Roadha Mihaaru
ރަސްފަންނު މަރާމާތަށް އިތުރު ހަރަދެއް ނުކުރަން:މުއިއްޒު

ރަސްފަންނުގެ މަރާމާތަށް އިތުރު އެއްވެސް ހަރަދެއް ނުކުރަން: މުއިއްޒު

08 ފެބުރުއަރީ 2017

ރަސްފަންނު ހުޅުވުމަށްފަހު އެތަނުގެ މަރާމާތަށް، ހައުސިން މިނިސްޓްރީން އެއްވެސް ހަރަދެއް ނުކުރާ ކަމަށާއި އެކަމާ ގުޅޭގޮތުން ދައްކަމުންދަނީ ދޮގު ވާހަކައެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރަސްފަންނު ހުޅުވުމަށްފަހު އެތަނުގެ މަރާމާތަށް، ހައުސިން މިނިސްޓްރީން އެއްވެސް ހަރަދެއް ނުކުރާ ކަމަށާއި އެކަމާ ގުޅޭގޮތުން ދައްކަމުންދަނީ ދޮގު ވާހަކައެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާފަންނު ކޮޅުގައި މިިދިޔަ އަހަރު ހުޅުވި ރަސްފަންނަށް އެއް އަހަރު ފުރުން ފާހަގަކުރަން އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ރަސްފަންނު ހުޅުވުމަށްފަހު ބޭކާރު ގިނަ ހަރަދުތަކެއް ކޮށްފައިވާ ކަމަށް ވަރަށް ގިނަ މީހުން ދައްކަމުން ދާ ކަމަށެވެ. ނަމަވެސް އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް، އެސްޓީއޯ އާއި ސްޓެލްކޯގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި މި ހަފުލާގައި މުއިއްޒު ވިދާޅުވި އެެވެ.

ރަސްފަންނަށް އެއް އަހަރުވުން ފާހަގަކުރަން އެ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު(މ) އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު (ވ)، އެސްޓީއޯއިން ހެދި އުނދޯލީގައި މަޑުކޮށްލައްވައިގެން، -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދައުލަތުގެ ބަޖެޓުން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހެދި ބީޗަށް މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ބޮޑު ގެއްލުންތަކެއް ލިބުނެވެ. އެގޮތުން ބީޗުގެ ވެލިގަނޑު ގިރަމުންދިއުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ވެލި އެޅުމުގެ މަސައްކަތް ވެސް ކުރި އެވެ.

"ރަސްފަންނު ހެދުމަށްފަހު މަރާމާތަށް [މިނިސްޓްރީން] އެއްވެސް ހަަދެއް ނުކުރަން. ހުޅަނގު މޫސުމުގައި ބައެއް ދުވަސް ދުވަހު، މޫސުމާއެކީ އެ އަންނަ ބަދަލާއެކީގައި މިތަން މެއިންޓެއިން ކުރުމަށްޓަކައި ކުރި ކަންކަމަކީ، އެއްވެސް ހަރަދެއް އަޅުގަނޑުމެން ކޮށްފައިވާ ކަމެއް ނޫން. އަޅޫގަނޑުމެންނާ ދިމާލަށް ބުނާ އެއް ވާހަކައެއް، ހެންވޭރު އާޓިފިޝަލް ބީޗުން ވެލި ނަގައިގެންނޭ އެތަނުގެ [ރަސްފަންނު] ބީޗަށް ވެލި އަޅަނީ. އެ ވެސް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުން ދަނީ، ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން އަންނަ މަސައްކަތްތަކުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބެމުން އަންނާތީ އެކަން ގަބޫލުނުކުރާ ބަޔަކު ކަމަށެވެ. ނަމަވެސް އެއީ މިހާރު ރައްޔިތުން ބަލައިގަންނަ ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްފަންނުގައި އެމްޓީސީސީން ބެހެއްޓި މޫދު ކުޅިވަރު ކުޅޭ ސާމާނު-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރަސްފަންނުގައި އެމްޓީސީސީން ބެހެއްޓި މޫދު ކުޅިވަރު ކުޅޭ ސާމާނު-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރަސްފަންނު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، އެސްޓީއޯގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ވަނީ މޫދު ކުޅިވަރު ކުޅޭނެ ވަސީލަތާއި އުނދޯންޏެއް ބަހައްޓާފަ އެވެ. އަދި އެމްޓީސީސީން ވަނީ ބާބަކިއު ހަދާނެ ސާމާނާއި ތަފާތު ކާ އެއްޗެހި ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފިހާރައެއް ގާއިމްކޮށްފަ އެވެ.

މުއިއްޒު ވިދާޅުވީ މިއަދު އަލަށް ގާއިމްކުރި ތަންތަނުން ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

ރަސްފަންނަށް އެއް އަހަރުވުން ފާހަގަކުރަން ފެޅި ކޭކު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރަސްފަންނަށް އެއް އަހަރުވުން ފާހަގަކުރަން ފެޅި ކޭކު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރަސްފަންނަށް ބަލާލުމުން އަބަދުހެން ކަހަލަގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު މަޑުކޮށްލައިގެން ތިބޭ ކަމަށާއި އެއީ މި ސަރުކާރުން ކުރިއަށްގެންދިޔަ ކާމިޔާބު މަޝްރޫއެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ރަސްފަންނާއެކީ ތަރައްގީކުރަމުން ދިޔަ ޕެވީލިއަންގެ މަސައްކަތް ވެސް ލަސްތަކެއް ނުވެ ނިމިގެންދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބޮޑު ކޭކެއް ފަޅާފައި ވެ އެވެ. އަދި ބާބަކިއު ސަރަހައްދުގައި އާއްމުންނަށް ބާބަކިއުއެއް ބާއްވާފައި ވެ އެވެ.