Roadha Mihaaru
ޑިމޮކްރެޓްސްގެ އިންތިހާބުގެ ނަތީޖާ އިއުލާން ނުކުރެވުނު

ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިހާބުގެ ނަތީޖާ އިއުލާން ނުކުރެވި ދިގުލަަނީ!

03 ޑިސެމްބަރ 2023

ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ ފުރަތަމަ އިންތިހާބުގެ ނަތީޖާ އިއުލާން ނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ. މިއީ ފަހުގެ ތާރީހުގައި ރާއްޖޭގައި ބޭއްވި އިންތިހާބެއްގެ ވަގުތީ ނަތީޖާ އިއުލާން ނުކުރެވި، ދިގުލައިގެން ދިޔަ ފުރަތަމަ ފަހަރެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ ފުރަތަމަ އިންތިހާބުގެ ނަތީޖާ އިއުލާން ނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ. މިއީ ފަހުގެ ތާރީހުގައި ރާއްޖޭގައި ބޭއްވި އިންތިހާބެއްގެ ވަގުތީ ނަތީޖާ އިއުލާން ނުކުރެވި، ދިގުލައިގެން ދިޔަ ފުރަތަމަ ފަހަރެވެ.

އެމްޑީޕީ ދެފަޅިވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރާ ބަޔަކާ އެކު، މިދިޔަ ޖުލައި މަހު އުފެއްދި ޑިމޮކްރެޓްސްގެ އެކި މަގާމުތަކަށް މީހުން އިންތިހާބުކުރަން ވޯޓުލުން ބޭއްވީ އިއްޔެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

އެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އެކަމަކު، އޭގެ ތެރެއިން ވޯޓު ލީ މީހުންގެ އަދަދެއް ވެސް އަދި ސާފެއް ނުވެ އެވެ.

އެކަމަކު، އެހާ މަދު ބަޔަކު ވޯޓު ލީ އިންތިހާބެއް ނިމުނުތާ މިހާތަނަށް ވިއްސަކަށް ގަޑިއިރުވީއިރު ވެސް ނަތީޖާ އިއުލާނެއް ނުކުރެވެ އެވެ. އެކަމާ ގުޅޭގޮތުން މީޑިއާ އިން ސުވާލުކުރަން ފެށުމުން، ޑިމޮކްރެޓްސްގެ ރަސްމީ މީޑިއާ ގްރޫޕްގައި ބުނީ ވަގުތީ ނަތީޖާ މިއަދުގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށެވެ.

ޕާޓީގެ އެކި މަގާމުތަކަށް މީހުން އިންތިހާބު ކުރިޔަސް، ޕާޓީގެ އެތެރޭގައި ވެސް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ރައީސްގެ މަގާމަށެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި ހަސަން ލަތީފާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހުސެއިން އަމްރު އެވެ.

ވަގުތީ ނަތީޖާ އިއުލާން ނުކުރަނީސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހަސަން ވަނީ ވޯޓުގެ ކުރީގައި އޭނާ އުޅުއްވާ ކަމަށް ރޭ ވިދާޅުވެފަ އެވެ.

ހަސަން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑު ތަފާތަކުން އެ އިންތިހާބު ކާމިޔާބު ވެއްޖެކަން ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކާ ކަމަށެވެ.

"މިއަދު މުޅި ރާއްޖޭގައި އެ ހިންގުނީ މުހިއްމު ސިޔާސީ ހަރަކާތެއް. ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން. ހުރިހާ މެންބަރުންނަށް މަރުހަބާ އާއި ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

އަމްރު ހަމައެކަނި ވިދާޅުވީ ކާމިޔާބު އިއުލާން ނުކޮށް އެ ތިބީ އިންތިހާބުގެ ވަގުތީ ނަތީޖާ ނުލިބޭތީ ކަމަށެވެ.

ނަތީޖާ ލަސްވަމުން ދާތީ އެކަމުގެ ކަންބޮޑުވުންތައް ޑިމޮކްރެޓްސްގެ އާއްމު މެމްބަރުން ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

އެ ޕާޓީއާ މި ފަހުން ގުޅުނު އަރޫ، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ތަބަކަށް ލާފައި ދިން ނަމަ ހަސަނަށް ޕާޓީގެ ރައީސްކަން ލިބުނީސް ކަމަށެވެ. ކުރިން ވެސް އެގޮތް އޮތް ކަމަށާއި އެކަމަކު، އެ މަގާމަށް އަމްރު އިންތިހާބުވިކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށް އޭނާ ބުންޏެވެ.

"ވޯޓުލުން ނިމި، އިއުލާން ކުރުން ލަސްވެ، އަމިއްލަ އަށް މޮޅުވިކަން ވެސް ނިންމައިފި. އަސްލަށް މޮޅުވި ނަމަ އުފަލުން މަރުހަބާ ކިޔާނަން،" އަރޫގެ ނަމުގައި ކުރި ޓްވީޓުގައި ބުންޏެވެ.

އެކަމަކު، ހަސަނަށް ކާމިޔާބުވިކަން އޭނާ އިއުލާން ކުރެއްވުމުން ވެސް މަރުހަބާ ކިޔާފައިވެ އެވެ.

އެތައް ލައްކައަކަށް ވުރެ ގިނަ މީހުން ވޯޓުލާ އިންތިހާބުތަކުގެ ވަގުތީ ނަތީޖާ ވެސް ރާއްޖޭގައި އިލެކްޝަންސް ކޮމިޝަނުން ހައެއްކަ ގަޑިއިރުގެ ތެރޭގައި އިއުލާން ކުރެ އެވެ. އަދި މީގެ ކުރިން ބޭއްވި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ވެސް އާންމު ގޮތެއްގައި ނަގަނީ އެހާއިރެވެ.