Roadha Mihaaru
ޑިމޮކްރެޓްސްގެ އިންތިހާބުގެ ކުރީގައި ހަސަން ލަތީފު

ޑިމޮކްރެޓްސްގެ ރައީސްކަމަށް ހަސަން ލަތީފު ބޮޑު ތަފާތަކުން ކުރީގައި

02 ޑިސެމްބަރ 2023

މިހާތަނަށް ގުނި ވޯޓުތަކަށް ބަލާއިރު، ޑިމޮކްރެޓްސްގެ ރައީސްކަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކާމިޔާބު ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިހާތަނަށް ގުނި ވޯޓުތަކަށް ބަލާއިރު، ޑިމޮކްރެޓްސްގެ ރައީސްކަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކާމިޔާބު ކުރައްވައިފި އެވެ.

އެމްޑީޕީ ދެފަޅިވެ، ކުރީގެ ރައީސް މުހަންމަދު ނަޝީދަށް ތާއިދުކުރާ ބަޔަކު މިދިޔަ ޖުލައި މަހު އުފެއްދެވި ޑިމޮކްރެޓްސްގެ ރައީސް ކަމަށް، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި ހަސަން ލަތީފާއެކު ދެން ވާދަކުރެއްވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ފުރުއްވި ހުސެއިން އަމްރު އެވެ.

ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ އިންތިހާބުގެ ވޯޓުލުން ހެނދުނު 10:00 އިން 4:00 އާ ހަމައަށް ކުރިއަށްގެންދިޔަ އެވެ.

އެ ވޯޓުގެ ވަގުތީ ނަތީޖާ އަދި އިއުލާން ނުކުރިޔަސް، އެނގިފައިވާ ގޮތުގައި ރައީސްކަމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ ތެރެއިން ކުރީގައި އުޅުއްވަނީ ހަސަން ލަތީފެވެ. މިހާތަނަށް ގުނުނު ވޯޓުތަކުން، ދެ ބޭފުޅުންގެ މެދުގައި 150 ވޯޓެއްހާ ފަރަގު އުޅެ އެވެ. ރަށްރަށުން ނުލިބި ހުރި ވޯޓުތަކުގެ އަދަދު އެއަށްވުރެ މަދު ކަމަށްވެ އެވެ.

ރައީސްގެ އިތުރުން ނައިބު ރައީސުންގެ މަގާމަށް ވެސް ބޭފުޅުން އިންތިހާބުކޮށްފައިވެ އެވެ. އެގޮތުން، ޒުވާނުންނަށް ހާއްސަކޮށްފައިވާ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް، މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނާއި ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު ވާދަކޮށް، އެ ގޮނޑި ކާމިޔާބުކުރެއްވީ ފިރުޝާނެވެ.

ނައިބު ރައީސުންގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާއަށް ކުރިމަތިލެއްވި އައިޝަތު އަލައިކާ އަދި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު ރީނޫ ނާޒިމްގެ ތެރެއިން އެ މަގާމު ކަށަވަރުވީ އަލައިކާއަށެވެ.