Roadha Mihaaru
ހުޅުމާލޭގެ ސްކޫލުގެ ޖާގައިގެ ހައްލަށް 4 ސްކޫލު ބޭނުން

ހުޅުމާލޭގެ ސްކޫލުތަކުގެ ޖާގައިގެ ހައްލަށް މި ވަގުތަށް ހަތަރު ސްކޫލު ބޭނުންވޭ: މިނިސްޓަރު

03 ޑިސެމްބަރ 2023

ފާއިތުވި އަހަރުތަކުގެ ތެރޭގައި ހުޅުމާލޭގެ އާބާދީ އެތައް ގުނައެއް އިތުރުވެފައިވާތީ އަވަސް ހައްލަކަށް ދިއުމަށް ވެސް މި ވަގުތު އިތުރު ހަތަރު ސްކޫލު ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފާއިތުވި އަހަރުތަކުގެ ތެރޭގައި ހުޅުމާލޭގެ އާބާދީ އެތައް ގުނައެއް އިތުރުވެފައިވާތީ އަވަސް ހައްލަކަށް ދިއުމަށް ވެސް މި ވަގުތު އިތުރު ހަތަރު ސްކޫލު ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ޖާގައަށް އަންނަ ބަދަލުތައް މިނިސްޓްރީން މީގެ ކުރިން މޮނީޓާކުރި ކަމަށެވެ. އެއާއެކު، އެކަމަށް ނަގަންޖެހޭ ފިޔަވަޅުތައް މީގެ ކުރިން ނަގައި، އާބާދީ އިތުރުވަމުންދާތީ ހުޅުމާލޭގައި ސްކޫލުތައް ވެސް އަޅަމުންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މި ވީ މުއްދަތުގެ ތެރޭގައި ހުޅުމާލޭގެ އާބާދީ އެއް ފަހަރާ އެތައް ގުނައަކުން އިތުރުވެފައިވިޔަސް، އެކަމަށް އެޑިއުކޭޝަން މިނިސްޓްރިން ރިއާޔަތްނުކުރުމަކީ ޕޮލިސީ ވޭކްނެސް އެއް ކަމަށް ޝަފީއު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެކަށީގެންވާ ގޮތުގައި ޕޮލިސީ ލެވެލްގައި ރިއާޔަތްކުރިނަމަ، އަޅުގަނޑުމެންނަށް އެބަފެނޭ ޕޮލްކޯ ނިމެނީކަން، ސިފްކޯ ނިމެނީކަން، ހިޔާ ފްލެޓު ނިމިއްޖެކަން އަދި ވިނަރެސް ފްލެޓު މިހާރު ދިނުމުގެ މަރުހަލާގައި ކަން ހުރީ.. އެހެން ނަމަ އެކަށީގެންވާ އަދަދަށް އަޅުގަނޑުމެންށް ސްކޫލު ބިނާކުރުމުގެ މަސައްކަތް ކުރެވޭނެ. އެއީ ހަމަ ވަރަށް ބޮޑު ގޮންޖެހުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އަޅުގަނޑަށް ގަބޫލުކުރެވެނީ މިހާރުން މިހާރަށް ވެސް ހުޅުމާލޭގައި އެންމެ ފަހުން ބިނާކުރެވުނު އިމާރާތުގެ ހަތަރު ސްކޫލު ބިނާކުރަންވާނެ އިމެޑިއެޓް ހައްލަކަށް ދަންޏާ ވެސް."

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި މި ފަހުން ހުޅުވި ތިން ސްކޫލުގައި ވެސް ފުރަތަމަ ކިޔަވައިދޭން ފެށީ އެއް ދަންފަޅިއަށް ކަމަށެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި ރެހެންދި ސްކޫލާއި ހުރަވީ ސްކޫލު އަދި ނިމިދިޔަ ސަރުކާރުން އެޅި ސަލާހުއްދީން ސްކޫލެވެ.

އެ ސްކޫލުތަކުގެ ތެރެއިން މި ވަގުތު އެއްދަންފަޅިއަށް ކިޔަވައިދެނީ ސަލާހުއްދީންގައި އެކަންޏެވެ. ޖާގައިގެ ދަތިކަމާ ހެދި ހުރަވީ އަދި ރެހެންދި ސްކޫލު ވަނީ ދެ ދަންފަޅިއަށް ބަދަލުކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ހަތަރު ސްކޫލަކީ އެންމެ އެކަށީގެންވާ އަދަދެއް ވެސް ނޫން ކަމަށެވެ. އެކަމަކު، 1،200 އެއްހާ ކުދިންގެ ޖާގައިގެ ސަލާހުއްދީން ވަރުގެ ހަތަރު ސްކޫލުން، ހުޅުމާލޭގައި މިހާރު ހިންގާ އެހެން ސްކޫލުތަކުގެ ޖާގައަށް އުނދަގޫނުކޮށް، މި ވަގުތަށް ފުއްދާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.