Roadha Mihaaru
ޕީޕީއެމް ހިންގަން އިސްކޮށް މަލީހާއި އައްބާސް

ޕީޕީއެމް ހިންގަން އިސްކޮށް މަލީހާއި އައްބާސް

21 ނޮވެމްބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސްކަން ކުރައްވާ ޕީޕީއެމްގެ ހިންގުން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ކަސްޓަމްސް ކޮމިޝަނަރު އައްބާސް އާދިލް ރިޒާއާ ހަވާލުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސްކަން ކުރައްވާ ޕީޕީއެމްގެ ހިންގުން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ކަސްޓަމްސް ކޮމިޝަނަރު އައްބާސް އާދިލް ރިޒާއާ ހަވާލުކޮށްފި އެވެ.

ޕީޕީއެމްގެ އެސްޖީ އަކީ އަދިވެސް މުހައްމަދު ތޮލާލު ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޔާމީންގެ އިރުޝާދުގެ ދަށުން ޕީޕީއެމްގެ އިދާރީ ހުރިހާ ކަމެއް މިހާރު ބަލަހައްޓަނީ މަލީހާއި އައްބާސް އެވެ.

ޔާމީންގެ ފަރާތުން ބައެއް ކަންކަމުގައި ގުޅަން ވެސް އަންގާފައިވަނީ އެ ދެ ބޭފުޅުންނަށް ކަމަށް ވަނީ އެނގިފަ އެވެ. އަދި، މިރޭ ޕީޕީއެމް އިން ބާއްވާ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިވަނީ މަލީހާއި އައްބާސް ކަމަށް މައުލޫމާތު ލިބެ އެވެ.

މިރޭގެ ޕްރެސް އަކީ އެނގިފައިވާ ގޮތުގައި ޔާމީންގެ ހާއްސަ މެސެޖްތަކެއް ދިނުމަށް ބާއްވާ ޕްރެސްއެކެވެ.

ޕީޕީއެމްގެ އޮފީހުގައި މަލީހާއި އައްބާސް ޕްރެސްއެއް ބާއްވާއިރު، އެ އޮފީހުގެ ތެރޭގައި ކުރިން މަސައްކަތް ކުރި އަދި މިހާރު ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ވަނީ ކާނިވާ ސަރަަހައްދުގައި އާ އޮފީހެއް ހަދައިފަ އެވެ. އަދި އެ ޕާޓީ އަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޕީޕީއެމްގެ އެސްޖީ ތޮލާލަށް މިއަދު ވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު ދެއްވައިފަ އެވެ. އަދި ޕީޕީއެމްގެ އެހެން ގިނަ އިސް ބޭފުޅުންނަށް ވެސް ސަރުކާރުން މަގާމުތައް ދެއްވާފައިވާއިރު، އެ ބޭފުޅުން މި ވަގުތު ތިއްބެވީ ރައީސްއާ އެކު އެވެ.

ޕާޓީގެ ހިންގުން ޔާމީން، މަލީހާއި އައްބާސްއާ ހަވާލުކޮށްފައިވީ ނަމަވެސް، ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިކުރެވޭނީ ސެނެޓުން ފާސްކޮށްގެންނެވެ. ތޮލާލަކީ ޔާމީނާ އެއްވަރަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް ވަރަށް ގާތް ބޭފުޅެކެވެ. އަދި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒުގެ ތަރުޖަމާނަކީ ވެސް ތޮލާލެވެ.

ތޮލާލު އެ މަގާމުން ވަކިކުރަން ބޭނުންވާ ކަން މީގެކުރިން ޔާމީން ވަނީ ހާމަކުރައްވައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަން ކުރައްވާ ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމަށް ޕީޕީއެމް އިން މެންބަރުން ގެންދާތީ މީގެކުރިން ޔާމީން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. މިފަހުން ވެސް ލ. އަތޮޅުގެ ޕީޕީއެމްގެ އިސް ބަޔަކު ވަނީ ޕީއެންސީއާ ގުޅިފަ އެވެ.

ނަމަވެސް، ރައީސް ވަނީ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ޕީޕީއެމް އިން މެންބަރުން ނުގެނައުމަށް އެދިވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތްއިރު، ޕީޕީއެމް/ޕީއެންސީން މިހާރު ނިންމާފައި އޮތީ އެ ދެ ޕާޓީ އެކުވެގެން ޕްރައިމަރީއެއް ބާއްވައިގެން އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށެވެ. އެކަން އެގޮތަށް ކުރުމުގެ މުހިންމުކަން ރައީސް ވެސް އަދި ޔާމީން ވެސް މީގެކުރިން ވިދާޅުވެފައިވެ އެވެ.