16 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިދިޔަ ޖޫން މަހުން ފެށިގެން ހުއްޓިފައި އޮތް ސަބަބު އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު، އެ ސިޔާސީ ސަކަރާތްގަނޑުގައި، ދައުލަތުގެ އެންމެ މުސާރަ ބޮޑު 87 މަންދޫބުން ޒާތަކަށް ބޭކާރުވެ، ދައުލަތުގެ އެއް ބާރު ހުއްޓުވައިލެވުނު ހަގީގީ ސަބަބު ހާމަވީ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިދިޔަ ޖޫން މަހުން ފެށިގެން ހުއްޓިފައި އޮތް ސަބަބު އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު، އެ ސިޔާސީ ސަކަރާތްގަނޑުގައި، ދައުލަތުގެ އެންމެ މުސާރަ ބޮޑު 87 މަންދޫބުން ޒާތަކަށް ބޭކާރުވެ، ދައުލަތުގެ އެއް ބާރު ހުއްޓުވައިލެވުނު ހަގީގީ ސަބަބު ހާމަވީ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުންނެވެ.
ދައުލަތުގެ އެއް ބާރުން އަނެއް ބާރުން ނިންމާފައި އޮތް ކަމެއް މާނަކޮށްދޭންޖެހޭ ހިސާބަށް ދިޔައީ ގާނޫނުއަސާސީން ބާރު ލިބިގެން ހަދާފައިވާ މަޖިލީހުގެ ގަވާއިދުގެ ދޯހަޅިކަމުންނެވެ. އެ ބަޔަކު ބޭނުންވާ ގޮތަކަށް، އެއް މާނައަށް ވުރެ ގިނަ މާނަ ނެރުނު ކަމެވެ.
"މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ،" ގާތްގަނޑަކަށް ހަ މަސް ދުވަހު އެކި ބަހަނާތަކުގައި މަޖިލީހުގައި "ތަޅު" އެޅުނީ އެ ދެ ޖުމްލައިގެ ސަބަބުންނެވެ.
މަޖިލިސް ހުއްޓޭ ގޮތަކަށް މި މާއްދާ ވެސް މާނަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިޔަސް، ގަވާއިދުގައި ހުރި އުނިކަން އެއަށް ވުރެ މާ ފުނެވެ. އެކަން ހާމަވީ، އެންމެ މަތީ ކޯޓުން އެ މާއްދާ މާނަކޮށް ދިނުމުން، މުޅީން އާ ބަހާނާއެއް އަޑުއިވުމުންނެވެ. ގަރާރެއް ހުށަހެޅި ފޯމެޓް އާ ގުޅޭ ގޮތުން ނުވަތަ އޭގައި ދީބާޖާއެއް ލިޔެފައި ނެތް މައްސަލަ ނިޒާމީ މައްސަލައެއް ގޮތުގައި ނަގައި ރިޔާސަތުން ގަރާރު ބޭރުކޮށްލަން އަމިއްލަ އަށް ނިންމީ އެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި ކަން ކުރާ އުސޫލުން، އަޅުގަނޑުމެންނަށް [19 ވަނަ މަޖިލީހަށް] ލިބުނު އިބުރަތްތަކާ އެކު ގަވާއިދު އިސްލާހުކުރުމަކީ ލާޒިމުކަމެއް." އާދަމް ޝަރީފް
އޭގެފަހުން މަޖިލީހުގައި ހިނގި ހައިޖާނުތަކަށްފަހު، އިތުރު ގޮތެއް ނެތިގެން މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައި، އެމްޑީޕީން ބޭނުންވި ގޮތަށް އެ ޕާޓީއަށް އަލުން ރިޔާސަތު ލިބުނަސް، ގަވާއިދުގައި ހުރި ބާގަނޑުތައް އަދިވެސް ހުރީ ހާ އަށެވެ. އެބައެއްގެ ސިޔާސީ މަންފާއަށް ބޭނުން ގޮތަކަށް މާނަކުރެވޭނެ މާއްދާތައް ގަވާއިދުގައި އޮތީ ތަންމިނަށް ހުޅުވިފަ އެވެ.
މި ހިނގާ 19 މަޖިލީހުގެ ހަތަރު އަހަރު ތެރޭގައި ކުރިމަތިވި ކަންކަމަށް ބެލިޔަސް، ނިޒާމީ ނުކުތާތައް ނަގައި، ތަޅުމުގައި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ރައްދު ދީ ޒުވާބު ހިންގުން ވެސް ގަވާއިދުގެ ތެރެއިން ހުއްޓުވޭނެ ގޮތެއް ނެތެވެ. ރިޔާސަތުގައި ނަޝީދު އިންނަވައިގެން ބަހުސްގައި ނުސީދާކޮށް ބައިވެރިވެވަޑައިގެންނެވުނީ ވެސް، އެކަމަށް އެޅޭނެ ފިޔަވަޅެއް ނެތުމުންނެވެ. ވާހަކަ ދައްކާނެ މެމްބަރަކު ނެތަސް، ބަހުސް ކުރަން އޮތް ވަގުތު ހަމަވަންދެން، އެތައް ހަފްތާއަކަށް ބަހުސްތައް ދިގުލައިގެން ދިޔުން ހައްލުކުރަން ވެސް ގަވާއިދުގައި ހާއްސަ ފަރުވާއެއް ނެތެވެ.
މިއީ ގަވާއިދަށް ވަރަށް ތިލަކޮށް ނަޒަރު ހިންގައިލިޔަސް، ފެންނަން ހުރި މައްސަލަތަކެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ސިޔާސީ ކޯޅުމެއްގެ ތެރެއިން މަޖިލީހުގެ މައްސަލައެއް ހައްލު ނުވެގެން ސުޕްރީމް ކޯޓާ ހަމައަށް ދާންޖެހުމަކީ ލަދުވެތި ކަމެކެވެ.
އެކަން ވެސް އާހިރުގައި ގޮސް ގުޅެނީ، މަޖިލީހުގެ ގަވާއިދުގައި ހުރި އުނިކަމާ ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އަދި 19 ވަނަ މަޖިލިސް ނިމެން ފަސް ވަރަކަށް މަސް އޮތަސް، ފާހަގަކުރެވުނު ކަންކަމުގެ އަލީގައި، އެ ގަވާއިދު ދެން އަންނަ މަޖިލީހަކަށްޓަކައި އިސްލާހު ކުރުމަކީ މި މަޖިލީހުގެ ޒިންމާއެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި ކަން ކުރާ އުސޫލުން، އަޅުގަނޑުމެންނަށް [19 ވަނަ މަޖިލީހަށް] ލިބުނު އިބުރަތްތަކާ އެކު ގަވާއިދު އިސްލާހުކުރުމަކީ ލާޒިމުކަމެއް،" އޭނާ ވިދާޅުވި އެވެ.
ނަޝީދު ވަކިކުރުމުގެ ތެރެއިން ފެންމަތިވި އެހެން މައްސަލައެއް ވެސް މިސާލެއްގެ ގޮތުގައި އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ރައީސް ކަމުން މެމްބަރަކު ވަކި ކުރުމަށްފަހު، އާ ރައީސަކު އިންތިހާބު ކުރަންޖެހޭ ވަކި މުއްދަތެއް ގަވާއިދުގައި ބަޔާންކޮށްފައެއް ނެތެވެ.
"ހަވީރު ނަޝީދު އިސްތިއުފާ ދެއްވީމާ، އެ ރޭ 9:00 ޖެހިއިރު، މެމްބަރުންނަށް މެސެޖު މި އަންނަނީ 10:00 ޖަހާ އިރު އާ ރައީސް އިންތިހާބު ކުރާ ޖަލްސާ އޮންނާނެ ކަން އަންގައި،" އެފަދަ މުހިންމު އުސޫލުތައް އެ އަށްވުރެ ސާފުކޮށް ލިޔެވިފައި އޮންނަންޖެހޭ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
އެކަން މުހިންމު ވާ ސަބަބަކީ، އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބަށް ފަހު، ގާނޫނު ހެދުމުގެ ބާރާ ހަވާލުވާނެ، 20 ވަނަ މަޖިލީހަށް ވެސް މި ގަވާއިދު ވާރުތަވާނެތީ އެވެ. މި މަޖިލީހުން ވެސް 18 ވަނަ މަޖިލީހުން ފާސްކޮށްފައި އޮތް ގަވާއިދަށް ގެނައީ ވަރަށް ކުދިކުދި ބަދަލުތަކެކެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ގަވާއިދު ފުރިހަމަ ކުރުމުގެ އިތުރުން، މަޖިލީހުގައި ކަންކަން ކުރާ ގޮތް، ނުވަތަ ޕްރެކްޓިސްތަކާއި ނޯމްސްތައް ވެސް ލިޔެ، ދެން އަންނަ މަޖިލިސްތަކަށް ފަސޭހައިން އެ ފެންނަން ހުންނާނެ ގޮތެއް ހޯދަންޖެހެ އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
"ދިމާވި މައްސަލައެއް ހައްލުކުރުމުގައި އަޅުގަނޑުމެން އަމަލު ކުރި ގޮތް، އެއީ ޕާލިމަންޓްރީ ޕްރެކްޓިސްގެ ގޮތުގައި އަކުރުން އަކުރަށް ލިޔެފައި އޮތުމަކީ ވެސް މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ ވިސްނުން މި ކަމުގައި ތަފާތެވެ. މަޖިލީހުގެ ދެ ބައި ކުޅަ އެއް ބައި މެމްބަރުން ސޮއި ކޮށް ހުށަހެޅުމުން، އޮޓޮކެޓިކުން މަޖިލީހުގެ ރައީސް މަގާމުން ވަކިވާ ގޮތަށް ހެދުން ފިޔަވައި، ގަވާއިދުގައި ކޮންމެ އެއްޗެއް ލިޔުނަސް، އެކަމުން ނުކުންނާނެ މާބޮޑު ފައިދާ އެއް އަލީ ހުސެއިނަށް ފެނިވަޑައެއް ނުގަންނަވަ އެވެ.
"ގަވާއިދެއް ނޫން މައްސަލައަކީ. ގަވާއިދުގައި ކޮންމެ ގޮތަކަށް ލިޔުނަސް އެ ފަޅާލާނެ ގޮތެއް ހޯދާނެ. މީގަ ބޭނުންވަނީ މެމްބަރުންގެ އިހުލާސްތެރިކަން. ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓަން ހަވާލުކުރެވިފައިވަނީ ކިހާ ބޮޑު ޒިންމާއެއް ކަން އިހުސާސް ކުރެވުން،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަލީ ހުސެއިން ވިދާޅުވި އެވެ.
މީގެ ކުރީގެ މަޖިލިސްތަކުގައި ވެސް އަދި މި މަޖިލީހުގައި ވެސް ދިމާވި އެންމެ ބޮޑު މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އެ މީހުން އަދާކުރަންޖެހޭ ޒިންމާތަކާއި ދައުރު އޮޅިވަޑައިގަތުމެވެ.
ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން. --ފޮޓޯ: މަޖިލީހުގެ އިދާރާ
"މެމްބަރުން މި ތިބެނީ އޭރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ގޮތަކަށް ކަންކަން ކުރާ ބައެއްގެ ގޮތުގައި. އެހެން ގޮތަކަށް ދަންނަވަންޏާ ތަރައްގީ ގެންނަ ވެލްފެއާ އޮފިސަރުންގެ ގޮތުގައި މެމްބަރުން މި ތިބެނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.
ބައެއް ގައުމުތަކުގައި ގަވާއިދު އިސްލާހުކޮށް ދިނުމުގެ އިތުރުން، ދެން އަންނަ މަޖިލީހެއްގެ މުސާރަ އާއި އިނާޔަތްތައް ވެސް ނިމޭ މަޖިލީހުން ފާސްކުރުމުގެ އުސޫލެއް ގެންގުޅޭ ކަމަށް ގާނޫނީ ވަކީލަކު ނަން ނުޖަހަން އެދި ވިދާޅުވި އެވެ.
އެކަމަކު، ގަވާއިދު ކިތަންމެ ފުރިހަމަ ކުރިޔަސް، އޭގެ ނާޖާއިޒު ފައިދާ ނަގާނެ ގޮތެއް ހޯދާނެ ކަމަށް ވިދާޅުވެ، އަލީ ހުސެއިންގެ ވިސްނުމާ އޭނާ ވެސް އިއްތިފާގުވެވަޑައިގަންނަވަ އެވެ.
އޭގެ ތަފްސީލަށް ވަޑައިގަންނަވަމުން އޭނާ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ގަވާއިދުގެ ކޮންމެ މާއްދާއެއް ކޮމިޓީން ވަކި ވަކިން ފާސްކުރުމަށްފަހު، އެ އަދި މަޖިލީހުގެ ތަޅުމުގެ އަޣުލަބިއްޔަތުން ފާސްކުރަންޖެހޭ އިރު، އޭގައި ކޮންމެ އެއްޗެއް ވެސް ލިޔާނީ އޭރު އޮންނަ މެޖޯރިޓީ ބޭނުންވާ ގޮތަކަށެވެ.
"އެހެންވީމަ އެ ގޮތަށް ކުރާ ކަމެއްގަ ހުންނާނެ ބާގަނޑު ވެސް، އަޑިގުޑަން ވެސް. ގަވާއިދު އިސްލާހު ކުރުމަކީ ކުރަން ވަރަށް ފަސޭހަ އެކަމަކު އުނދަގޫ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފާއިތުވި ހަ މަސް ދުވަހު މަޖިލިސް ހުއްޓިފައި އޮތީ ގަވާއިދުގެ ސަބަބަކުން ނޫނެވެ. މި ކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ، މިހާރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އާއިލީ ގުޅުން އޮތް ދެ ބޭފުޅަކަށް މަޖިލީހުގެ އެންމެ އިސް ދެ މަގާމު ދިނީމަ ވީ ގޮތް،" އެއް އާއިލާއަކަށް ނިސްބަތްވާ ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.
ގަވާއިދުގައި ހުރި އުނިކަމުގެ ތެރެއިން މަޖިލީހުގެ ނިޒާމު ގެއްލުވައި ނުލެވޭ ގޮތަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ އިޝާރާތެއް މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް މިހާރު ވަނީ ދެއްވައިފަ އެވެ.
"...މަޖިލީހަކީ ކޮންމެ ދުވަހަކު ސިޔާސީ ކަންތައްތަކެއް ކުރާ މަޖިލީހެއްގެ ގޮތުގައި މެމްބަރުން ދެކެވަޑައިގެންނެވިޔަސް، އެއީ އެކަން އޮތް ގޮތް ނޫން ކަމުގައި ދަންނަވަން،" މަޖިލީހުގެ އިއްޒަތާއި ގަދަރު ހިފެހެެއްޓުމަކީ ހުރިހާ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމުގައި ހަނދާންކޮށް ދެއްވައި އަސްލަމް އިއްޔެ ވިދާޅުވި އެވެ.
އެއާ އެކު، މަޖިލީހުގެ ނިޒާމު ނުގެއްލި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި ބައެއް ފިޔަވަޅުތައް އަޅަން ނިންމަވާފައިވާ ކަން އެ މަނިކުފާނު މިއަދު އިއުލާނުކުރެއްވި އެވެ.
މަޖިލީހުގެ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިންތިހާބު ކުރެއްވުމާ ގުޅިގެން، މެމްބަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
އޭގެ އެއް ފިޔަވަޅަކީ، އަސްލަމް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން މީގެ ކުރީގެ މަޖިލިސްތަކުގައި މަސައްކަތްތަކެއްކޮށް އެކަމަކު އަދިވެސް ނިންމާފައިނުވާ މަޖިލީހުގެ މެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު އެކުލަވާލައި ނިންމުމެވެ.
"މީގެ ކުރީގެ މަޖިލިސްތަކުގައި އޭގެ މަސައްކަތްތަކެއް ވަނީ ކުރެވިފައި، އެހެން ނަމަވެސް މި 19 ވަނަ މަޖިލީހުގައި އޭގެ މަސައްކަތްތަކެއް ކުރެވިފައި ނެތީމާ، ގާނޫނުއަސާސީގައި ބަޔާންކުރާ މި ދެންނެވި މެމްބަރުން ތަބާވާންޖެހޭ ސުލޫކީ ގަވާއިދުގެ މަސައްކަތް އަޅުގަނޑުކޮށް މެމްބަރުންގެ އެއްބާރުލުމާ އެކު އެ ގަވާއިދު ފާސްކުރެވޭތޯ މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.
މެމްބަރުންގެ ހާޒިރީ އާއި މަޖިލީހުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ބަޔާންކުރާ ސުލޫކީ ގަވާއިދެއް ނުހެދި އޮންނަތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް، މި މަޖިލީހަށް އެކަން ކުރެވުނަސް އެއީ އަދި ފެށުމެއްގެ ގޮތުގައި ކަނޑައަޅަންޖެހެ އެވެ. ރައްޔިތުންނަށް ފޮނި ހުވަފެން ދައްކައި، "ތަފާތު" ވާނެ ކަމަށް ބުނަމުން އައި 19 މަޖިލީހުގެ މަސައްކަތްތައް ބޮނޑުނަގުލަށް ގޮސްފައިވާ އިރު، މި މަޖިލީހަށް ކުރެވުނު ތަޖުރިބާތަކާއި ހާސިލުކުރެވުނު އިބުރަތްތައް އަންނަ އޮތް މަޖިލިސްތަކަށް ފިލާވަޅެއްގެ ގޮތުގައި ވާސިލުކޮށްދިނުމަށް ވުރެ ބޮޑު ކާމިޔާބީއެއް ދެނެއް ހޯދޭކަށް ނެތެވެ.
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ހައްދުން ނެއްޓި، ނަޝީދުގެ އިތުބާރު އިތުރަށް ގެއްލެނީ!
ނަޝީދު ވަކިކުރާ ގަރާރު މާދަމާއަށް ވެސް އެޖެންޑާކޮށްފި
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް އީވާ ނިންމަވައިފި
ގަރާރު ބޭރުކޮށްލީ އެކަން ނުކުރެވޭނެ ކަމަށް ލަފާދެނިކޮށް
ނަޝީދު ވަކިކުރާ ގަރާރު ގޯސްކަމަށް ބުނެ ބޭރުކޮށްލައިފި
ނިޒާމީ ނުކުތާ ނަގައި ނަޝީދުގެ ގަރާރަށް ހުރަސްއަޅަނީ
ހުވާ ކުރަންދެން ގަރާރަށް ހުރަސްއަޅާނެ ކަމުގެ ތުހުމަތު
ހުކުމާއެކު ނަޝީދުގެ ގަރާރު އާދީއްތައަށް އެޖެންޑާކޮށްފި