Roadha Mihaaru
ބޯޑަރްގެ ސީކުއެލްގައި ސަނީއާއެކު އަޔުޝްމަން އާއި އާހަން

"ބޯޑަރް"ގެ ސީކުއެލްގައި ސަނީއާ އެކު އަޔުޝްމަން އާއި އާހަން

16 ނޮވެމްބަރ 2023

ސަނީ ޑިއޯލް 1997 ވަނަ އަހަރު ކުޅުނު ފިލްމު "ބޯޑަރް"ގެ ސީކުއެލްއެއް ގެނެސްދޭން ނިންމައި އެ ފިލްމުގެ ކާސްޓަށް އޭނާއާ އެކު އަޔުޝްމަން ކުރާނާ އާއި އާހަން ޝެޓީ ހަމަޖައްސައިފި އެވެ.

ސަނީ ޑިއޯލް 1997 ވަނަ އަހަރު ކުޅުނު ފިލްމު "ބޯޑަރް"ގެ ސީކުއެލްއެއް ގެނެސްދޭން ނިންމައި އެ ފިލްމުގެ ކާސްޓަށް އޭނާއާ އެކު އަޔުޝްމަން ކުރާނާ އާއި އާހަން ޝެޓީ ހަމަޖައްސައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އަޔުޝްމަން އާއި އާހަން އިތުރުން ވެސް އެ ފިލްމުގެ ކާސްޓަށް މަޝްހޫރު ގިނަ އެކްޓަރުންތަކެއް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ޕަންޖާބީ އެކްޓަރު އެއްމީ ވިރްކްގެ ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.

އެ ފިލްމު ޑައިރެކްޓުކުރަނީ ވެސް ފުރަތަމަ ފިލްމު ވެސް ގެނެސްދިން ޖޭޕީ ދައްތާ އެވެ.

"ބޯޑަރް"ގެ ފުރަތަަމަ ފިލްމުގައި ވެސް އޭރު ބޮލީވުޑްގައި މަޝްހޫރު ގިނަ އެކްޓަރުންތަކެއް ފެނުނެވެ. އޭގެ ތެރޭގައި މި ފިލްމުގެ ސީކުއެލް އަށް ނެގި އާހަންގެ ބައްޕަ، ސުނިލް ޝެޓީ ވެސް ހިމެނެ އެވެ. ޖެކީ ޝްރޮފް އާއި އަކްޝޭ ކަންނާ އާއި ޕޫޖާ ބަޓް އަދި ތާބޫ އަކީ އެ ފިލްމުގެ ކާސްޓުގައި ހިމެނުނު ތަރިންނެވެ.

ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބިއެއް ހޯދި އެ ފިލްމުގައި ދައްކަނީ އިންޑޯ-ޕާކިސްތާން ހަނގުރާމައިގެ ކުރިން އިންޑިއާގެ ބޯޑަރު ދިފާއުކުރަން ތިބި ސިފައިންގެ ބަޔަކަށް ދިމާވާ ކަންތައްތަކެކެވެ.

"ބޯޑަރް"ގެ ދެވަނަ ބައެއް ގެނެސްދޭން ނިންމީ 2001 ވަނަ އަހަރު ގެނެސްދިން ސަނީގެ "ގަދަރު"ގެ ވެސް ދެވަނަ ބައެއް ގެނެސްދީ އެ ފިލްމަށް ލިބުނު ހީނުކުރާ ވަރުގެ ބޮޑު ތަރުހީބާ ގުޅިގެންނެވެ. "ގަދަރު 2" ވަނީ އިންޑިއާގެ ބޮކްސް އޮފީހުގެ އެތައް ރެކޯޑެއް ހަދައިފަ އެވެ. އެންމެ ހަތް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި މުޅި ޖުމްލަ 83 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

"ބޯޑަރް 2" ގެނެސްދޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅުގަ އެވެ.