Roadha Mihaaru
މަޝްވަރާގެ ތަފްސީލް ހަސަން ނުދެއްވާތީ ހިތްހަމަނުޖެހިއްޖެ

ރައީސާ އެކު ހަސަން ކުރެއްވި މަޝްވަރާގެ ތަފްސީލު ނުދޭތީ އަމްރު ހިތްހަމަނުޖެހިއްޖެ

21 ޑިސެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒު ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އިއްޔެ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތަފްސީލް ހަސަން ހާމަނުކުރައްވާތީ އެ ޕާޓީގެ މެމްބަރު އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އިއްޔެ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތަފްސީލް ހަސަން ހާމަނުކުރައްވާތީ އެ ޕާޓީގެ މެމްބަރު އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ރައީސް މުއިއްޒު އިއްޔެ ވަނީ އިދިކޮޅު އެމްޑީޕީ އަދި އަދާލަތު ޕާޓީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެކު އިއްޔެ ވަކި ވަކިން ރައީސް އޮފީހުގައި ބައްދަލުކުރައްވައިފަ އެވެ.

އޭގެތެރޭގައި ޑިމޮކްރެޓްސްގެ ފަރާތުން ހަސަން ލަތީފް ވެސް ހިމެނިވަޑައިގެންނެވި އިރު، ގައުމުގެ މަސްލަހަތަށްޓަކައި ސަރުކާރަށް އެއްބާރުލުމާއި ތާއިދު ދޭނެކަމުގެ ޔަގީންކަން ޕާޓީގެ ލީޑަރުން ދެއްވިކަން ފިޔަވައި އެ މަޝްވަރާތަކުގެ ތަފްސީލެއް ރައީސް އޮފީހުން ވެސް ހާމައެއް ނުކުރެ އެވެ.

މައްސަލަ ބޮޑުވި ޑިމޮކްރެޓްސްގެ ރައީސްގެ އިންތިހާބުގައި ހަސަންއާ ވާދަކުރައްވައި ނާކާމިޔާބުވި އަމްރު ވަނީ ރައީސް މުއިއްޒު މަގާމުން ވަކިކުރުމުގެ ވާހަކަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި ހަސަން ރައީސާ ބައްދަލުކުރެއްވުމުން ސުވާލު އުފައްދަވައިފަ އެވެ.

ޑިމޮކްރެޓްސްގެ މެންބަރު ހުސެން އަމްރު

ޑިމޮކްރެޓްސްގެ މެންބަރު ހުސެން އަމްރު

"ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމުގެ ވާހަކަތަކެއް ފެންމަތިވެފައިވާ ވަގުތެއްގައި، ސިޔާސީ ޕާޓީތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާ ކުއްލިޔަކަށް ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާއެއްގެ ތަފްސީލު އެ ޕާޓީތަކުގެ އާންމު މެންބަރުންނާ ރައްޔިތުންނަށް ސާފުވުމަކީ މުހިއްމު ކަމެއް،" ހަސަންގެ ނަން ސީދާ ނުގެންނަވައި އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އަމްރުގެ ޕޯސްޓަށް ތާއީދުކޮށް ބައެއް މީހުން ވަނީ ރައީސާ އެކު ހަސަން "ސިއްރު ޑީލެއް" ހަދާފައިވާ ކަމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.

އަމްރުގެ ހިތްހަމަނުޖެހުމާ ގުޅިގެން ސުވާލު ކުރުމުން ހަސަން ވިދާޅުވީ ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ އޮންނާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ރައީސާ ކުރެއްވި މަޝްވަރާގެ ތަފްސީލެއް ހިއްސާކުރައްވާނަންތޯ އެހުމުން، އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވި އެވެ.

ހަސަން މީގެ ކުރިން ވަނީ މި ސަރުކާރުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސް އިން ރަސްމީކޮށް ރައީސް ޑރ. މުއިއްޒަށް ރަސްމީކޮށް ތާއީދު ނުކުރިޔަސް އެ ޕާޓީގެ އާންމު ބައެއް މެމްބަރުންގެ ތާއީދު އޮތީ އެ މަނިކުފާނަށެވެ. ހާއްސަކޮށް ބައެއް ރަށްރަށުގައި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ރައީސް ޑރ. މުއިއްޒަށް ކެމްޕެއިން ވެސް ކުރި އެވެ.