Roadha Mihaaru
ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ކުއްޖަކު ފެނިއްޖެ

ދިގުރަށުގައި ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ކުނިގޮނޑުން ފެނިއްޖެ

03 ޑިސެމްބަރ 2023

އދ. ދިގުރަށުގައި ވިހެއުމަށް ފަހު، ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެ ރަށުގެ ކުނިގޮނޑުން މިއަދު ފެނިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ދިގުރަށުގައި ވިހެއުމަށް ފަހު، ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެ ރަށުގެ ކުނިގޮނޑުން މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އެ އިދާރާ އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:20 ހާކަށް ހާއިރު ކަމަށެވެ.

އެ ކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

"މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން،" ފުލުހުން ބުންޏެވެ.

އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން "މިހާރު" އަށް ވިދާޅުވީ ކޮތަޅެއްގެ ތެރޭގައި އޮތް އެ ކުއްޖާ ފެނުނީ އެ ރަށު ކުނިގޮނޑުގައި މަސައްކަތް ކުރާ މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް މިއަދު ހެނދުނު 8 ޖަހާކަށް ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ކުއްޖާ އޮތީ ރަށުގެ ގެތަކުންނާއި ގެސްޓް ހައުސްތަކުން ނެގި ކުނި ކޮތަޅެއްގެ ތެރޭގަ އެވެ. ނަމަވެސް އެއީ ސީދާ ކޮން ގެއަކުން ނުވަތަ ގެސްޓް ހައުސްއަކުން ނެގި ކޮތަޅެއް ކަމެއް އަދި ނޭނގެ އެވެ. ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކުއްޖާ އޮތީ ޑަސްޓްބިން ބޭގެއް، ކަޅު ކޮތަޅެއްގެ ތެރެއަށް ލައިފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކަށް ވާތީ އިތުރު ތަފުސީލު ދެވެން އަދި ނެތް ކަމަށެވެ.