Roadha Mihaaru
ޕީޓީއޭއަށް ފައިސާ ހޯދަން ކޮންމެ ކުއްޖަކަށް ފަންގަނޑެއް

ށ. ފޭދޫ ސްކޫލްގެ ޕީޓީއޭއަށް ފައިސާ ހޯދަން ހުރިހާ ކުދިން ކޮންމެ މަހަކު ފަންގަނޑެއް ގެންދަނީ!

15 އޯގަސްޓް 2024

ށ. ފޭދޫ ސްކޫލްގެ ބެލެނިވެރިންނާއި ޓީޗަރުންގެ ޖަމިއްޔާ އަށް ފައިސާ ހޯދުމަށްޓަކައި ކޮންމެ މަހަކު ކޮންމެ ކުއްޖަކު ފަންގަނޑެއް ވިޔެގެން ގެންދަން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ށ. ފޭދޫ ސްކޫލްގެ ބެލެނިވެރިންނާއި ޓީޗަރުންގެ ޖަމިއްޔާ އަށް ފައިސާ ހޯދުމަށްޓަކައި ކޮންމެ މަހަކު ކޮންމެ ކުއްޖަކު ފަންގަނޑެއް ވިޔެގެން ގެންދަން ނިންމައިފި އެވެ.

އެ ރަށު ސްކޫލުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި، ޕީޓީއޭ އަށް ފަންޑު އިތުރު ކުރުމަށް ހަ ކަމެއް ނިންމާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ކޮންމެ ކުއްޖަކު ކޮންމެ މަހަކު ފަންގަނޑެއް ވިޔެގެން ސްކޫލަށް ގެންދަން ޖެހޭ ގޮތަށް ނިންމުމެވެ.

އޭގެ ބޭނުމަކީ ގެންދާ ފަންތައް ޕީޓީއޭއިން ވިއްކުން ކަމަށް ވެސް އެ އެންގުމުގައި ވެ އެވެ.

ފޭދޫ ސްކޫލް ޕީޓީއޭ އަށް ފައިސާ ހޯދުމަށްޓަކައި ދެން ކުރަން ނިންމާފައި ވަނީ ބެލެނިވެރިންގެ ފެއާއެއް ނުވަތަ މައުރަޒެއް ބޭއްވުމާއި ބެލެނިވެރިންގެ މަސައްކަތު ދުވަހަކާއި ޕޭސްޓްރީ ދުވަހެއް އަދި ކެންޓީނު ހިންގާ ދުވަހެއް ފާހަގަކުރުމެވެ.

ސްކޫލްތަކަށް ގެންދަން އަންގާ ތަކެއްޗާ މެދު ހިތްހަމަނުޖެހިގެން ބައެއް ބެލެނިވެރިން މީގެ ކުރިން ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ. އެންމެ ފަހުން އެ ވާހަކަ ދެއްކެވުނީ ކްލާސްރޫމްތައް އޭސީ ކުރުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނަގާ ކަމަށް ބުނެ އެވެ.

އެކަމާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ބައެއް ސްކޫލްތަކުގެ ބެލެނިވެރިން އެކަން ކުރަނީ އެ މީހުންގެ ދަރިންނަށްޓަކައި އަދި ސްކޫލާއި ރަށް ކުރިއެރުމުގެ ނިޔަތުގައި ކަމަށެވެ.

އެހެންވެ، އެފަދަ ކަމެއް މިނިސްޓްރީން ނުހުއްޓުވާނެ ކަމަށާއި އެކަމަކު އެ ފަދަ ކަންކަމަށް ފައިސާ ދޭން އެއްވެސް ބެލެނިވެރިއަކަށް މަޖުބޫރު ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.