Roadha Mihaaru
ސައިކަލް ވިއްކީ ތަހުމީނު ކިޔާ މީހަކަށް: ހެކިވެރިޔާ

ބޮން ހަރުކުރި ސައިކަލް ވިއްކީ ތަހުމީނު ކިޔާ މީހަކަށް: ހެކިވެރިޔާ

22 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި ބޮން ހަރުކުރި ސައިކަލް މީގެ ފަސް ވަރަކަށް އަހަރު ކުރިން ވިއްކީ ތަހުމީނު ކިޔާ މީހަކަށް ކަމަށާއި ނަމަވެސް، އޭނާގެ ސިފަ ބުނެދޭން ނޭނގޭ ކަމަށް މިއަދު ޝަރީއަތުގައި ހެކިވެރިޔަކު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި ބޮން ހަރުކުރި ސައިކަލް މީގެ ފަސް ވަރަކަށް އަހަރު ކުރިން ވިއްކީ ތަހުމީނު ކިޔާ މީހަކަށް ކަމަށާއި ނަމަވެސް، އޭނާގެ ސިފަ ބުނެދޭން ނޭނގޭ ކަމަށް މިއަދު ޝަރީއަތުގައި ހެކިވެރިޔަކު ބުނެފި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހަ މީހެއްގެ މައްޗަށް ދައުވާކޮށްފައި ވާއިރު އޭގެ ތެރެއިން އެކަކީ ތަހުމީނު އަހުމަދެވެ. އޭނާ އަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތް ކަމާއި އަދި ބޮން ގޮއްވާލަން އެހީތެރިވެ އުޅުނު މީހެއް ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

މި މައްސަލާގައި މިއަދު ވަނީ ދައުލަތުގެ ހެކި ބަސް ނެގުމަށް އަޑުއެހުމެއް ބާއްވައިފަ އެވެ. އަޑުއެހުމުގައި ތިން ހެކިވެރިއެއްގެ ހެކި ބަސް ނަގާފައިވާއިރު، އޭގެ ތެރެއިން އެކަކީ ބޮން ހަރުކޮށްފައިހުރި ސައިކަލްގެ ކުރީ ވެރިޔާ އެވެ.

އޭނާ އެ ސައިކަލް ވިއްކާލަން ސޯޝަލް މީޑިއާގައި ޖެހުމުން އެކަމަށް ޝައުގުވެރިވެ، މީހަކު ބަލަން އައި ކަމަށާއި ސައިކަލް ބަލާފައި ކަމުދިޔުމުން ގަންނަން ބޭނުންވި ކަމަށް ހެކިވެރިޔާ ބުންޏެވެ. އެއީ ސީދާ ކޮން ތާރީހެއްކަން އޭނާ އަށް ނޭނގުނަސް، އެ މުއާމަލާތް ހިންގީ ބްރިޖް ހުޅުވި ދުވަސްވަރު ކަމަށް ބުންޏެވެ.

ހެކިވެރިޔާ ބުނީ ސައިކަލް ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން އައިޑީކާޑް ކޮޕީއެއް ފޮނުވި ކަމަށާއި އެ އައިޑީކާޑުގައި އޮތް ނަމަކީ ތަހުމީން ކަމަށެވެ. ސައިކަލް ވިއްކީ އެ ނަން ކިޔާ މީހަކަށް އެނގެނީ އެހެންވެ ކަމަށް އޭނާ ބުންޏެވެ. ސައިކަލަށް ފައިސާ ދެއްކީ އެހެން ދުވަހަކު ނަގުދު ފައިސާ އިން ކަމަށާއި ނަމަވެސް، ފައިސާ ދަައްކަން އައީ ސީދާ ތަހުމީނުކަން މިހާރު ބުނެދޭން ނޭނގޭ ކަމަށް ބުންޏެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތަހުމީނު: ސައިކަލް ވިއްކީ ތަހުމީނު ކިޔާ މީހަކަށް ކަމަށް ހެކިވެރިޔާ ބުނި

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތަހުމީނު: ސައިކަލް ވިއްކީ ތަހުމީނު ކިޔާ މީހަކަށް ކަމަށް ހެކިވެރިޔާ ބުނި

ނަމަވެސް، ހެކިވެރިޔާ އަށް ތަހުމީނަކީ ސީދާ ސައިކަލް ގަތް މީހާކަން ކަށަވަރުކޮށްދޭކަށް ނޭނގުނެވެ. ޝަރީއަތުގައި އިން ތަހުމީނު ދެއްކުމަށް ފަހު، އެއީ ސައިކަލް ގަތް މީހާތޯ ކަށަވަރުކޮށްދޭން ތަހުމީނުގެ ވަކީލު އެދުނެވެ. ނަމަވެސް ހެކިވެރިޔާ ބުނީ ސައިކަލް ދުއްވި އިރު އިސްތަށިގަނޑު ކުރުކޮށް ހުރުމުން ސީދާ ސިފަ ބުނެދޭން ނޭނގޭ ކަމަށެވެ.

މިހާރު އިސްތަށިގަނޑު ދިގުކޮށް ހުރި ތަހުމީން އިސްތަށިގަނޑު އައްސާފައި ދެއްކުމުން ވެސް، އެއީ ސައިކަލް ވިއްކި މީހާ ކަން ކަށަވަރާ އެކު ބުނަން ހެކިވެރިޔާ އަށް ނޭނގުނެވެ. އޭނާއަށް ޔަގީން ކުރެވޭ ކަމަކީ ސައިކަލް ވިއްކީ ތަހުމީނު ކިޔާ މީހަކަށް ކަމަށެވެ.

މިއަދު ދެން ހެކިބަސް ނަގާފައިވަނީ ޓްރެފިކް ފުލުހަކާއި ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ހުރި އާންމު މީހެއްގެ އެވެ.

ދައުލަތުން މި މައްސަލާގައި ގިނަ އަދަދެއްގެ ހެކި ހުށަހަޅާފައި ވާއިރު، މިއަދު ހާޒިރުކުރި ތިން މީހުންނާ ވެސް ދިފާއީ ގިނަ ވަކީލުން ސުވާލެއް ނުކުރެ އެވެ. އެހެންވެ ގާޒީ ވަނީ ހުރިހާ ހެކިން ހާޒިރު ކުރުމުގެ ބޭނުމެއް އޮތްތޯ ސުވާލު ކުރައްވައިފަ އެވެ. ބައެއް ދިފާއީ ވަކީލުން ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދިން ކަމާއި އެކަމުގެ ސަބަބުން އެމަނިކުފާނަށް އަނިޔާވި ކަމަށް އިއުތިރާޒު ނުކުރާ ކަމަށެވެ. އެކަންކަން ސާބިތު ކުރުމަށް ގެންނަ ހެކިވެރިން ނުގެނަޔަސް އެންމެ ރަނގަޅު ކަން ވަކީލުން ފާހަގަކުރެއްވި އެވެ.

ނަމަވެސް އެއީ ކޮން ހެކިތަކެއްކަން ސާފުކޮށް ބަޔާންކޮށް ލިޔުމުން ހުށަހެޅުމަށް ގާޒީ އެދިވަޑައިގަތެވެ. ގާޒީ ވެސް ފާހަގަކުރެއްވި ގޮތުގައި ޝަރީއަތް އަވަސް ކުރުމަށްޓަކައި، ވަކީލުން އިއުތިރާޒު ނުކުރާ ނަމަ، ބައެއް ހެކިވެރިން ހާޒިރުނުކޮށް ދޫކޮށްލެވިދާނެ އެވެ.

މި މައްސަލާގައި ތަހުމީނުގެ އިތުރުން ދެން ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް އަސަރީގޭ، މުހައްމަދު ނާޒިމްގެ މައްޗަށެވެ.