Roadha Mihaaru
ޖާބިރުގެ ދެބަފައިންނަށް ވެސް ނާކާމިޔާބު

ޖާބިރުގެ ދެބަފައިންނަށް ވެސް ނާކާމިޔާބު

22 އެޕްރީލް 2024

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި މަހިބަދޫ ދާއިރާ އަށް ވާދަކުރެއްވި ޖާބިރުގެ ދަރިފުޅު އަހުމަދު މުއާޒް އަބްދުﷲ ޖާބިރު މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި މަހިބަދޫ ދާއިރާ އަށް ވާދަކުރެއްވި ޖާބިރުގެ ދަރިފުޅު އަހުމަދު މުއާޒް އަބްދުﷲ ޖާބިރު މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޖާބިރަކީ މިހާރު ހިނގަމުންދާ 19 ވަނަ ދައުރު ކާށިދޫ ދާއިރާ ކާމިޔާބު ކުރެއްވި މެމްބަރެވެ. އެ ދާއިރާ އަށް މިފަހަރު ހަ ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. ކާށިދޫ ދާއިރާ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީ ކެންޑިޑޭޓް މުންތަޒިމް އިބްރާހިމް އެވެ. މުމްތާޒް ހޮވުނީ 1217 ވޯޓުންނެވެ.

އަމިއްލަގޮތުން ވާދަކުރެއްވި ޖާބިރަށް ލިބިވަޑައިގަތީ 355 ވޯޓެވެ. އެ ދާއިރާ އަށް އަމިއްލަގޮތުން ދެން ވާދަކުރެއްވި ދެ ކެންޑިޑޭޓް މުހައްމަދު ކަމާލް އަށް 104 ވޯޓު ލިބުނުއިރު އަހުމަދު ސޮބާހަށް ލިބުނީ ނުވަ ވޯޓެވެ. އެމްޑީޕީން ވާދަ ކުރެއްވި އަބްދުލް ނަސީރު މުހައްމަދަށް ލިބުނީ 365 ވޯޓެވެ.

އެމްޑީޕީ ޓިކެޓުގައި މަހިބަދޫ ދާއިރާ އަށް މުއާޒް ވާދަކުރެއްވިއިރު އެ ދާއިރާ ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ގޮނޑީގައި އިންނަވާ އެ ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ތޯރިގެވެ. މިއީ އޭނާ އެ ދާއިރާގެ ގޮނޑި ދިފާއު ކުރެއްވި ތިން ވަނަ ދައުރެވެ.

ތޯރިގު އެ ދާއިރާ ކާމިޔާބު ކުރެއްވީ 1214 ވޯޓާ އެކު އެވެ. މުއާޒް އަށް ލިބިވަޑައިގަތީ 898 ވޯޓެވެ.

މިހާތަނަށް ވަގުތީ ނަތީޖާތައް ދައްކާ ގޮތުން 93 ގޮނޑީގެ ތެރެއިން ވެރިކަންކުރާ ޕީއެންސީ އަށް 71 ގޮނޑި ލިބެ އެވެ. އެމްޑީޕީ އަށް 12، އަދި އެމްޑީއޭ އަށް ދެ ގޮނޑި އާއި އެމްއެންޕީ އަށް އެއް ގޮނޑި އާއި އަމިއްލަ ގޮތުން ވާދަކުރެއްވި މެމްބަރުންނަށް ހަ ގޮނޑި ލިބެ އެވެ. މީގެ ތެރެއިން އެމްއެންޕީ އާއި އެމްޑީއޭ އަކީ ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ދެ ޕާޓީ އެވެ. އަމިއްލަ ގޮތުން ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް، ސަރުކާރަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ހިމެނެ އެވެ.