Roadha Mihaaru
ކުނި ގޮނޑުން ފެނުނު ކުއްޖާ ވަޅުނުލެވި މަހެއް!

ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑަށް ހަދާނެ ގޮތަކާ މެދު އާއިލާއާ މަޝްވަރާކުރަނީ

04 ޖެނުއަރީ 2024

އދ. ދިގުރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮއްވާ މީގެ މަހެއްހާ ދުވަސް ކުރިން ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ވަޅުނުލެވި ލަސްވަނީ، މަންމަ ފަރާތުގެ އާއިލާއާ މަޝްވަރާކުރަމުން އަންނާތީ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އދ. ދިގުރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮއްވާ މީގެ މަހެއްހާ ދުވަސް ކުރިން ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ވަޅުނުލެވި ލަސްވަނީ، މަންމަ ފަރާތުގެ އާއިލާއާ މަޝްވަރާކުރަމުން އަންނާތީ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކޮތަޅެއްގެ ތެރޭގައި މަރުވެފައި އޮއްވައި އެ ކުއްޖާ ފެނުނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހެވެ. ތަހުގީގަށް ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ހަށިގަނޑު ގެންދިއުމަށް ފަހު މިދިޔަ މަހުގެ ތެރޭގައި ވަނީ މާލެ ގެނެސްފަ އެވެ.

އެ ކުއްޖާގެ މަރާ ގުޅިގެން ހައްޔަރުކުރީ ދިގުރަށުގައި މަސައްކަތް ކުރާ ސްރީ ލަންކާގެ އަންހެނެކެވެ. ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ކުއްޖާގެ ހަށިގަނޑަށް ހަދާނެ ގޮތެއް ނިންމުމަށް، އެމްބަސީ މެދުވެރިކޮށް ކުއްޖާ މަންމަގެ އާއިލާއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ދިގުރަށު ރަށު ކައުންސިލުން ކުރިން ބުނެފައި ވަނީ އެ ކުއްޖާ ފެނުނީ އެ ރަށުގެ ކުނިގޮނޑުގައި މަސައްކަތް ކުރާ މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް ކަމަށެވެ. ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކައި ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށް ވެސް ކައުންސިލުން ބުނެފައި ވެ އެވެ.