Roadha Mihaaru
ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެންނާނަން: ރައީސް

ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެންނާނަން: ރައީސް

17 ނޮވެމްބަރ 2023

ކުރިއަށް އޮތް ފަސް އަހަރު ވާނީ ގެދޮރުވެރިކަމުގެ ރަންޒަމާނަކަށް ކަމަށް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރިއަށް އޮތް ފަސް އަހަރު ވާނީ ގެދޮރުވެރިކަމުގެ ރަންޒަމާނަކަށް ކަމަށް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސްކަމުގެ ހުވާ ކުރައްވައި، ރައްޔިތުންނާ މުހާތަބުކުރައްވައި، ޑރ. މުއިއްޒު ވިދާޅުވީ، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ. އެކަށީގެންވާ ބޯހިޔާވަހިކަން ނުލިބުމުގެ ސަބަބުން އިޖްތިމާއީ މައްސަލަ އާއި ދީނީ، އަހުލާގީ މައްސަލަތައް ދިމާވާ ކަމަށާއި އަދި ގެދޮރުގެ މައްސަލަތަކާ ހެދި ސިއްހީ ގިނަ މައްސަލަތައް ވެސް ކުރިމަތިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމެއްގައި ގެދޮރުވެރިކަމުގެ މުޅި މައްސަލަ އަށް ބޮޑު ހައްލެއް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އުތުރު ތިލަފަޅުން ފެށިގެން ފުށިދިއްގަރުފަޅާ ހަމައަށް އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ހުރިހާ ބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތްތަކެއް ހުރީ ލިޔެ ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޒަމާނީ އާ ސަހަރުތަކެއްގެ ގިނަ މަލަތައް ދިވެހި ފަޅުފަޅުން އުފުލިލާނެ،" ރައީސް ވިދާޅުވި އެވެ.

އާ ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

ރައީސް ވިދާޅުވީ، އާ ސަރުކާރުން ގައުމު ތަރައްގީ ކުރާނީ ސަރަހައްދީ ތަރައްގީގެ ވިސްނުމާ އެކު ކަމަށެވެ. އެކަން ހާސިލު ކުރަން މެދުރާސްތާގެ ޕްލޭންތަކާއި ދުރު ރާސްތާގެ ޕްލޭންތައް ހެދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގައުމުގެ ތަރައްގީގެ ކަންކަން ރާވާ އިރު ދިވެހި ރައްޔިތުންގެ ވިސްނުމާއި އުންމީދުތައް ހިއްސާ ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އިގްތިސާދު މި ވަގުތު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރުމަށް މުހިއްމު ގިނަ ޕްލޭންތަކެއް އެބަ ހުރި ކަމަށެވެ. ދައުލަތުގެ ދަރަނި އޮތީ 119 ބިލިއަން ރުފިޔާ އަށް އަރައިފައި ކަމަށާއި އެއީ ރާއްޖެ ދުށް އެންމެ ބޮޑު ދަރަނި ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސާދު މިއަދު މިވަނީ ކުއްލި އަވަސްފަރުވާއެއް ބޭނުންވެފައި. އާމްދަނީ ހޯދޭނެ އަވަސް މަގުތައް ކޮންމެހެން ލާޒިމުވެފައި. އެކަމަށްޓަކައި އިރާދަކުރެއްވިޔާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އަވަހަށް ހުޅުވާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އާ ޓާމިނަލާ އެކު ޓޫރިސްޓުން އިތުރަށް އައިސް މުޅި ޓޫރިޒަމް ސެކްޓާ ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، އާމްދަނީ އިތުރު ކުރުމުގެ އިތުރުން ހަރަދުތައް ކުޑަ ކުރުމަށް ވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.