Roadha Mihaaru

ރަސްމާލެ ހިއްކުން ހަލުވިކުރަން ބޮޑު ޑްރެޖަރެއް، އޭޕްރީލްގައި ނިމޭނެ: ރައީސް

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު، ރަސްމާލޭ ހިއްކުން އަވަސްކުރުމަށް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް ބޮޑު ޑްރެޖަރު ގެންނާނެ ކަމަށާއި އެއާ އެކު އަންނަ އޭޕްރީލްގައި އެތަނުގެ މަަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރަސްމާލެ ހިއްކުން ހަލުވިކުރަން ބޮޑު ޑްރެޖަރެއް ގެންނަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 ނޮވެމްބަރ 2025

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު، ރަސްމާލޭ ހިއްކުން އަވަސްކުރުމަށް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް ބޮޑު ޑްރެޖަރު ގެންނާނެ ކަމަށާއި އެއާ އެކު އަންނަ އޭޕްރީލްގައި އެތަނުގެ މަަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ގިނަ ބަޔަކު ވަނީ ބޯހިޔާވަހިކަން ނުލިބި ދިގުލައިގެން ދިއުމުން އެ މީހުންގެ ދިރިއުޅުމުގައި ހުރި ދަތިތައް ރައީސާ ހިއްސާކޮށްފަ އެވެ.

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ މިހާރު އިއުލާނުކޮށްފައިވާ މަޝްރޫއުތަކުގެ އިތުރުން ފްލެޓާއި ގޯއްޗަށް ހުޅުވާލުމަށް އިތުރަށް ބިން ހިއްކަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ގުޅީފަޅުގެ ފުން ބައި ހިއްކުމަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަމަށާއި އުތުރުތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި ގޯއްޗާއި ފްލެޓު ދޭން ނިންމާފައިވާ ކަމަށެވެ.

ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށާއި މިވަގުތު ވެސް ތިން ސަރަހައްދަކުން ހިއްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އިތުރު ޑްރެޖަރެއް ގެންނައިރު އެއީ ހުޅުމާލޭ 3 ގެ ބިން ހިއްކުމަށް މިއަދު ގެނައި ޑްރެޖަރުގެ ދެގުނަ ބޮޑު ޑްރެޖަރެކެވެ. އެއާ އެކު ޑިސެމްބަރު 7 ހިސާބުގައި ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އިތުރަށް ހަލުވިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޖުމްލަކޮށް ދަންނަވަންޏާ އަޅުގަނޑު ރައްޔިތުންނަށްވީ ހައުސިން ވައުދަކީ ފުއްދާނެ، ފުއްދޭނެ ވައުދެއް، މިހާރު ވެސް މިއޮތީ ވަރަށް ގިނަ މަސައްކަތްކުރެވިފައޭ. ބިން ކްރިއޭޓްކުރުމުގެ ކަންކަން ހަމަޖެހިފައި،"

ރައީސް ޑރ. މުހައްމަދު މުއިއްޒު، މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ބަޔަކު ބައިވެރިވަނީ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ބަޔަކު ބައިވެރިވަނީ.

ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ ރަސްމާލެއިން 25،000 ގޯތި ދޭން މި ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި އެކަމުގެ އުސޫލު ވެސް ވަނީ އިއުލާނުކޮށްފަ އެެވެ. އެ މަޝްރޫއުއަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ 4 ގަ އެވެ.

އޭގެ އިތުރުން ހުޅުމާލޭގައި 3000 ފްލެޓު އެޅުމަށް ވަނީ ބީއެމްއެލްއާ ހަވާލުކޮށްފަ އެވެ.

"އެހެންވީމަ ގޯތީގެ ފްލެޓުގެ މައްސަލަ ހައްލުވެގެންދާނެ މި ދައުރު ނިމެންދާއިރުގައި، މާލޭގައި ދިރިއުޅޭ ހަމަ އެއްވެސް ވަރެއްގެ ބޯހިޔާވަހިކަމެއް ނެތް، 18 އަހަރުން މަތީގެ އެންމެނަށް އިރާދަކުރެއްވިއްޔާ އެކަން ހައްލުވެގެންދާނެ." ރައީސް ވިދާޅުވި އެވެ.

އެ މަޝްރޫއުތަކާ އެކު ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށެވެ.

މިދިޔަ ސަރުކާރުގައި ހިންގި ބިންވެރިޔާ މަޝްރޫއަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ އެ މަޝްރޫއުގައި ގޯތި ދީފައި ވަނީ ބިންތައް ނުހިއްކާ ކަމަށާއި އެކަމަކު ބިން ހިއްކާ އެ ގޯތިތައް ލިބުނު ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ.

އޭގެ ތެރެއިން ހުޅުމާލޭ 3 ގެ ބިން ހިއްކުން އަވަސްކުރުމަށް މިއަދު ޑްރެޖަރެެއް ގެނެސްފައިވާއިރު އެ މަސައްކަތުގެ ސަބަބުން މަސައްކަތް ހަލުވި ވާނެ ކަމަށާއި އަންނަ މަހުގެ ނިޔަލަށް ބިން ހިއްކާ ނިމެނޭނެ ކަމަށް ވިދާޅުވި އެވެ. އަދި ގިރާވަރު ފަރުން ހިއްކޭނެ ބިމުގެ އިން ވަކިކުރުމަށް އީއައިއޭ ހެދުމުގެ މަސައްކަތްތަކާއި އެކަމަށް ބޭނުންވާ އެހެން ވަސީލަތްތައް ހަމަޖެހުމުން ފެށޭނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންނަ މަހުގެ ތެރޭގައި ގިރާވަރުގެ މަސައްކަތް ވެސް ފެށޭނެ އެވެ. އެއާ އެކު 2-3 މަހުގެ ތެރޭގައި އެ މަސައްކަތް ވެސް އެއްކޮށް ނިންމާލެވި، ބިންތައް ހަވާލުކުރަން ފެށޭނެ ކަމަށް ރައިސް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ މައްޗަންގޮޅީގެ ރައްޔިތުން އެދިވަޑައިގަތް އެހެން ކަންކަން ވެސް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.