Roadha Mihaaru
ފާހާނަ ބަރި ރަސްފަންނުގެ އެހެން ދިމާލެއްގައި އަޅަނީ

ފާހާނަ ބަރި ރަސްފަންނުގެ އެހެން ދިމާލެއްގައި އަޅަނީ

03 އެޕްރީލް 2018

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ހަދާ ޕެވިލިއަންގެ އެންމެ ތިރީ ބުރީގައި ކުރިން ހަދަން ނިންމި ފާހާނަ ބަރި ރަސްފަންނުގެ އެހެން ދިމާލެއްގަައި ހަދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ހަދާ ޕެވިލިއަންގެ އެންމެ ތިރީ ބުރީގައި ކުރިން ހަދަން ނިންމި ފާހާނަ ބަރި ރަސްފަންނުގެ އެހެން ދިމާލެއްގަައި ހަދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

ޕެލިވިއަންގެ ދެ ވަނަ ބުރީގައި، އޮސްޓްރޭލިއާގެ މަޝްހޫރު "ގްލޯރިއާ ޖީންސް ކޮފީ"ގެ ފްރެންޗައިސް ރެސްޓޯރެންޓެއް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ޑރ. މުއިޒް ވިދާޅުވީ، އޮރިޖިނަލް ކޮންސެޕްޓް ބަދަލުކޮށް، ފާހާނާ ބަރި ނުލައި ޕެލީވިއަން ހެދީ ބޭރުގެ ފްރެންޗައިޒްތައް ގެނައުމަށް، އިންޓަނޭޝަނަލް ސްޓޭންޑާޑަށް އެ އިމާރާތް ފެއްތުމަށް ކަމަށެވެ.

"[ފާހާނާ ބަރި ޕެލީވިއަންގައި ނުހެދުމުން] މިއީ ވަރަށް ގިނަ ބޭފުޅުން ސުވާލު އުފައްދާ ކަމެއް. އެހެންވެ އަޅުގަނޑު މިރޭ މިކަން ސާފުކޮށްދޭން ބޭނުން،" ޑރ. މުއިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެލިވިއަން އަށް ބަދަލު ގެންނަ ޖެހުމުން، އައިޖީއެމްއެޗް އިމާރާތާ ދިމާލުން ރަސްފަންނުގައި ހުންނަ ހޮޅުއަށިތަކާ ދިމާލުގައި ފާހާނާ ބަރިއަކާއި ޗޭންޖިން ރޫމެއްގެ އިތުރުން ބޭބީ ކެއާ ފެސިލިޓީއެއް ހަދަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރާނީ އެމްޑަބްލިއުއެސްސީން، ޕެލީވިއަން ހަދަން ވީ އެއްބަސްވުމުގެ ތެރެއިން ކަމަށެވެ. ނަމަވެސް އެ މަސައްކަތް ފަށާނެ ދުވަހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

"މިހާރު މި ވަނީ ލޮކޭޝަން ކަނޑައެޅިފައި... [ޕެލިވިއަން] ޑިވެލޮޕްމަންޓު ނިމިގެން ދާއިރު އެމްޑަބްލިއުއެސްސީއިން [ޕެލިވިއަންގައި އަޅަން] އެއްބަސްވެފައިވާ ފަދަ ފެސިލިޓީއެއް ގާއިމްކޮށްދޭނެ،" ޑރ. މުއިޒް ވިދާޅުވި އެވެ.

މީގެ ތިން އަހަރު ކުރިން ޕެލިވިއަންގެ މަސައްކަތް ފެށި އިރު، އޮރިޖިނަލް ކޮންސެޕްޓުގައި އޮތީ އެތަނުގެ އެންމެ ތިރީ ބުރީގައި ފަސް ފާހާނަ ހިމެނޭ ގޮތަށް، މޫދަށް އެރޭ މީހުން ފެންވަރާނެ ތަނަކާއި އާއްމުންނަށް އިށީނދެ ތިބެވޭނެ ތަނެއް ހެދުމަށެވެ.