Roadha Mihaaru
އިންތިހާބާ މެދު ކޮމިޓީ އާއި އީސީގެ ހިޔާލުތަފާތުވުމެއް

މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހަކާ މެދު އަނެއްކާވެސް ކޮމިޓީ އާއި އީސީގެ ހިޔާލުތަފާތުވުމަކަށް!

29 ނޮވެމްބަރ 2023

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ އިލެކްޝަންސް ކޮމިޝަނާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެދުގައި ހިޔާލުތަފާތުވުން އުފެދިއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ އިލެކްޝަންސް ކޮމިޝަނާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެދުގައި ހިޔާލުތަފާތުވުން އުފެދިއްޖެ އެވެ.

ގާނޫނުގައި ބުނާ މުއްދަތުތަކާ އެއްގޮތަށް އީސީން ތާވަލުކުރުމުން އިންތިހާބު އެންމެ އަވަހަށް ބޭއްވެނީ ރޯދަ މަހުގެ ފަހު 10 ފެށޭ ދުވަހަށެވެ. އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބުނެ އެ ކޮމިޝަނުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނީ ގާނޫނީ ހައްލެއް ހޯދައިދިނުމަށެވެ.

ނަމަވެސް އެ ކޮމިޓީގެ ލަފާގައި ބުނެފައި ވަނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ރޯދަ މަހަށް ފަހު ވެސް ލިބޭތީ ރޯދަ މަސް ނިމުމުން އެންމެ އަވަހަށް ބޭއްވޭ ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ.

މިކަމާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ރޯދަ މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދުކުރަން ސަރުކާރުން ކަނޑައަޅާތީ އާއި އޭގެ ފަހުން އީދު އަންނާތީ އިދާރީ ގިނަ މަސައްކަތްތަކަށް ގޮންޖެހުންތައް ހުރި ކަމަށެވެ.

އިންތިހާބުގެ ގިނަ މަސައްކަތްތައް ކުރަން ރޯދަ މަސް ތެރޭގައި އެ ކޮމިޝަނުގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެތީ އެކަމަށް ވެސް ދަތިވާނެކަން ފާހަގަކޮށް ފުއާދު ވަނީ ރޯދަ މަހު ކެމްޕެއިނު ކުރުމަށް ވެސް ދަތިތައް ކުރިމަތިވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފުއާދު ވިދާޅުވީ، މީގެ ކުރިން ވެސް ރޯދަ މަހު ބޭއްވި ބައި އިލެކްޝަންގެ ތަޖުރިބާ ރަނގަޅު ނޫން ކަަމަށާއި އެކަމުގެ ކަންބޮޑުވުންތައް ޕާޓީތަކުންނާއި ކެންޑިޑޭޓުން އޭރު ވެސް ފާޅުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ކޮމިޓީގެ ގިނަ މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަނުން ދައްކާ ގިނަ ކަންކަމަކީ ބަލައިގަންނަން ދަތި ވާހަކަތަކެއް ކަމަށް ބުނެ، މިހާރު އޮތް ގޮތަށް އިންތިހާބު ބާއްވަން އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެފަ އެވެ.

ކޮމިޓީގައި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، ރޯދަ މަހަކީ އެހެން މަސްތައް ފަދައިން މަސައްކަތް ކުރެވޭނެ މަހެއް ކަމަށާއި ރޯދަ ހިފައިގެން އިތުރު މަސައްކަތެއް ނުކޮށް އަތް އުރާލައިގެން ތިބުމަކީ ހިތްވަރު ދޭ ކަމެއް ނޫން ކަމަށެވެ.

އެހެންވެ އެ ކަމުގައި ހުރަހެއް އޮތް ކަމަށް ގަބޫލުކުރަން ދަތި ކަމަށާއި ރޯދަ މަސް ނިންމާފައި އިންތިހާބު ބޭއްވުމަކީ ވެސް އޮތް ހައްލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އެކަން ފާހަގަކޮށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ކޮމިޓީއަށް އައިސް މަސައްކަތް ކުރަނީ ވަކި ދުވަހެއްގައި އިންތިހާބު ބާއްވަން، ވަކި މިސްރާބެއްގައި ހިފައިގެން ކަމަށް ފާހަގަކުރެވޭނެ ކަމަށެވެ.

އެކަން ހާސިލް ކުރުމަށް ގާނޫނު ބަދަލުކުރުމުގެ ވާހަކަދައްކާތީ ކަންބޮޑުވާ ކަމަށް ވިދާޅުވެ ސަނީފް ވަނީ، ކޮމިޓީގެ ލަފަޔާ މެދު ހުރި ކަންބޮޑުވުންތައް ކޮމިޓީއާ ހިއްސާކުރުމުގެ ކުރިން މީޑިއާއާ ހިއްސާކޮށްފައިވާތީ ވެސް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ސަނީފްގެ ވާހަކައަށް ބާރު ދެއްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވެސް ވިދާޅުވީ، ވަކި ގޮތަކަށް ކަންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭ ވިސްނުން ދޫކޮށްލައި، މި ކަމުގައި ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑަށް އޮތް ގޮތް އިސްކުރަން ޖެހޭ ކަމަށެވެ.

މި ކަމުގައި ކޮމިޓީން ކަންބޮޑުވުން ފާޅުކުރި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އެ ވިސްނުން ގެންގުޅޭތީ، އެޑިއުކޭޝަން މިނިސްޓްރީން ގްރޭޑު 10 ގެ ކުދިން މޮކް ޓެސްޓުތައް ވެސް އަވަސްކުރަން އަންގާފައިވާ ކަމަށެވެ. މި ކަމުގެ ސަބަބުން، ކިޔަވާ ކުދިންނަށް އިންތިހާއަށް ގެއްލުން ވެދާނެ ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

މިއަދު ބޭއްވި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ ތެރެއިން -- ފޮޓޯ: މަޖިލިސް

މިއަދު ބޭއްވި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ޔައުގޫބް ވެސް ވަނީ، ސަރުކާރުން ބޭނުން ވާތީ އިލެކްޝަންސް ކޮމިޝަނުން ވަކި ތާރީހެއްގައި އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ތުހުމަތުކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ފުއާދު ވިދާޅުވީ، އެ ކޮމިޝަނުން ކޮމިޓީއަށް އައީ ތާރީހު ބަދަލުކުރަން އެދެން ނޫން ކަމަށާއި މި ކަމުގައި ސަރުކާރުން ވަކި ގޮތަކަށް އަމަލުކުރަން ވެސް އަންގާފައިނުވާ ކަމަށެވެ.

"އިންތިހާބުގެ ތާރީހު ކަނޑައެޅުމަކީ އީސީއަށް ލިބިގެންވާ ބާރެއް، މި ކޮމިޝަނުން އަދި ވަކި ދުވަހެއް އިންތިހާބު ބާއްވަން ނުނިންމާ،" ފުއާދު ވިދާޅުވި އެވެ.

ތާރީހު ކަނޑައެޅުމުގައި ކޮމިޓީގެ ހުރި ކަންބޮޑުވުންތައް މެންބަރުންނާ ހިއްސާކުރައްވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ކޮމިޓީން އީސީގެ މެންޑޭޓުގެ ތެރެއަށް ވަދެ، ވަކި ތާރީހެއްގައި ބާއްވަން ބާރު ނާޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ނަމަވެސް ރޮޒައިނާ ވެސް ވިދާޅުވީ އިންތިހާބު އަވަސްކޮށްފި ނަމަ، ކެންޑިޑޭޓުންނަށް ކެމްޕެއިނު ކުރަން ލިބޭ ވަގުތު މަދުވެ، ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.