Roadha Mihaaru

ތޮލާލް މަގާމުން އެކަހެރިވެ، ހީނާ އިސްތިއުފާ ދެއްވާފައިވާ ކަމަށް ޔާމީންގެ ކޮމިޓީން ހެދީ ދޮގު!

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަން އުޒުރުވެރިވެވަޑައިގެންފައިވާ ކަމަށާއި އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވެސް އިސްތިއުފާ ދެއްވާފައިވާ ކަމަށް ޕާޓީ ހިންގަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެންގެވި ސްޓިއަރިން ކޮމިޓީގެ މެމްބަރުން މިރޭ ހެދީ ދޮގެއްކަން ހާމަވެއްޖެ އެވެ.

ތޮލާލާއި ހީނާއާ ގުޅޭގޮތުން ޔާމީންގެ ކޮމިޓީން ހެދީ ދޮގު
ނާޒިމް ހަސަން
ނާޒިމް ހަސަން

22 ނޮވެމްބަރ 2023

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަން އުޒުރުވެރިވެވަޑައިގެންފައިވާ ކަމަށާއި އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވެސް އިސްތިއުފާ ދެއްވާފައިވާ ކަމަށް ޕާޓީ ހިންގަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެންގެވި ސްޓިއަރިން ކޮމިޓީގެ މެމްބަރުން މިރޭ ހެދީ ދޮގެއްކަން ހާމަވެއްޖެ އެވެ.

ޔާމީން ވަނީ ޕީޕީއެމް ހިންގަން ލީޑަޝިޕާއި ޕާޓީގެ ސެނެޓާ ވަކިން ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައްވައިފަ އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގައި ހިމެނޭ އައްބާސް އާދިލް ރިޒާ ވިދާޅުވީ ޕާޓީގެ އެސްޖީ މުހައްމަދު ތޮލާލު، ޕާޓީ ހިންގުމުން އުޒުރުވެރިވެވަޑައިގެން، އެކަން ޕާޓީގެ ރައީސަށް އަންގަވާފައިވާ ކަމަށެވެ. އަދި ތަރުޖަމާނު ކަމުން ހީނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"މި ވަގުތު ތިޔަ ބޭފުޅުންނަށް އެނގިލައްވާނެ ހީނާ ވަނީ ސްކޯޕްސްޕާސަން ކަމުން އިސްތިއުފާ ދެއްވާފައި،" އައްބާސް ވިދާޅުވި އެވެ.

އެކަމަކު ޕްރެސް ކުރިއަށް ދިޔަ ވަގުތު ޕީޕީއެމްގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން އެ ސުވާލު އެހުމުން ހީނާ އާއި ތޮލާލް ވަނީ އައްބާސްގެ ވާހަކަ ދޮގު ކުރައްވައިފަ އެވެ. މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.

ޕްރެސްއަށް ފަހު ހީނާ އާއި ތޮލާލް "މިހާރު"އަށް ވިދާޅުވީ ކޮމިޓީން ދެއްކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އިސްތިއުފާ ނުދެއްވާ ކަމަށް މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ހީނާ ވިދާޅުވި އެވެ.

ތޮލާލު ވެސް ވިދާޅުވީ އޭނާގެ މަގާމާ ގުޅޭ ގޮތުން އައްބާސް ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއީ މުޅިން ގޯސް ވާހަަކައެއް ކަމަށެވެ.

އައްބާސް ވިދާޅުވީ ޕާޓީގެ ހިންގުމުން ތޮލާލު އުޒުރުވެރިވެވަޑައިގެންފައިވާތީ، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޔާމީން ކޮމިޓީއެއް އެކުލަވާލެއްވީ ވަގުތީ ގޮތުން ކަމަށެވެ.

"އެމަނިކުފާނަށް ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން މި ސްޓިއަރިން ކޮމިޓީ އަކީ. ޕާޓީގެ އަސާސީ ގަވައިދުގެ ތެރެއިން މިކަން މި ދަނީ،" އައްބާސް ވިދާޅުވި އެވެ.

ޔާމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީގައި ހިމެނޭ އައްބާސް: އޭނާ ވަނީ ހީނާ ތަރުޖަމާނު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޔާމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީގައި ހިމެނޭ އައްބާސް: އޭނާ ވަނީ ހީނާ ތަރުޖަމާނު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ދައުވަތު، އެސްޖީ ތޮލާލު މީޑިއާއާ ހިއްސާއެއް ނުކުރައްވަ އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކޮމީޓީން ސާފު ޖަވާބެއް ނުދެއްވަ އެވެ. އެސްޖީއާ މެދު ހިޔާލު ތަފާތުވުމެއްތޯ އެހެމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

ތޮލާލު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ކަމެއް އޭނާ އަށް އެއްގޮތަކަށް ވެސް އެނގިވަޑައިގެންފައެއް ނުވެ އެވެ.

ތޮލާލަކީ ޔާމީނާ އެއްވަރަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް ވަރަށް ގާތް ބޭފުޅެކެވެ. އަދި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒުގެ ތަރުޖަމާނަކީ ވެސް ތޮލާލެވެ.

ތޮލާލު އެ މަގާމުން ވަކިކުރަން ބޭނުންވާ ކަން މީގެކުރިން ޔާމީން ވަނީ ޕާޓީގެ އިސް ބައެއް ބޭފުޅުންގެ ގާތުގައި ވިދާޅުވެފަ އެވެ. އެކަމަކު ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިކުރެވޭނީ ސެނެޓުން ފާސްކޮށްގެންނެވެ.

ޕީޕީއެމްގެ އެސްޖީ ތޮލާލަށް މިއަދު ވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު ދެއްވައިފަ އެވެ. އަދި ޕީޕީއެމްގެ އެހެން ގިނަ އިސް ބޭފުޅުންނަށް ވެސް ސަރުކާރުން މަގާމުތައް ދެއްވާފައިވާއިރު، އެ ބޭފުޅުން މި ވަގުތު ތިއްބެވީ ރައީސްއާ އެކު އެވެ.