Roadha Mihaaru
ޕޮލިސް ކޮމިޝަނަރު ހަމީދު ހިދުމަތުން ރިޓަޔާކުރައްވައިފި

ޕޮލިސް ކޮމިޝަނަރު ހަމީދު ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވައިފި

15 ނޮވެމްބަރ 2023

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، ފުލުހުންގެ ހިދުމަތުން މިއަދު ރިޓަޔާކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، ފުލުހުންގެ ހިދުމަތުން މިއަދު ރިޓަޔާކުރައްވައިފި އެވެ.

ގާތްގަނޑަކަށް 28 އަހަރުގެ ހިދުމަތަށް ފަހު، އެ މުއައްސަސާ އިން ހަމީދު ރިޓަޔާކުރައްވާތީ، ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔަމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އޭނާ އަށް ދެއްވީ އެކަމަށްޓަކައި އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ފުލުހުންގެ އިސްވެރިންނާއި ހަމީދުގެ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި އޭނާ ވަނީ "ހިތާ އެންމެ ގާތް ހިދުމަތުން" ވަކިވެގެންދާއިރު، އެ މުއައްސަސާގެ ޝަރަފާއި ގަދަރު ނެގެހެއްޓުމަކީ ކޮންމެ މުވައްޒަފެއްގެ ކޮނޑުގައި ވެސް އެޅިފައިވާ ޒިންމާއެއް ކަމަށް ދެކި އެގޮތަށް މަސައްކަތްކޮށްދިނުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ރާއްޖެ އަކީ ކުށް މަދު އަދި އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރާ މަސައްކަތުގައި އަބަދު ވެސް އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމީދަކީ، ސިފައިންނާއި ފުލުހުންގެ ހިދުމަތް 2004 ވަނަ އަހަރު ވަކިކުރި ފަހުން، އެ މުއައްސަސާގެ އިސްވެރިޔާކަން މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން ފުރުއްވި ބޭފުޅާ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މާޗް 26، 2019 ގަ އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ހަމީދުގެ ލީޑަޝިޕްގައި ދުނިޔޭގެ ފުލުހުންގެ އިދާރާތައް، ހާއްސަކޮށް އިންޓަޕޮލް އިންޓެލިޖެންސް ބަލައިގަންނަ ހިދުމަތަކަށް ދިވެހި ފުލުހުން ވެފައިވާ ކަމަށެވެ.

ފުލުހުންގެ ފޯސް ލީޑުކުރަމުން ސެކަންޑް ޖެނަރޭޝަނަށް މީހުން ތައްޔާރުކުރުމާއި ޕޮލިސް އެކަޑަމީ ހުޅުވައި، ސިލަބަސް އަދި ނިޒާމީ އޮނިގަނޑު ކަނޑައަޅައި ދިވެހި ފުލުހުންގެ އަމިއްލަވަންތަ މުއައްސަސާއެއްގެ ގޮތުގައި އެ ތަން ކަނޑައެޅުމަކީ މިހާރުގެ ކޮމިޝަނަރު ކުރެއްވި ބުރަ މަސައްކަތެއްކަން އިމްރާން ފާހަގަކުރެއްވި އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު، ފުލުހުންގެ ހިދުމަތުން ރިޓަޔާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ޕޮލިސް

ޕޮލިސް ކޮމިޝަނަރު ހަމީދު، ފުލުހުންގެ ހިދުމަތުން ރިޓަޔާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ޕޮލިސް

އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާ މިހާރު އަޅާފައިވާ ބިންގާގެ މަތީގައި އެއްވެސް ކަހަލަ ފުށުއެރުމެއް ނެތި ރަނގަޅަށް ބިނާކޮށްފިނަމަ ރައްޔިތުން އެދޭ ކަހަލަ ހިދުމަތަކަށް ވާނެ ކަމަށެވެ.

ފުލުހުންގެ ރިޓަޔަމެންޓް ގަވައިދުގައިވާ ގޮތުން، ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ނުވަތަ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައި ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ބޭފުޅުން، ހިދުމަތުގައި 30 އަހަރު ނުވިޔަސް، އެ ބޭފުޅުންނަށް އެއްފަހަރާ ގަނޑުކޮށް ފައިސާގެ އިނާޔަތް ލިބޭނެ އެވެ. އަދި އެ އިނާޔަތް ހިސާބުކުރުމުގެ މުއްދަތު ބަލަން ވާނީ 30 އަހަރު ދުވަހަށެވެ.

ޕޮލިސް ކޮމިޝަނަރު ނުވަތަ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނަވައި ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވާ ބޭފުޅުންނަށް މަހުން މަހަށް، މުޅި އުމުރަށް ދޭ އިނާޔަތެއްގެ ގޮތުގައި އެ ބޭފުޅުކަށް ލިބެމުންދިޔަ އަސާސީ މުސާރައިގެ 75 ޕަސެންޓް ދޭންޖެހޭނެ އެވެ.

ހަމީދު މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް ވިދާޅުވީ ފުލުހުންގެ އިސް ވެރިއެއްގެ ގޮތުގައި ހޭދަކުރެއްވި މުއްދަތުގައި މުއައްސަސާއަށް ވަރަށް ގިނަ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އެހެންވެ، އެ ތަނުން ވަކިވެގެންދަނީ ހިތްހަމަޖެހިގެން ކަމަށް އޭނާ ވިދާޅުވި އެވެ.