Roadha Mihaaru
ދަރުމެންދުރަގެ ތިންބަފައިންނަށް ކާމިޔާބު އަހަރެއް

ދަރުމެންދުރަގެ ތިންބަފައިންނަށް ކާމިޔާބު އަހަރެއް

13 ޑިސެމްބަރ 2023

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ދަރުމެންދުރަގެ ތިންބަފައިންގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު އާމްދަނީއާ އެކު، މިއީ އެ އާއިލާ އަށް ވަރަށް ކާމިޔާބު އަހަރަކަށް ވެއްޖެ އެވެ.

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ދަރުމެންދުރަގެ ތިންބަފައިންގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު އާމްދަނީއާ އެކު، މިއީ އެ އާއިލާ އަށް ވަރަށް ކާމިޔާބު އަހަރަކަށް ވެއްޖެ އެވެ.

ދަރުމެންދުރަ އާއި އޭނާގެ ދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްގެ ފިލްމުތައް ވެސް މި އަހަރު ނުކުތެވެ. އެ ތިން މީހުންގެ ފިލްމަށް ވެސް ވަނީ 300 ކްރޯޑް ރުޕީސް (35 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބިފަ އެވެ.

ދަރުމެންދުރަ ކުޅުނީ ކަރަން ޖޯހަރުގެ ފިލްމެއް ކަމަށްވާ "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ރޯލެކެވެ. އެ ރޯލަށް ވެސް ގިނަ ބައެއްގެ ލޯބި ލިބުނެވެ. މިދިޔަ ޖުލައި މަހު ނުކުތް އެ ފިލްމަށް ވަނީ 356 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ސަނީ ޑިއޯލް ކުޅުނު ފިލްމު "ގަދަރު 2" ވީ، މި އަހަރު ބޮކްސް އޮފީހަށް ގުޑުން އަރުވާލި ވަރުގަދަ ފިލްމަކަށެވެ. މިދިޔަ އޮގަސްޓް މަހު ނުކުތް އެ ފިލްމަށް ވަނީ އެންމެ ހަފުތާއެއްގެ ތެރޭގައި އިންޑިއާގެ ބޮކްސް އޮފީހުގައި އެކަނި ވެސް 300 ކްރޯޑް ރުޕީސް (35 މިލިއަން ޑޮލަރު) ލިބިފަ އެވެ.

"ގަދަރު 2" އަކީ ސަނީގެ ދިގު ފިލްމީ ކެރިއަރުގައި ވެސް އޭނާގެ އެންމެ ކާމިޔާބު ފިލްމެވެ. އަދި މިއީ އޭނާގެ ފިލްމަކަށް 300 ކްރޯޑް ރުޕީސް ލިބުނު ވެސް ފުރަތަމަ ފަހަރެވެ. އެ ފިލްމަށް ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 691 ކްރޯޑް ރުޕީސް (82 މިލިއަން ޑޮލަރު) ލިބިފަ އެވެ.

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ރަންބީރް ކަޕޫރުގެ ފިލްމު "އެނިމަލް"ގައި ބޮބީ ހާއްސަ ރޯލެއް ކުޅެ އެވެ. އެ ފިލްމު ވެސް އަންނަނީ ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލަމުންނެވެ. އެ ފިލްމަށް އެންމެ 11 ދުވަހުގެ ތެރޭގައި ވަނީ 700 ކްރޯޑް ރުޕީސް (83 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފަ އެވެ.

އެނަލިސްޓުން ލަފާކުރާ ގޮތުގައި، މި އަހަރު ނިމުމުގެ ކުރިން "އެނިމަލް" އަށް 1،000 ކްރޯޑް ރުޕީސް (119 މިލިއަން ޑޮލަރު) ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ.