Roadha Mihaaru
މަދަނީ ހައްގުތައް ދިނުމަށް ރަސްމީ ނިޒާމު ގާއިމްކޮށްފި

މަދަނީ ހައްގުތައް ކަށަވަރުކުރުމާ ގުޅޭ ރަސްމީ ނިޒާމު ގާއިމްކޮށްފި

24 ނޮވެމްބަރ 2023

ގާނޫނުއަސާސީގެ ދަށުން ކޮންމެ މީހަކަށް ކަށަވަރުކޮށްދޭ އެންމެހައި މަދަނީ ހައްގުތައް ލިބިދޭކަން ކަށަވަރު ކުރުމާ ގުޅޭ މަސައްކަތްތައް ކުރުމަށް، ޝަކުވާ ހުށަހަޅާނެ ރަސްމީ ނިޒާމެއް ސަރުކާރުން ގާއިމުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ގާނޫނުއަސާސީގެ ދަށުން ކޮންމެ މީހަކަށް ކަށަވަރުކޮށްދޭ އެންމެހައި މަދަނީ ހައްގުތައް ލިބިދޭކަން ކަށަވަރު ކުރުމާ ގުޅޭ މަސައްކަތްތައް ކުރުމަށް، ޝަކުވާ ހުށަހަޅާނެ ރަސްމީ ނިޒާމެއް ސަރުކާރުން ގާއިމުކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގެ ދަށުން "އޮފީސް ފޯ ސިވިލް ރައިޓްސް" ގެ ނަމުގައި އާ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އެ ނިޒާމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކޮންމެ މީހަކަށް ލިބިދީފައިވާ މަދަނީ ހައްގުތައް ކަށަވަރު ކުރުމާއި އެ ހައްގުތައް ލިބިދިނުމަށް ކުރާ އެކި ތަފާތު ކުރުންތަކާ ގުޅޭ ޝަކުވާތައް ބަލާނެ ކަމަށް އެ އޮފީހުން އިއްޔެ ބުންޏެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، މަދަނީ ހައްގުތައް ލިއްބައި ނުދީ ހިފެހެއްޓުމާ ގުޅޭ ގޮތުން މީހުން ކުރާ ޝަކުވާތައް ބަލައި ފިޔަވަޅު އަޅާނެ އެވެ.

އެ ހައްގުތައް ލިއްބައި ނުދިނުމާއި ނަގައިދިނުމަށް ހަމަޖެހިފައިވަނީ "އޮފީސް ފޯ ސިިވިލް ރައިޓްސްއަށް ޝަކުވާ ހުށަހެޅުމާގުޅޭ ގައިޑްލައިން" އާ އެއްގޮތުގެ މަތިންނެވެ. ހައްގު ހޯދުމަށް ޝަކުވާ ހުށަހަޅާ ފޯމު އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓުން ލިބޭ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ ގޮތުގައި، ރައްޔިތުންނަށް އެންމެހައި މަދަނީ ހައްގުތައް ލިބިދޭ ކަން ކަށަވަރުކުރުމަކީ މަދަނީ ހައްގާ ގުޅޭ އޮފީހުން ކުރަން ޖެހޭނެ ކަމެކެވެ.

ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މަދަނީ ހައްގުތައް ހިމާޔަތްކޮށް ކަށަވަރުކޮށްދެވޭނެ ގޮތަށް އެ މުއައްސަސާތަކުން ކަންކަން ކުރަމުންގެންދޭތޯ ބަލައި، މަދަނީ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުގެ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް މުރާޖައާކޮށް، ކަމާގުޅޭ މަޝްވަރާއާއި ލަފާ ދިނުމަކީ ވެސް މި އޮފީހުގެ މެންޑޭޓެކެވެ.