދާޅުވި އެވެ.

"އެހެންވެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅި ނިޒާމީ މައްސަލަ އަޅުގަނޑު ބަލައިގެންފިން. މި ގަރާރު މި އޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަކަށް ނޫން ހުށަހެޅިފަ. އެހެންވީމަ އަލުން މި މައްސަލަ ހުށަހަޅުއްވަން މި މައްސަލަ ނިންމަން. މި މައްސަލަ މިހާރު މި ނިމުނީ،" އަފީފް ވިދާޅުވި އެވެ.

އަފީފް މިގޮތަށް ނިންމެވުމާ އެކު މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ރައީސްގެ މޭޒު ކައިރިއަށް ވަޑައިގެން ވާހަކަ ދައްކަވަ އެވެ. އެހެން ނަމަވެސް އަފީފް ނިންމެވީ އެހާ ހިސާބުން ޖަލްސާ ވެސް ނިންމާލުމަށެވެ.